ނަތީޖާ ނެރެން މަޖުބޫރު މެޗަކުން މޮޅުވުމަކީ ޓީމަށާއި ސަޕޯޓަރުންނަށް ވަރަށްބޮޑު އުފާވެރިކަން ލިބޭނޭކަމެކެވެ. ހާއްސަކޮށް އެފަދަ މެޗެއްގައި ފަހަތުން އަރައި މޮޅުވުމަކީ އެއުފާ އެއަށްވުރެ ބޮޑުވާނޭކަމެކެވެ. އަދި އެއަށްވުރެވެސް ހާއްސަވެގެންދަނީ ފަހަތުން އަރައި މޮޅުވާން ޖަހާ ގޯލަކީ މެޗުގެ ފަހުމިނެޓް ގައި ޖަހާ ގޯލަކަށްވުމެވެ. އެހާލަތުގައި އެލިބޭ އުފަލަކީ ބަޔާންކުރަން ވެސް ދަތި އުފަލަކަށްވެދެ އެވެ. ހަމައެއާ އެކު އެހާލަތުގައި ބަލިވާ ޓީމަށާއި އެޓީމުގެ ސަޕޯޓަރުންނަށް އެލިބޭ ހިތްދަތިކަމާއި މާޔޫސްކަމަކީ ވެސް ބަޔާން ނުކުރެވޭނެ ފަދަ އިހުސާސް ތަކެކެވެ. މިކަހަލަ މަންޒަރުތައް ފުޓްބޯޅައިގެ ދަނޑުން އަބަދުވެސް ފެންނަމުންދެ އެވެ. އަދި އެ އުފާވެރި ހަނދާންތައް ނުވަތަ ހިތްދަތި އިހުސާސްތައް ގިނަ ޒަމާންތަކެއްވަންދެން ގިނަބައެއްގެ ހިތުގައި ހަރުލާފައި ހުރެ އެވެ.
މިދިޔަ ބުދަދުވަހުގެ ރޭ މި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއަޓާ ފައިނަލްގެ ފުރަތަމަ މެޗުންވެސް ފެނިގެން ދިޔައީ އެމަންޒަރެވެ. އަންޑަޑޯގް ގެ ގޮތުގައި ނިކުތް އިޓަލީގެ އެޓަލާންޓާ، ފްރާންސްގެ ގަދަފަދަ ޕީއެސްޖީގެ މައްޗަށް 1-0 އިން ކުރިހޯދައިގެން ތިބެ މެޗުގެ އެންމެ ފަހު މިނެޓާއި ހަމައަށް ހިފަހައްޓާލި އެވެ. ބްރެޒިލްގެ ތަރި ނޭމާ އާއި ފަހުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ކިލިއަން އެމްބާޕޭ ފަދަ ކުޅުންތެރިންގެ ވަރުގަދަ ހަމަލާތައް ދިފާއކުރުމުގައި އެޓަލާންޓާ ކާމިޔާބު ހޯދަމުންދިޔަ އެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ފަހުމިނެޓް ފެށިގެން ދިޔައިރު ގޭގައި ތިބި އެޓަލާންޓާގެ ސަޕޯޓަރުން ތައްޔާރުވަމުން ދިޔައީ ކާމިޔާބީގެ އުފާ ފާޅުކުރުމަށެވެ. އެކަމަކު އެންމެ ފަހުވަގުތުކޮޅު ޕީއެސްޖީން ދެ ލަނޑު ޖަހައި އެޓަލާންޓާ ރޮއްވާލީ އެވެ. ޕީއެސްޖީ މިމެޗަށް ނުކުތީ މިސީޒަނުގައި ފްރާންސްގެ ތިންތަށި ހޯދައިގެންނެވެ. އެކަމަކު ބުދަ ދުވަހުގެ ރޭ އެމީހުން އުފާ ފާޅުކުރިގޮތުން އެނގިގެންދިޔައީ އަދި މިސީޒަނުގައި އެހާބޮޑު އުފަލެއް އެމީހުންނަށް ނުލިބޭ ކަމެވެ.
