ފުރަތަމަ ސަފްޙާ / ޚަބަރު / ހުނަރުވެރި މިޑްފީލްޑަރު އިއްބެ ވަހީދު ކައިވެނިކޮށްފި
ފަހުމިނެޓް

ހުނަރުވެރި މިޑްފީލްޑަރު އިއްބެ ވަހީދު ކައިވެނިކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 އޮގަސްޓް 2020

ގައުމީ ފުޓްބޯޅަ ޓީމާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) މިއަދު ކައިވެނިކޮށްފި އެވެ.

ހދ. ނޮޅިވަރަންފަރަށް އުފަން 24 އަހަރުގެ އިއްބެ ވަހީދު ކައިވެނި ކުރީ ކ. މާލެ، ހައްވާ ސަހާއާ އެވެ. ސަހާ އަކީ ސީނިއާ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގައި  ހިމެނޭ މުހިއްމު ކުޅުންތެރިއެކެވެ. އިއްބެގެ ކައިވެނީގެ ހަފްލާ އޮތީ މިއަދު ހަވީރު މާލޭގަ އެވެ. މި ހަފްލާގައި ދެ އާއިލާގެ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

އިއްބެ ވަހީދު އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުން ފުރަތަމަ ޑިވިޝަނަށް ނުކުތް އިއްބެ ވަހީދު ވިދާލީ 2015 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބާ ގުޅުނު ހިސާބުންނެވެ. މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ކޯޗުކަމުގައި ޓީސީ އަށް ބަދަލުވެ އިއްބެ ވަހީދު ދައްކަމުން އައި މޮޅު ކުޅުމާއެކު އޭނާ އަށް 2017 ވަނަ އަހަރު ސީނިއާ ގައުމީ ޓީމުން ވެސް ފުރުސަތު ލިބުނެވެ. ޓީސީގައި ހޭދަކުރި ހަތަރު ސީޒަނުގައި އިއްބެ ވަހީދު ވަނީ ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕާއި 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު އެ ކްލަބާއެކު ކާމިޔާބުކޮށްފަ އެވެ. ޓީސީގައި ދެއްކި މޮޅު ކުޅުމާއެކު އިއްބެ ވަހީދުގެ ސޮއި މާޒިޔާ އިން ހޯދީ 2019 ވަނަ އަހަރު އެވެ. މާޒިޔާ އަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި ވެސް އިއްބެ ވަހީދު ވަނީ ލީގު އައްޑަނަ އުފުލާލައިފަ އެވެ.

ގައުމީ ޓީމުން 2017 ވަނަ އަހަރުގެ މާޗް މަހު ލިބުނު ފުރުސަތުގެ ބޭނުންހިފައި އިއްބެ ވަހީދު އައީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ބަރާބަރަށް ފުރުސަތު ހޯދަމުންނެވެ. އެހެންނަމަވެސް އަނިޔާގެ ސަބަބުން މިދިޔަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ބައެއް މެޗުތަކުގައި އިއްބެ ވަހީދު ނުފެނެ އެވެ. ގައުމީ ޓީމުގެ ޖާޒީގައި އިއްބެ ވަހީދުގެ ފުރަތަމަ ލަނޑު ފެނުނީ 2018 ވަނަ އަހަރުގެ މާޗް މަހު ގަލޮޅު ދަނޑުގައި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން އަތުން ރާއްޖެ 7-0 އިން މޮޅުވި މެޗުގަ އެވެ. އެއަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ ވެސް އިއްބެ އެވެ. ރާއްޖެ ސެމީ ފައިނަލުގައި ނޭޕާލް ބަލިކޮށް ފައިނަލަށް ދަތުރުކުރިއިރު އިއްބެ ވަހީދު ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

އިއްބެ އާއި ސަހާގެ ކައިވެންޏަށް “ފަހުމިނެޓް” ޓީމުގެ މަރުހަބާ ކިޔަމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!