ފުރަތަމަ ސަފްޙާ / ޚަބަރު / ޕީއެސްޖީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

ޕީއެސްޖީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 އޮގަސްޓް 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރޭ ޖަރުމުނުގެ އާރުބީ ލައިޕްޒިގާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ. ޕޯޗްގަލްގެ ލިސްބަންގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 0-3 އިންނެވެ.

ކޮރޯނާވައިރަހާ ގުޅިގެން މުބާރާތުގެ ކުއާޓަރ ފައިނަލާއި ހަމައިން ފޯމެޓަށް ބަދަލު ގެނެސްގެން ކުޅެމުން އަންނަ މިފަހަރުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޕީއެސްޖީން ކަށަވަރުކުރި އިރު އެ ކުލަބަކީ މި މުބާރާތް ކާމިޔާބުކުރުމަށްޓަކައި އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ ކުލަބްތަކުގެ ތެރޭގައި ހިމެނޭ އެއް ކުލަބެވެ. އެހެން ނަމަވެސް ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ކިލިއެން އެމްބާޕޭ ފަދަ ތަރިން ރެކޯޑް އަގުތަކުގައި ގެނެގެން ކުޅެމުން އަންނަ އެ ކުލަބަށް މިދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ސެމީ ފައިނަލާ ހިސާބަށްވެސް އާދެވިފައި ވަނީ މިފަހަރު އެކަންޏެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ކުއާޓަރ ފައިނަލުގައި އިޓަލީގެ އެޓަލާންޓާ އާ ވާދަކޮށް ފަހަތުން އަތައި ޕީއެސްޖީ މޮޅުވި މެޗުގައި ވެސް  އެޓީމުގެ ފުރަތަމަ ގޯލް ޖަހައިދިން ބްރެޒިލްގެ ޑިފެންޑަރު މާކީނޯ އެވެ. މި ގޯލަކީ ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި އެންހެލް ޑި މާރިއާ ނަގައިދިން ހިލޭ ޖެހުމެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން އުމުރުން 26 އަހަރުގެ މާކީނޯ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބްރެޒިލްގެ އަގުބޮޑު ފޯވާޑް ނޭމާ ދިން ރީތި ބޯޅަ އެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ޑި މާރިއާ ވަނީ ޕީއެސްޖީ އަށް އެ ޓީމުގެ ލީޑް ފުޅާކޮށްދީފަ އެވެ.

އުފެދުނުތާ އެންމެ 11 އަހަރުވީ ލައިޕްޒިގާއި ދެކޮޅަށް ޕީއެސްޖީން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާގެ ފަރަގު ބޮޑުކުރަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. ނޭމާ އާއި އެމްބަޕޭގެ ފަރާތުން ލައިޕްޒިގްގެ ޑިފެންސް ލައިނަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވި މި މެޗުގެ ފުރަތަމަ ހާފުގައި ނޭމާ ފޮނުވާލި ނުރައްކާތެރި ތިން ހަމަލާ އެއްގެ ތެރެއިން ދެ ހަމަލާ އެއް ގޯލް ދަނޑީގައި ޖެހިފައި ނިކުތްއިރު އެނެއް ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

ޕީއެސްޖީން ރޭގެ މެޗުގައި ގޯލެއް ޖަހައި ލީޑް ނަގައިފައި ވަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރަން މުބާރާތުގެ ސެމީ ފައިނަލުގައި އަލަށް ވާދަކުރި ލައިޕްޒިގަށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ލައިޕްޒިގްގެ ޑެނީ އޮލްމޯ ދިން ބޯޅަ އެ ޓީމުގެ ޔޫސުފް ޕޯލްސަން ފޮނުވާލުމުން ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 56 ވަނަ މިނެޓްގައި ސްޕެއިންގެ ހުވާން ބާނޭ އެވެ. މި ލަނޑު އުމުރުން 27 އަހަރުގެ ބާނޭ ކާމިޔާބުކުރިއިރު ލައިޕްޒިގުން ހީކޮށްގެން ތިބީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.

ޕީއެސްޖީ އަށް މުބާރާތުގެ ފައިނަލުގައި ވާދަކުރަންޖެހޭނީ މިރޭ ބަޔާން މިޔުނިކާއި އޮލިމްޕިކް ލިޔޯން ވާދަކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ އެވެ. ފައިނަލް މެޗް ކުޅޭގޮތަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!