ފުރަތަމަ ސަފްޙާ / ޚަބަރު / ނިޒާމްބެގެ ޕްލޭން ކާމިޔާބުކުރަން މާޒިޔާ އިން އުމެއިރު ގެނެސްފި

ނިޒާމްބެގެ ޕްލޭން ކާމިޔާބުކުރަން މާޒިޔާ އިން އުމެއިރު ގެނެސްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 އޮގަސްޓް 2020

މުހައްމަދު ނިޒާމް (ނިޒާމްބެ) މާޒިޔާގެ ކޯޗުކަމާ ހަވާލުވެ އެ ކްލަބަށް ގެންދިޔަ ފުރަތަމަ ކުޅުންތެރިއަކަށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރު ވެއްޖެ އެވެ. މިދިޔަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް ގައި މޮޅު ކުޅުމެއް ދެއްކި އުމެއިރު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މާޒިޔާ އަށް ބަދަލުވިކަން އެ ކްލަބުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ކުރިއަށް އޮތުމާއެކު މާޒިޔާގެ ކޯޗުކަމަށް ނިޒާމްބެ އެ ކްލަބުން ހަމަޖެއްސީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އުމެއިރުގެ ސޮއި މާޒިޔާ އިން ހޯދި އެންމެ ބޮޑު ސަބަބަކީ މި އަހަރުގެ އޭއެފްސީ ކަޕާއި އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ނަތީޖާތައް ރަނގަޅުކުރުމެވެ.

ލ. ކުނަހަންދޫ އަށް އުފަން 32 އަހަރުގެ އުމެއިރު ފުޓްބޯޅަ ކެރިއަރު 2006 ވަނަ އަހަރު ފެށީ ވިކްޓްރީ ސްޕޯޓްސް ކްލަބުންނެވެ. ވިކްޓްރީގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު އުމެއިރު ވަނީ 2010 ވަނަ އަހަރު ވީބީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. ވީބީ އަށް ކުޅުމަށް ފަހު 2011 ވަނަ އަހަރު އުމެއިރު މާޒިޔާގެ ޖާޒީގައި ފުރަތަމަ ފަހަރަށް ފެނުނެވެ. އެކަމަކު ޖެހިގެން އައި ސީޒަންގައި އުމެއިރު ވަނީ ފުރަތަމަ ކްލަބް ވިކްޓްރީ އަށް އެނބުރި ބަދަލުވެފަ އެވެ. އެ ސީޒަނުގައި ވިކްޓްރީގައި އުމެއިރު ވަނީ މޮޅު ކުޅުމެއް ދައްކައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހޯދާފަ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) ފަހަތަށް ޖައްސާލައި އުމެއިރު މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު ރަން ބޫޓު ހޯދީ އެ ސީޒަނުގައި ވިކްޓްރީ އަށް 26 ލަނޑު ޖަހައިދީގެންނެވެ. ވިކްޓްރީ ދޫކޮށްލުމަށް ފަހު 2013 އިން 2015 ވަނަ އަހަރުގެ ޕީޕަލްސް ކަޕާއި ހަމައަށް އުމެއިރު ފެނުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ނިއު އަށް ކުޅުނު ދުވަސްވަރު 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލުން އެޓީމު ޖާގަ ހޯދިއިރު އުމެއިރު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕީޕަލްސް ކަޕަށް ފަހު މާޒިޔާ އަށް ބަދަލުވެ ތިން ސީޒަނުގައި އުމެއިރު ވަނީ އެ ކްލަބަށް ކުޅެ މުހިއްމު ކާމިޔާބީތަކެއް ހޯދައިފަ އެވެ.

މާޒިޔާ އަށް މީގެ ކުރިން ކުޅުނު ދެ ބުރުގައި އުމެއިރު ވަނީ އެ ކްލަބާއެކު ހަތަރު ތަށި ކާމިޔާބުކޮށްފަ އެވެ. 2011 ވަނަ އަހަރު މާޒިޔާއާ އެކު އެފްއޭ ކަޕް ކާމިޔާބުކުރިއިރު 2015 ވަނަ އަހަރު އުމެއިރު ވަނީ މާޒިޔާއާ އެކު ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. 2016 ވަނަ އަހަރު އަލީ ސުޒޭންގެ ކޯޗުކަމުގައި މާޒިޔާ އިން ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އުމެއިރު ވަނީ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. 2017 ވަނަ އަހަރު މާޒިޔާއާ އެކު އުމެއިރު ވަނީ އެސްޓީއޯ މާލޭ ލީގު ހޯދާފަ އެވެ.

މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސްގެ ޖާޒީގައި ކުޅެ ލީގުގައި އުމެއިރު ވަނީ ހަތަރު ލަނޑު ޖަހައި ހަ ގޯލްޖަހަން އެހީތެރިވެދީފަ އެވެ. ސީޒަނުގެ ފަހުކޮޅު ދަގަނޑޭ ގްރީން ސްޓްރީޓްސް ދޫކޮށް ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވުމުން ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އުމެއިރު އެވެ. ގްރީން ސްޓްރީޓްސް ޓީމުގައި އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދެއްކުމުން އުމެއިރު އަށް މިހާރު ވަނީ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން އަލުން ފުރުސަތު ލިބިފަ އެވެ.

ފުޓްބޯޅަ ކެރިއަރު ފެށިތާ ކުޑަ ދުވަސްކޮޅެއްތެރޭ އުމެއިރު ވަނީ ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދައިފަ އެވެ. 2007 ވަނަ އަހަރު ސީނިއާ ޓީމުން ފުރުސަތު ލިބުނުއިރު ޒުވާން ގައުމީ ޓީމުގައި ވެސް އުމެއިރު ވަނީ އޭރު ކުޅެފަ އެވެ. ގައުމީ ޓީމަށް ކުޅެދިން 60 މެޗުގައި މިހާތަނަށް އުމެއިރު ވަނީ އަށް ލަނޑު ޖަހައިފަ އެވެ. މި އަށް ލަނޑުގެ ތެރެއިން 2014 ވަނަ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި އުމެއިރު ވަނީ މިޔަންމާ ކޮޅަށާއި ފިލިޕީންސް ކޮޅަށް ލަނޑު ޖަހައިފަ އެވެ. ކްލަބް ލެވެލް އާއި ގައުމީ ޓީމުގައި ވެސް އުމެއިރު ފާހަކުރެވެނީ ކޮންމެ މަގާމަކަށް ވެސް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ޑިފެންޑަރެއްގެ ގޮތުގައި ކުޅެން ފެށި ނަމަވެސް އުމެއިރު އޭގެ ފަހުން ފެންނަނީ މިޑްފީލްޑް އަދި ކުރިއަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އުމެއިރުއާ އެކު މާޒިޔާ އިން އެންމެ އަވަހަށް ނުކުންނާނީ އޮކްޓޫބަރު 23 އިން ނޮވެމްބަރު ހަތަރަކަށް މާލޭގައި އޮންނަ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ނިސްބަތްވާ ގްރޫޕް ސްޓޭޖުގެ މެޗުތަކަށެވެ. މާޒިޔާގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ ރާއްޖޭގެ ޓީސީ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއި އެފްސީ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރަށުން ބެރުގައި ޗެންނާއީއާ ކުޅެ މާޒިޔާ ވަނީ އެއްވަރުވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!