ބާސެލޯނާގެ ކޯޗުކަމުން ކީކޭ ސެޓިއެން ވަކިކުރިތާ ދެވަނައަށްވީ ދުވަހު އެ ކްލަބުގެ ކޯޗުކަމުގެ މަގާމަށް ނެދަލެންޑްސް ރޮނާލްޑް ކޫމަން ހަމަޖައްސައިފި އެވެ. ބާސެލޯނާއާ ކޫމަން ހަވާލުވީ އޭނާ އަދާކުރަމުން އައި ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ދޫކޮށްލުމަށް ފަހު އެވެ.
ބާސެލޯނާގެ ކޯޗުކަމުން ސެޓިއެން ވަކިކުރީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާ ވާދަކޮށް 8-2 ލަދުވެތި ނަތީޖާއަކުން ބާސެލޯނާ ބަލިވުމުންނެވެ. ސެޓިއެންގެ ބަދަލުގައި ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާނީ ކޫމަން ކަން ކުރިން ވެސް އޮތީ ޔަގީންވެފަ އެވެ. އެކަމަކު ކޫމަން އެ މަގާމާ ހަވާލުވިކަން ބާސެލޯނާއިން ރަސްމީކޮށް ހާމަކުރީ މިއަދު އެވެ.
ނެދަލެންޑްސްއާ އެކު ކޫމަން ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާގެ ކޯޗުކަމާ 57 އަހަރުގެ ކޫމަން ހަވާލުވީ ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށެވެ. 1989 އިން 1995 ވަނަ އަހަރާއި ހަމައަށް ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު ކޫމަން ވަނީ އެ ކްލަބާއެކު ހަތަރު ލީގު ތައްޓާއި 1992 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ކާމިޔާބުކޮށްފަ އެވެ.
ބާސެލޯނާގެ ކޯޗުކަމަށް ކޫމަން ހަމަޖެއްސީ މި ސީޒަން ހުސްއަތާ ނިންމާލަން ޖެހި ކްލަބްގެ މިސްރާބާ މެދު މެނޭޖްމަންޓުން ހިތްހަމަ ނުޖެހުމުންނެވެ. ސެޓިއެންގެ ކޯޗުކަމުގައި ބާސެލޯނާ އަށް މި ސީޒަނުގައި ތައްޓެއް ކާމިޔާބު ނުކުރެވުނުއިރު މިއީ 2008 ވަނަ އަހަރަށް ފަހު އެޓީމަށް ތައްޓެއް ނުލިބި ދިޔަ ފުރަތަމަ ސީޒަނެވެ. ދެ އަހަރާއި ބައިގެ މުއްދަތަކަށް ސެޓިއެން މިއަހަރުގެ ޖެނުއަރީ މަހު ބާސެލޯނާގެ ކޯޗަކަށް ހަމަޖެއްސީ އާނެސްޓޯ ވަލްވޭޑޭއާ އެކު ނަތީޖާތައް ރަނގަޅުނުވުމުންނެވެ.
ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގައި ކޫމަން އެންމެ ފުރަތަމަ ފެނުނީ ނެދަލެންޑްސްގެ އެސިސްޓެންޓުގެ ގޮތުގަ އެވެ. ގުސް ހިޑިންކްގެ ދަށުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ނެދަލެންޑްސްއާ އެކު މަސައްކަތްކޮށް އެ އަހަރު ކޫމަން ވަނީ ބާސެލޯނާގެ އެސިސްޓެންޓްގެ މަގާމާ ހަވާލުވެފަ އެވެ. ބާސެލޯނާގެ ކޯޗަކަށް އޭރު ހުރީ ނެދަލެންޑްސް އަށް އުފަން ލުއި ވެން ހާލް އެވެ. ފުލްޓައިމް ކޯޗެއްގެ ގޮތުގައި ކޫމަން ވަނީ ސްޕެއިން، ޕޯޗުގަލް އަދި އިނގިރޭސި ބައެއް ކްލަބްތަކަށް އިރުޝާދުދީފަ އެވެ. ކޫމަން ވަނީ އަޔަކްސް އަދި ޕީއެސްވީއާ އެކު ނެދަލެންޑްސްގެ ލީގު ކާމިޔާބުކޮށް ސްޕެއިންގެ ވެލެންސިއާގައި 2007 ވަނަ އަހަރު ހޭދަކުރި ކުރު މުއްދަތުގައި އެ ކްލަބަށް ކޮޕަ ޑެލްރޭ ކާމިޔާބުކޮށްދީފަ އެވެ. ވެލެންސިއާގެ ކޯޗުކަމުން ކޫމަން ވަކިކުރީ ރެލިގޭޓް ނުވެ ކިރިޔާ ސަލާމަތްވުމުންނެވެ. އޭގެފަހުން ކޫމަން ވަނީ ނެދަލެންޑްސްގެ އޭޒެޑް އަލްކަމާ އާއި ފޭނޫޑަށް ކޯޗުކަން ކޮށްދީފަ އެވެ.
އިނގިރޭސި ވިލާތުގެ ސައުތެމްޓަނުގެ ކޯޗުކަމާ 2014 ވަނަ އަހަރު ހަވާލުވުމަށް ފަހު ކޫމަން ހޭދަކުރި ދެ ސީޒަނުގައި އެ ކްލަބް ނިންމާލީ ލީގުގެ ހަތް ވަނަ އާއި ހަ ވަނައިގަ އެވެ. ކޫމަންގެ ފަހު ސީޒަނުގައި ސައުތެމްޓަން ވަނީ ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖް ކޮލިފިކޭޝަނުގައި ވެސް ކުޅެފަ އެވެ. ސައުތެމްޓަނަށް ފަހު ކޫމަން 2017 ވަނަ އަހަރު ބަދަލުވީ އެވަޓަން އަށެވެ. އެކަމަކު ބޮޑު ހަރަދުކޮށް ކުޅުންތެރިން ހޯދައިގެން އެ ކްލަބުގައި ކޫމަން އަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ. 16 މަސް ދުވަހަށް ފަހު ކޫމަން އެވަޓަންގެ ކޯޗުކަމުން ވަކިކުއިރި އެ ކްލަބް އޮތީ ލީގުގެ ރެލިގޭޝަން ޒޯންގަ އެވެ.
ކޫމަންގެ ކޯޗިން އަށް ބޮޑު ކުރިއެރުމެއް އައީ އެވަޓަން އަށް ފަހު 2018 ވަނަ އަހަރު ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވި ހިސާބުންނެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ނެދަލެންޑްސް އަށް ފުރުސަތު ނުލިބުމުން ކޫމަން ކޯޗުކަމަށް ހަމަޖައްސައި ނަތީޖާތައް ރަނގަޅުކުރި އެވެ. އޭނާގެ ކޯޗުކަމުގައި ނެދަލެންޑްސް އިން ޔޫއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ހޯދިއިރު އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫއެފާ ޔޫރޯ އިން ވެސް ފުރުސަތު ހޯދި އެވެ.
ކޫމަންއާ އެކު ބާސެލޯނާގެ އާ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ރާމޯން ޕްލޭންސް މިއަދު ވަނީ ހަމަޖައްސައިފަ އެވެ. ބާސެލޯނާގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ހުސްވީ އެރިކް އަބިދާލް އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދިނުމުންނެވެ. އަބިދާލް މަގާމް ފުރިއިރު ޕްލޭންސް ހުރީ އެސިސްޓެންޓަކަށެވެ.