މިހާހިސާބުން މިބަލާލަނީ ފުޓްބޯޅައިގެ ތާރީހުގައި ފަހުމިނެޓްގައި ޖެހި ލަނޑާ އެކު ނަތީޖާ އެބުރިގެން ދިޔަ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް މެޗުތަކަށެވެ.
އާސެނަލް 1 – 2 ލިވަޕޫލް (އިނގިރޭސި އެފްއޭ ކަޕް ފައިނަލް 2001)
މިމެޗުގެ ފަހު ހާފުގެ މެދުތެރޭގައި ފުރަތަމަ ލީޑް ނެގީ އާސެނަލް އެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ފްރެޑީ ލިޔުންބާގެވެ. އެހެންނަމަވެސް މެޗުނިމެން ބާކީ ހަތް މިނެޓް އޮއްވާ މެޗު އެއްވަރުކޮށް އަދި ނިމެން ދެ މިނެޓަށްވެފައި އޮއްވާ ލިވަޕޫލަށް ލީޑު ނަގައިދިނީ މައިކަލް އޮވެން އެވެ. މެޗު ނިމުނީ 2-1 އިން ލިވަޕޫލް މޮޅުވެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
ޗެލްސީ 1 – 1 ބާސެލޯނާ (ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގް 2009-2008)

އިނިއެސްޓާ ފަހު ވަގުތު ޗެލްސީ ކޮޅަށް ވައްދާލި ލަނޑަށް ފަހު އުފާފާޅުކުރަނީ. މިއީ ރެފްރީގެ ނިންމުންތަކާއި ގުޅިގެން އެންމެ ބޮޑު ބަހުސެއް ކުރެވުނު މެޗު
މިމެޗަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ރެފްރީގެ ފަރާތުން އާދަޔާހިލާފު ކޮންޓްރަވާޝަލް ނިންމުންތަކެއް ފެނިގެންދިޔަ އެއް މެޗެވެ. ބާސެލޯނާގެ ދަނޑުގައި ކުޅެވުނު މިދެޓީމުގެ ފުރަތަމަ ލެގު ލަނޑެއް ނުފެނި ނިމިފައި ވަނިކޮށް ޗެލްސީގެ ސްޓެންފަޑް ބްރިޖުގައި ކުޅެވުނު ދެ ވަނަ ލެގުގައި ޗެލްސީން ފުރަތަމަ ހާފުގެ ވަރަށްކުރީކޮޅު ލީޑުނެގި އެވެ. މި ލަނޑު ޖެހީ ގާނާގެ ކުރީގެ މިޑްފީލްޑަރު މައިކަލް އެސިއެން އެވެ. އަދި ފަހުހާފުގެ އިތުރުވަގުތުގެ ކުޅުންފެށުނުއިރުވެސް އޮތީ ހަމަ މި ނަތީޖާގަ އެވެ. އެކަމަކު އެއް ކުޅުންތެރިއަކު މަދުކޮށްކުޅެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި މެސީގެ އެހީތެރިކަމާ އެކު އަންދްރެސް އިނިއެސްޓާ ލަނޑުޖަހައި ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑުގެ ކުރިންވެސް އަދި ފަހުންވެސް ޕެނަލްޓީ އޭރިޔާ ތެރެއިން ބާސެލޯނާގެ ކުޅުންތެރިންގެ އަތުގައި ބޯޅަޖެހުނުކަމަށް ބުނެ ޗެލްސީން ވަރަށްބޮޑަށް އެޕީލްކުރި އެވެ. އެކަމަކު ނޯވޭގެ ރެފްރީ ޓޮމް ހެނިން އޮވްރީބޯ އެ ދެ ފަހަރުވެސް އެކަމާ އަޅައެއްނުލި އެވެ. މެޗު ނިމުމާ އެކު ޗެލްސީގެ ކުޅުންތެރިން،ހާއްސަކޮށް ޑިޑިއޭ ޑްރޮގްބާ އާއި މައިކަލް ބަލަކް ފަދަ ތަރިން ރެފްރީއާ ދެކޮޅަށް ވަރަށް ބޮޑަށް އިހުތިޖާޖުކުރި އެވެ. ކޮންމެއަކަސް މެޗުގެ އިތުރު ވަގުތު ރަށުން ބޭރުގައި އިނިއެސްޓާ ޖެހި އަގުބޮޑު ލަނޑުގެ ސަބަބުން އެ ސީޒަނުގ ފައިނަލުން ޖާގަ ލިބުނީ ބާސެލޯނާއަށެވެ.
