ފުރަތަމަ ސަފްޙާ / ޚަބަރު / ސެޓިއެން ވަކިކޮށް ބާސެލޯނާގެ ކޯޗަކަށް ކޫމަން ހަމަޖައްސަނީ

ސެޓިއެން ވަކިކޮށް ބާސެލޯނާގެ ކޯޗަކަށް ކޫމަން ހަމަޖައްސަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 އޮގަސްޓް 2020

ބާސެލޯނާގެ ކޯޗްކަމުގެ މަގާމުން ކީކޭ ސެޓިއެން ވަކިކޮށްފި އެވެ. މިއަހަރުގެ ޖެނުއަރީ މަހު އެ ކުލަބުގެ ކޯޗުކަމުގެ މަގާމާއި ހަވާލުވި ރެއާލް ބެޓިސްގެ ކުރީގެ ކޯޗް ސެޓިއެން މަގާމުން ވަކިކޮށްފައި މިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި 2-8 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަޔާން މިޔުނިކް އަތުން ބާސެލޯނާ ބަލިވިތާ ތިން ވަނައަށް ވީ ދުވަހު އެވެ. ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާސެލޯނާގެ ކޯޗުކަމާ ދެން ހަވާލުވާނީ ކުރިން އެ ކުލަބަށް ކުޅެފައިވާ ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗް ރޮނާލްޑް ކޫމަން އެވެ.

ބާސެލޯނާގެ ކޯޗުކަމުގެ މަގާމުން ވަކިކުރި އުމުރުން 61 އަހަރުގެ ސެޓިއެންގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅެފައިވަނީ އެންމެ 25 މެޗެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ބޮޑު ލަދަކާއެކު ބާސެލޯނާ ކެޓުމުގެ އިތުރުން މި ސީޒަނުގައި އެ ކުލަބަށް އެންމެ ތަށްޓެއްވެސް ހޯދިފައެއް ނުވެއެވެ.

ބާސެލޯނާގެ ކޯޗުކަމުގެ މަގާމުން ސެޓިއެން ވަކި ކުރުމަށްފަހު ނެރުނު ބަޔާނެއްގައި އެ ކުލަބުން ބުނެފައިވަނީ އެއީ އެ ކުލަބުގެ އޮނިގަނޑަށް ގެންނަން ނިންމައިފައިވާ ބޮޑެތި ބަދަލުތަކެއްގެ ފެށުން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާ ކޯޗަކު ހަމަޖައްސާނެ ކަމަށެވެ. މީގެ އިތުރުން ބާސެލޯނާއިން ބުނެފައިވަނީ ކުލަބުގެ ރައީސްކަމުގެ މަގާމަށް މީހަކު ހޮވަން އަންނަ އަހަރުގެ ޖޫން މަހު ކުރިން ބާއްވަން ހަމަޖެހިފައި އޮތް އިންތިހާބު އަންނަ އަހަރުގެ މާޗް މަހުގެ 15 އަށް އަވަސްކުރަން ނިންމައިފައިވާ ކަމަށެވެ.

ބާސެލޯނާ އަށް ސްޕެއިންގެ މުބާރާތްތަކުން ކާމިޔާބު ލިބެމުން އައި ނަމަވެސް މިފަހަކަށް އައިސް އެ ކުލަބަށް ޔޫރަޕްގެ މުބާރާތްތަކުގައި ކުރިމަތިވަނީ ނާކާމިޔާބާ އެވެ. މިދިޔަ ފަސް އަހަރަށް ބަލާއިރު ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް ފަހަނަ އަޅައި ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. މިދިޔަ އަހަރު މުބާރާތުގެ ސެމީން ބާސެލޯނާ ޖާގަ ހޯދި ނަމަވެސް އެ ޓީމު ހައިރާންކުރުވަނިވި ގޮތަކަށް ސެމީ ގައި ބަލިވެ މުބާރާތުން ކެޓި އެވެ.

ބާސެލޯނާގެ ކޯޗަކަށް ކޫމަން ހަމަޖައްސަން އެ ކުލަބުން މަސައްކަތްކުރަމުން އައި ނަމަވެސް އެ ކުލަބުން ޓޮޓެންހަމްގެ ކުރީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނިއޯ އާ ވާހަކަދެއްކި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައިވެ އެވެ. އެކަމަކު އޭނާ އަކީ ކުރިން އެސްޕަނިޔޯލް އަށް ކުޅެ އަދި ކޯޗްކަންވެސް ކޮށްދީފައިވާ މީހަކަށް ވުމާއެކު ބާސެލޯނާގެ ސަޕޯޓަރުން އެހާ ގަޔާވާނެ މީހަކަށް ނުވެދާނެތީ އާއެކު ބާސެލޯނާއިން ޕޮޗެޓީނިއޯ ނުގެންނަން ނިންމީ ކަމަށް ހަބަރުތައް ބުނެ އެވެ. ކޫމަން އަށް ބާސެލޯނާ އިން ހުށަހަޅާނެ ކަމަށް ބެލެވެނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!