ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި ރޭ މެންޗަސްޓަރ ސިޓީ ބަލިކޮށް ފްރާންސްގެ އޮލިމްޕިކް ލިޔޯން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. ޕޯޗްގަލްގެ ލިސްބަންގައި ކުޅުނު މި މެޗް ލިޔޯން އިން ކާމިޔާބުކޮށްފައިވަނީ 1-3 އިންނެވެ.
މުބާރާތުގެ ގަދަ 16 ގައި ކުޅުނު ދެ ލެގުގައިވެސް ޗެމްޕިއަންސް ލީގުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދުމަށްފަހު ސިޓީން ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމުން މިފަހަރުގެ މުބާރާތް އެ ޓީމުން ކާމިޔާބުކޮށްފާނެ ކަމަށް ގިނަ ބަޔަކު ތިބީ ހީކޮށްގެންނެވެ. އެކަމަކު ރޭގެ މެޗުގައި ގިނަ ވަގުތު ސިޓީން ބޯޅަ ގެންގުޅުނު ނަމަވެސް އެ ޓީމުގެ ފަރާތުން އުއްމީދުކުރި ވަރުގެ ކުޅުމެއް މެޗްގައި ފެނިފައެއް ނުވެ އެވެ. ވަކިން ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މުޅި މެޗުގައިވެސް ލިޔޯން އިން ކުޅެމުން އައި ޑިފެންސް އަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކައުންޓަރ އެޓޭކިންގ ގޭމެކެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑް ނެގީވެސް ލިޔޯން އިންނެވެ. މި ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި ލިޔޯން އަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ ފޯވާޑް މެކްސްވެސް ކޯނޭ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ލިޔޯން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ސިޓީން ކުޅުން ރަގަޅުކޮށް ލިޔޯންގެ ގޯލަށް ނުރައްކާކުރެވޭތޯ އިތުރަށް މަސައްކަތްކުރިތަން ފެނުނެވެ. ނަތީޖާ އެއްގެ ގޮތުން މެޗުގެ 69 ވަނަ މިނެޓްގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގ ދިން ބޯޅައަކުން އިތުބާރު މިޑްފީލްޑަރު ބެލްޖިއަމްގެ ކެވިން ޑިބްރޫނޭ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު މި ލަނޑާއެކު އިތުބާރު ހޯދައި ސިޓީއަށް އޭގެ ފައިދާ ނުނެގި އުޅެނިކޮށް މެޗުގެ 79 ވަނަ މިނެޓްގައި އަނެއްކާވެސް ލީޑު ނެގީ ލިޔޯން އިންނެވެ. ލިޔޯން އަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސްކޮޓްލެންޑްގެ ސެލްޓިކަށް ކުރިން ކުޅެފައިވާ މޯސާ ޑެމްބެލޭ އެވެ. މި ލަނޑު ޑެމްބެލޭ ކާމިޔާބުކުރުމުގެ ކުރިން ސިޓީގެ ކުޅުންތެރިއަކަށް އޭނާ ފައުލްކުރި ތަން ފެނިފައިވީ ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ އެކަން ފާހަގަކޮށްފައެއް ނުވެއެވެ.
މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކުރަން ސިޓީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ސިޓީގެ ސްޓާލިންގ އަށް ލިޔޯންގެ ގޯލް ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އެއާއެކު ދެން އަނެއްކާވެސް ފެނިގެންދިޔައީ ސިޓީ އަށް ނާކާމިޔާބުވި ފުރުސަތުން ހިތްވަރު ލިބިގެން ލިޔޯން އިން ކުރިއަރައި ލީޑު ފުޅާކުރި ތަނެވެ. އެކަމަކު މެޗުގައި ލިޔޯން އިން ޖެހި ތިންވަނަ ލަނޑަކީ ސިޓީގެ ގޯލްކީޕަރު އެޑަސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ލިޔޯން އިން ކާމިޔާބުކުރި ލަނޑެކެވެ. މެޗު ނިމެން އެންމެ ތިން މިނެޓަށް ވެފައި ވަނިކޮށް ލިޔޯންގެ ކުޅުންތެރިއަކު ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް އެޑަސަން ދިފާއުކުރަން އުޅުމުގެ ތެރޭގފައި އަތުން ދޫވެގެން ކުޅުމުގެ ތެރެއަށް ދިޔަ ވަގުތު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލި ލިޔޯން އަށް ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިން ފްރާންސްގެ ފޯވާޑް ޑެމްބެލޭ އެވެ.
ރޭގެ މެޗު ނިމުމާއެކު ލިޔޯންގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާ ފާޅުކުރި މަންޒަރު ފެނިފައިވެ އެވެ. އެޓީމު މުބާރާތުގެ ކުއާޓަރ ފައިނަލަށް އައިސްފައިވަނީވެސް މުބާރާތުގެ އެއް ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ޔުވެންޓަސްގެ މައްޗަށް އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ލިޔޯން އަށް ވާދަކުރަން ޖެހޭނީ ބަޔާން މިޔުނިކާ އެވެ. މި މެޗް ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.
ރޭގެ މެޗުން ލިޔޯން އަތުން ބަލިވުމާން ސިޓީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކޯޗް ޕެޕް ގާޑިއޯލާ އަށް ލިބުނު ފުރުސަތު އަނެއްކާވެސް ބޭކާރުވީ އެވެ. ބާސެލޯނާ އަދި ބަޔާން މިޔުނިކްގެ ކޯޗެއްގެ ގޮތުން ޗެމްޕިއަންސް ލީގުގައި ގާޑިއޯލާ ވާދަކުރި ފުރަތަމަ ހަތް އަހަރު ވެސް މުބާރާތުގެ ކުއާޓަރ ފައިނަލް ފަހަނަ އަޅައި ގޮސްފައިވީ ނަމަވެސް ސިޓީ ގޮވައިގެން ޗެމްޕިއަންސް ލީގުގައި ވާދަކުރި ތިން ފަހަރުވެސް ގާޑިއޯލާ އަށް އެކަން ކާމިޔާބުކުރެވިފައެއް ނުވެއެވެ.