ލިވަޕޫލް 3 – 1 އޮލިމްޕިއާކޯސް (ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖް 2004-2005)
މުބާރާތުގެ ގަދަ 16 އަށް ދިއުމަށްޓަކައި ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ލިވަޕޫލަށް ޖެހިފައި އޮތީ ގްރީސްގެ އޮލިމްޕިއާކޯސް ބަލިކުރާށެވެ. އެވެސް ވަކި ނަތީޖާއަކުންނެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފުގައި ބުްރެޒިލްގެ ތަރި ރިވާލްޑޯގެ އެހީގައި ލީޑް ނެގީ އޮލިމްޕިއާކޯސް އެވެ. އެހިސާބުން ލިވަޕޫލަށް ތިން ލަނޑު ޖަހައިގެން ނޫނީ ކުރިއަށް ދެވޭކަށް ނެތެވެ. ލިވަޕޫލްގެ ފުރަތަމަ ދެ ލަނޑު އައީ ސިނަމާ ޕޮންގޯލް އާއި ނީލް މެލޯގެ ފަރާތުންނެވެ. އަދި އެންމެން އިންތިޒާރުކުރަމުން ދިޔަ ތިން ވަނަ ލަނޑު އައީ މެޗުގެ 86 ވަނަ މިނެޓްގައި ސްޓީވަން ޖެރާޑްގެ ފަރާތުންނެވެ. ކޮންމެއަކަސް އެ ލަނޑާ އެކު އެއައި ކިކްގައި ލިވަޕޫލް އެފަހަރު ނިންމާލީ އެމުބާރާތުގެ ތަށި އުފުލާލާފަ އެވެ. އެވެސް ފައިނަލްގައި 3-0 ގަ އޮވެ ފަހަތުން އަރައި ތިން ލަނޑު ޖަހައި 3-3 އިން އެއްވަރުކޮށް ދެން އައި ޕެނަލްޓީ ޝޫޓްއައުޓްގައި އިޓަލީގެ އޭސީ މިލާން ބަލިކޮށްފަ އެވެ.

އޮލިމްޕިއާކޯސް ކޮޅަށް ޖެރާޑް ލަނޑު ޖަހަނީ. އެ ސީޒަނުގު ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ލިވަޕޫލުން
ރެއާލް ޒަރަގޯޒާ 2 – 1 އާސެނަލް (ކަޕް ވިނާސް ކަޕް ފައިނަލް 1995)
މިމެޗުގައި ފުރަތަމަ ލީޑު ނެގީ ސްޕެއިންގެ ޒަރަގޯޒާ އެވެ. މި ލަނޑު ޖަހައިދިނީ އާޖެންޓީނާގެ އެސްނެއިޑާ އެވެ. އާސެނަލުން އެއްވަރުކުރި ލަނޑު ޖަހައިދިނީ ހާޓްސަން އެވެ. މިމެޗުގައި ޒަރަގޯޒާ ޖެހި ދެ ވަނަ ގޯލު އައީ މެޗުގެ އިތުރުވަގުތުގެ ވެސް އެންމެ ފަހު ވަގުތުކޮޅު އެވެ. ޒަރަގޯޒާގެ ނަޔިމް އާސެނަލް ހާފުން މެދުރޮނގާއި ދާދި ގާތުގައި ހުރެ މަތިމަތިން އޮއްސާލި ބޯޅަ ގޮސް ގޯލުތެރެއަށް ވަން އިރު އާސެނަލް ކީޕަރު ޑޭވިޑް ސީމަން ފަހަތަށް ގޮސް ބޯޅަ ޕަންޗް ކޮށްލެވޭތޯ ކުރި މަސައްކަތް ކާމިޔާބުނުވެ ބޯޅަ ނެރެން ޖެހުނީ ގޯލުގެ ތެރެއިންނެވެ. މި ލަނޑާ އެކު މެޗުވެސް ނިމިގެން ދިޔައީ އެވެ.
އާސެނަލް 2 – 0 ލިވަޕޫލް (އިނގިރޭސި ލީގު ފުރަތަމަ ޑިވިޝަން 1988-1989)
ލީގުގެ އެންމެ ފަހު މެޗުގައި އާސެނަލަށް ޖެހެނީ ލިވަޕޫލް ދެ ލަނޑުގެ ތަފާތުން ބަލިކުރާށެވެ. އެހެންނޫނީ ލީގު ލިބެނީ ލިވަޕޫލަށެވެ. މެޗުގެ ކުރީކޮޅު އާސެނަލް އިން އެލަން ސުމިތުގެ ލަނޑާ އެކު ލީޑުނެގި އެވެ. އަދި އެމީހުންނަށް ޖަހަން މަޖުބޫރު ދެ ވަނަ ލަނޑު ޖެހޭތޯ މަސައްކަތްފެށި އެވެ. މެޗުގެ އިތުރުވަގުތު ފެށުނު އިރުވެސް ނަތީޖާ އަކީ 1-0 އެވެ. އެހެންނަމަވެސް މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް އާސެނަލްގެ މައިކަލް ތޯމަސް ލަނޑެއް ޖަހައި އާސެނަލަށް ލީގު ކަށަވަރުކޮށްދިނެވެ.
ގްރީސް 2 – 2 އިނގިރޭސި ވިލާތް (ފީފާ ވޯލްޑް ކަޕް ކޮލިފައިން 2001)
2002 ގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި އިނގިރޭސީންނަށް ޖެހެނީ ގްރީސް އަތުން ބަލިނުވެ މެޗު ނިންމާލުމަށެވެ. މެޗުގަ ފުރަތަމަ ލީޑް ނެގީ ގްރީސް ޓީމެވެ. އެކަމަކު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ޑޭވިޑް ބެކަމްގެ ހިލޭ ޖެހުމެއް ބޮލުން ގޯލުތެރެއަށް ފޮނުވާލައިގެން އިނގިރޭސިންނަށް އެއްވަރުކޮށްދިނީ ޓެޑީ ޝެރިންހަމް އެވެ. ގްރީސް އިން 69 ވަނަ މިނެޓްގައި ދެ ވަނަށް ފަހަރަށް ލީޑު ނެގީ ނިކޮލައިޑިސްގެ ލަނޑަކުންނެވެ. މެޗުގެ އިތުރުވަގުތު ފެށުނުއިރު ވެސް ކުރީގައި އޮތީ ގްރީސް އެވެ. ދެން ފެނުނީ ބެކަމްގެ ޖާދުލެވެ. އިނގިރޭސީން އުއްމީދު ކަނޑާލައިގެން ތިއްބާ މެޗުގެ 93 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމެއް ގޯލުގެތެރެއަށް ފޮނުވާލައި މެޗު އެއްވަރުކޮށް އިނގިރޭސިން 2002 ގެ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނެވެ.

ފަހު ވަގުތު ގްރީސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ބެކަމް ފޯރިނަގަނީ. ބެކަމްގެ ލަނޑުން އިނގިރޭސި ވިލާތް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ހޯދި
ލިވަޕޫލް 3 – 3 ވެސްޓް ހޭމް ޔުނައިޓެޑް ( އެފްއޭ ކަޕް ފައިނަލް 2006)
މިއީ އިނގިރޭސި އެފްއޭކަޕްގެ ފައިނަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފައިނަލެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ހޭމުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ލަނޑަކީ ޑިފެންޑަރު ޖިމީ ކަރެގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ލަނޑު ޖެހީ ކީޕަރު ޕެޕޭ ރޭއިނާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޑީން އެޝްޓަން އެވެ. ދެ ވަނަ ހާފުތެރޭގައި ގެބްރިއަލް ސީސޭ އަދި ސްޓީވެން ޖެރާޑުގެ ލަނޑުތަކާއެކު ލިވަޕޫލުން މެޗު އެއްވަރުކޮށްފައި ވަނިކޮށް ކޮންޗެސްކީގެ ލަނޑާ އެކު ވެސްޓް ހޭމް އަނެއްކާ ވެސް ލީޑު ނެގި އެވެ. މި ގޮތުގައި މެޗު ނިމިނިމި އޮއްވާ މެޗުގެ 91 މިނެޓްގައި އިދިކޮޅުޓީމުހާފުގެ މެދަކާއި ހިސާބުން ސްޓީވަން ޖެރާޑް ތިރިތިރިން ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތިރީކަނަށް ވަނުމާއެކު ލިވަޕޫލްގެ ސަޕޯޓަރުން އުތުރި އަރައިގަތެވެ. މިސްކޯރގައި މެޗު އެއްވަރުވެގެން ނިމުމާއެކު އިތުރު ވަގުތުގެ ދެހާފުކުޅުމަށްފަހު ޕެނަލްޓީ ޖަހައިގެން ތަށި ގެންދިޔައީ ލިވަޕޫލެވެ.
މެންޗެސްޓަރ ސިޓީ 3 – 2 ކިއުޕީއާރު (އިނގިރޭސި ޕްރިމިއަރ ލީގު 2011–2012)
ލީގުގެ އެންމެ ފަހު ދުވަހު މެންޗެސްޓަރ ސިޓީން ކިއުޕީއާރާއި ދެކޮޅަށް ނުކުތީ ގާތްގަނޑަކަށް ބައިގަރުނުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ހޯދުމުގެ އަޒުމުގަ އެވެ. އެޓީމު އޭރު ޓޭބަލް ގެ އެއް ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑާ ޕޮއިންޓުން އެއްވަރުވެ ގޯލުގެ ތަފާތުންނެވެ. ގޯލުގެ ތަފާތު އެއް މެޗުން ނައްތާނުލެވޭނެހާ ބޮޑުވުމާއެކު ޔުނައިޓެޑް ކުޅޭ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް ކިއުޕީއާރު ބަލިކޮށްގެން ސިޓީއަށް ޗެމްޕިއަންކަން ހޯދެން އޮތެވެ.

ސިޓީ އަށް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަހުމިނެޓުގައި ޖެހުމަށް އަގުއޭރޯ އުފާފާޅުކުރަނީ. ފަހުމިނެޓުގައި ޖެހި ލަނޑުތަކުގެ ތެރެއިން މިއީ ފާހަގަކޮށްލެވޭ ލަނޑެއް
މެޗު ފެށިގެން ފުރަތަމަ ހާފުގެ 40 ވަނަ މިނެޓްގައި ޕަބްލޯ ޒަބަލެޓާ ސިޓީއަށް ޖަހައިދިން ފުރަތަމަ ލަނޑާއެކު އެޓީމުން ލީޑުނެގި އެވެ. އެހެންނަމަވެސް ދެން ފެނުނީ ކިއުޕީއާރުން ސިޓީ ހާސްކޮށްލިތަނެވެ. ފަހު ހާފުގެ 48 އަދި 65 ވަނަ މިނެޓްގައި ދެ ލަނޑުޖަހައި އެމީހުން ލީޑުނެގި އެވެ. މެޗުގެ 90 މިނެޓް ހަމަވިއިރު ލީޑުގައި އޮތީ ކިއުޕީއާރެވެ. އެވަގުތު ކުޅެވެމުންދިޔަ މެންޗެސްޓަރ ޔުނައިޓެޑްގެ މެޗްގައި އެމީހުން އޮތީ ލީޑުގަ އެވެ. އެހެންކަމުން އިތުރުވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުތެރޭގައި ދެ ލަނޑު ޖަހައިގެން ނޫނީ ސިޓީއަށް ލީގު ހޯދޭނެގޮތެއްނެތެވެ. ސިޓީއަށް ތަށީގެ އުއްމީދުއާވީ 92 ވަނަ މިނެޓްގައި އެޑިން ޒެކޯ ޖެހި ލަނޑާއެކުގަ އެވެ. އަދި އިތުރުވަގުތުގެ އެންމެ ފަހުމިނެޓްގައި (95 މިނެޓްގައި) ސާޖިއޯ އަގުއޭރޯ ވައްދާލި ލަނޑާ އެކު މުޅި ދަނޑު ކެކި އުތުރި އަރައިގަތެވެ. އަދި ޕްރިމިއަރ ލީގުގެ ތަށި މެންޗެސްޓަރ ސިޓީން ފުރަތަމަ ފަހަރަށް އުފުލާލި އެވެ
ބަޔާން މިއުނިކް 1 – 2 މެންޗެސްޓަރ ޔުނައިޓެޑް (ޗެމްޕިއަންސް ލީގު ފައިނަލް 1998–1999)
ފަހުމިނެޓްގެ ލަނޑު ލިސްޓުގައި މިފަދަ އެހެން މެޗެއް ނުވާކަމުގައި ހަމަ ބުނެވިދާނެ އެވެ. މިމެޗުގެ ހަ ވަނަ މިނެޓްގައި ބަޒްލާގެ ހިލޭ ޖެހުމަކުން ފުރަތަމަ ލީޑުނެގީ ބަޔާން މިއުނިކެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ނިމިގެންދިޔައީވެސް މިގޮތުގައި އޮވެ އެވެ. އެހެންނަމަވެސް ހުރިހާކަމެއް އެނބުރިގެން ދިޔައީ ދެން އައި އިތުރުވަގުތުގެ ތިން މިނެޓްގެ ތެރޭގަ އެވެ. ހަތަރު ވަނަ އޮފިޝަލް އިތުރު ވަގުތުގެ ތިން މިނެޓް ދެއްކުމާ އެކު ޔުނައިޓެޑަށް ކޯނަރެއް ލިބުނެވެ. ފަހު ފުރުސަތަށް ވެދާނެތީ ޔުނައިޓެޑްގެ ކީޕަރު ޕީޓަރ ޝްމައިކަލް ވެސް ހުރީ ލަނޑު ޖަހަން އަރަ އެވެ. ބެކަމް ނެގި ކޯނަރަކުން ރަޔަން ގިގްސް ގޯލާއި ދިމާލަށް މަޑުމަޑުން ފޮނުވާލި ބޯޅަ ގޯލުތެރެއަށް ވައްދާލައިގެން މެޗު އެއްވަރުކުރީ އޭރުގެ މަޝްހޫރު ފޯވާޑް ޓެޑީ ޝެރިންހަމް އެވެ. މެޗު އަލުން ފެށުމަށް ފަހު އިތުރުވަގުތުގެ އެންމެ ފަހު މިނެޓްގައި ޔުނައިޓެޑަށް އަނެއްކާވެސް ކޯނަރެއް ލިބުނެވެ. މިފަހަރު ބެކަމް ނެގި ކޯނަރު ޓެޑީ ޝެރިންހަމް ބޮލުން ފޮނުވާލުމާ އެކު އެބޯޅަ ގޯލްތެރެއަށް ވައްދާލީ މިހާރު އެޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެވެ. މި ލަނޑާއެކު މެޗު ނިމި އެންމެފަހުން ތަށި އުފުލާލީ ޔުނައިޓެޑެވެ.