ފުރަތަމަ ސަފްޙާ / ޚަބަރު / ބަޔާން ހާސްކޮށްލެވޭނެ ފެންވަރު އަހަރެމެންގެ އެބަހުރި: ލިޔޯން ކޯޗު

ބަޔާން ހާސްކޮށްލެވޭނެ ފެންވަރު އަހަރެމެންގެ އެބަހުރި: ލިޔޯން ކޯޗު

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 އޮގަސްޓް 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މުބާރާތުގެ ފޭވަރިޓުން ކަމަށްވާ ބަޔާން މިއުނިކާ ދެކޮޅަށް މިރޭ ފްރާންސްގެ ލިޔޯން ނުކުންނައިރު، ބަޔާން ހާސްކޮށްލެވޭނެ ފެންވަރު އެ ކްލަބުގައި އެބަހުރި ކަމަށް ލިޔޯންގެ ކޯޗު ރުޑީ ގާސިއާ ބުނެފި އެވެ.

ލިޔޯންއާ ދެކޮޅަށް ނުކުންނަ ޖަރުމަނުގެ ޗެމްޕިއަން ބަޔާނުން ވަނީ ކުއާޓާ ފައިނަލުގައި ގަދަފަދަ ބާސެލޯނާ 8-2 އިން ބަލިކޮށްފަ އެވެ. އެ މޮޅަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބަޔާނުން ޖެހިޖެހިގެން ހޯދި ނުވަ ވަނަ މޮޅެވެ. އަނެއްކޮޅުން އެޓީމުން ވަނީ އެންމެ ފަހުން ކުޅުނު 28 މެޗުގެ ތެރެއިން 27 މެޗުން މޮޅުވެފަ އެވެ. އެހެންވެ މިރޭގެ މެޗަށް ލިޔޯންއާ ދެކޮޅަށް ނުކުންނައިރު ބަޔާންގެ އާދަޔާހިލާފު ފޯމު ހުއްޓުވުމަކީ އުނދަގޫ ކަމަކަށް ވާނެކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެކަމަކު ލިޔޯންގެ ކޯޗު ގާސިއާ ބުނީ އެއްވެސް ޓީމަކީ ފުރިހަމަ ޓީމެއް ނޫން ކަމަށާއި، ބަޔާން ހާސްކޮށްލުމުގެ ފެންވަރު އޭނާގެ ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށެވެ.

“ތަފާސް ހިސާބަށް ބަލައިގެން މެޗަށް ނުކުންނަން ޖެހޭ ނަމަ އަހަރެމެން ޖެހޭނީ ހޮޓަލުގައި ތިބެން. އަހަރެމެންނަށް އެނގޭ ވާދަކުރަން މިއުޅެނީ ކޮން ބަޔަކާކަން. އެމީހުންގެ މާ ބައިވަރު ބަލިފައިތަކެއް ނެތް. އެކަމަކު އެއްވެސް ޓީމެއް އެންމެ ފުރިހަމައެއް ނުވާނެ. އަހަރެންގެ ޓީމުގެ ކުޅުންތެރިންގެ ކިބައިގައި އެބަހުރި ފެންވަރު. ބަޔާން ހާސްކޮށްލެވޭނެ ފެންވަރު ވެސް މި ޓީމުގައި އެބަހުރި” މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިއާ ބުންޏެވެ.

ލިޔޯން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ފޭވަރިޓުން ކަމަށްވާ ޔުވެންޓަސް އާއި މެންޗެސްޓަރ ސިޓީ ކަޓުވާލުމަށް ފަހު އެވެ. ދެ ވަނަ ބުރުގައި އަވޭ ލަނޑުގެ އުސޫލުން ޔުވެންޓަސް ކަޓުވާލުމަށް ފަހު މިހާރު ޕޯޗުގަލްގައި ކުރިއަށްދާ މިނީ މުބާރާތުގެ ކުއާޓާގައި ލިޔޯނުން ވަނީ 3-1 އިން ޕެޕް ގާޑިއޯލާގެ ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. ގާސިއާ ބުނީ މެޗަށް ނުކުންނައިރު ފޭވަރިޓުންނަކީ ބަޔާންކަން ގިނަ ބަޔަކު ގަބޫލުކުރާނެ ކަމަށާއި، އެކަމަކު ލިޔޯނުން މަޝްހޫރު ބައެއް ޓީމުތައް ކަޓުވާލުމަކީ އެޓީމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

“ސެމީ ފައިނަލާ ހަމައަށް ޓީމު ދަތުރުކުރީ ވަރަށް މަސައްކަތުން. ސިޓީ މެޗަށް ނުކުތުމުގެ ކުރިން ތަފާސް ހިސާބަށް ބަލާނަމަ އަހަރެމެންނަށް މާބޮޑު ކަމެއް ވާނެ ކަމަށް ގަބޫލެއް ނުކުރެވޭ. ބަޔާންއާ ދެކޮޅަށް ނުކުންނައިރު ވެސް އޮތީ ހަމަ އެކަހަލަ ހާލަތެއް. އަހަރެމެންނަށް އެނގޭ ފޭވަރިޓުންނަކީ ބަޔާންކަން އެކަމަކު ލިބޭ ފުރުސަތުގެ ބޭނުން ހިފައިފި ނަމަ ލިޔޯނަށް ވެސް ޗާންސެއް އޮންނާނެ” މިދިޔަ ސީޒަނުގެ ފްރެންޗް ލީގުގެ ހަތް ވަނައިގައި ނިންމާލި ލިޔޯން ޓީމުގެ ކޯޗު ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޖަރުމަނުގެ އާރްބީ ލައިޕްޒިގް 3-0 އިން ބަލިކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އިން ވަނީ ކަށަވަރުކޮށްފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޕީއެސްޖީ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕޯޗުގަލްގައި އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.

ލިޔޯން އާއި ބަޔާން މިއުނިކް ސެމީ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!