މެންޗެސްޓަރ ޔުނައިޓެޑްގައި މިހާރު އޮތީ ފަހަކަށް އައިސް އެ ކްލަބުން ފެނުނު އެންމެ މޮޅު އަދި ފުރިހަމަ ޓީމެއް ކަމަށް ސެވިއްޔާގެ ކޯޗު ހޫލެން ލޮޕެޓެގީ ބުނެފި އެވެ. ލޮޕެޓެގީ މިހެން ބުނީ ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ސެވިއްޔާ އާއި ޔުނައިޓެޑް ޔޫރަޕްގައި އެންމެ ފަހުން ވާދަކުރީ މީގެ ދެ އަހަރު ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގަ އެވެ. އެފަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅެމުންދިޔަ ޔުނައިޓެޑްގެ މައްޗަށް އެގްރިގޭޓުން ސެވިއްޔާ ވަނީ ކުރި ހޯދައި ޔުނައިޓެޑް ކަޓުވާލައިފަ އެވެ. ލޮޕެޓެގީ ބުނީ މީގެ ދެ އަހަރު ކުރިން ސެވިއްޔާ އިން ޔުނައިޓެޑްގެ މައްޗަށް ކާމިޔާބީ ހޯދި ނަމަވެސް މިހާރު ޔުނައިޓެޑްގައި އޮތީ މާ ވަރުގަދަ ޓީމެއް ކަމަށެވެ.
“ޔުނައިޓެޑްގައި މިހާރު އޮތް ޓީމަކީ މިދިޔަ އަހަރުތަކުގައި އެ ކްލަބުން ފެނުނު އެންމެ މޮޅު ޓީމް. އެމީހުން މިހާރު ވަނީ ކުރިއަށްދާނެ ގޮތެއް ހޯދާފައި. އެހެންވެ މިދިޔަ ޖެނުއަރީ މަހުގެ ފަހުން ޕްރިމިއާ ލީގުގެ މެޗަކުން އެޓީމު ބަލިނުވެ އޮތީ” ލޮޕެޓެގީ ބުންޏެވެ.
ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ސެވިއްޔާ ދަތުރުކުރިއިރު އެޓީމު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެންމެ ފަހުން ކުޅުނު 19 މެޗުން ސެވިއްޔާ ބަލިވެފައިނުވާއިރު ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޯމާގެ މައްޗަށް ކުރި ހޯދައި ކުއާޓާ ފައިނަލުގައި އެޓީމުން ވަނީ އިނގިރޭސި ކްލަބް ވުލްވްސް ބަލިކޮށްފަ އެވެ.
“އަހަރެއްހާ ދުވަހު އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތްކޮށްފިން. މުހިއްމު މެޗެއްގައި މިފަހަރު ނުކުންނަން މިޖެހެނީ ވަރަށް މޮޅު ޓީމަކާ ދެކޮޅަށް. ޔުނައިޓެޑް ކިތަންމެ ވަރުގަދަވިޔަސް މަސަތްކަތް ކުރާނަން މެޗުން މޮޅުވާން” ކުރިން ރެއާލް މެޑްރިޑާއި ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކޯޗުކޮށްދިން ލޮޕެޓެގީ ބުންޏެވެ.
ސެވިއްޔާ އަކީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ޔޫރޮޕާ ލީގުގެ ތިން މުބާރާތުގެ އިތުރުން އެޓީމުން ވަނީ ޔޫއެފާ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މި ސީޒަނުގައި އެޓީމުން މަސައްކަތްކުރަނީ ޔޫރަޕްގައި ހަ ވަނަ ތަށި ކާމިޔާބުކުރުމަށެވެ.
ސޯލްޝެއާ ވަނީ ނިމުނު އިނގިރޭސި ސީޒަނުގައި ޔުނައިޓެޑާއެކު އެފްއޭ ކަޕާއި ލީގު ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމް ހޯދައިފަ އެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑާއެކު ސޯލްޝެއާ ނުކުންނަ ތިން ވަނަ ސެމީ ފައިނަލެވެ. ޔުނައިޓެޑަށް އެންމެ ފަހުން ލިބުނު ތައްޓަކީ 2017 ވަނަ އަހަރު ޔޫރޮޕާ ލީގެވެ. ތައްޓަށް އަމާޒު ހިފާފައިވާ ސޯލްޝެއާ ބުނީ މިއީ އެޓީމުގައި ތިބި މޮޅެތި ކުޅުންތެރިންގެ ތަފާތު ދައްކަން ޖެހޭ މެޗެއް ކަމަށެވެ.
“ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ ބޮޑެތި ޓީމުތަކާ. މިއީ ޓީމުގައި ތިބި ނަން ހިނގާ ކުޅުންތެރިން ތަފާތު ދަށްކަންވީ ވަގުތު. ސެމީ ފައިނަލުގައި ބަލިވުމުގެ އިހުސާސް އަހަރެމެނަށް އެނގޭ” ސޯލްޝެއާ ބުންޏެވެ.
ސޯލްޝެއާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު އެންމެ ފަހުން ހޯދި ކާމިޔާބީއަކީ 07-2006 ވަނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގެވެ. ކޯޗެއްގެ ގޮތުގައި ސޯލްޝެއާ އެންމެ ފަހުން ކާމިޔާބުކުރީ ނޯވޭގެ މޯލްޑެއާ އެކު 2013 ވަނަ އަހަރުގެ ނޯވޭރިއެން ކަޕެވެ. މޯލްޑޭ ދޫކޮށްލުމަށް ފަހު ޔުނައިޓެޑްގައި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަހު ތައްޓާ ހަމައަށް ސޯލްޝެއާ އަށް ދެވިފައެއްނުވެ އެވެ.
ޔުނައިޓެޑް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދީ ޑެންމާކްގެ ކޯޕެންހޭގަންގެ މައްޗަށް އިތުރުވަގުތު ކުޅެ 1-0 އިން ކުރި ހޯދައިގެންނެވެ. ސޯލްޝެއާ ބުނީ ސެވިއްޔާ ބަލިކުރެވޭނީ ވަރަށް ފަރުވާތެރިކަމާއެކު ކުޅެގެން ކަމަށާއި، ސެވިއްޔާގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ކުއާޓާ ފައިނަލުން ފެށިގެން މި ސީޒަނުގެ ޔޫރޮޕާ ލީގު ކުރިއަށް ދަނީ މިނީ މުބާރާތެއްގެ ގޮތުގައި ޖަރުމަނުގަ އެވެ. މުބާރާތުގެ ދެ ވަނަ ސެމީގައި މާދަމާ ރޭ ވާދަކުރާނީ އިންޓަ މިލާނާއި ޝަކްތާ ޑޮނެސްކެވެ. ފައިނަލް މެޗު ކުޅޭނީ މި މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ.