ބާސެލޯނާގެ ގޯލުގައި ޖަރުމަނުގެ ގައުމީ ޓީމުގެ އެއް ގޯލު ކީޕަރު މާކް އަންޑްރޭ ޓަތ ސްޓެގެން ހުއްޓައި އެ ޓީމު ކޮޅަށް އަށް ގޯލު ވަނުމުން ދެރަވި ކަމަށް ބަޔާން މިޔުނިކުގެ ގޯލު ބަލަހައްޓަމުން އަންނަ ޖަރުމަނުގެ އެއް ނަންބަރު ގޯލު ކީޕަރު މެނުއެލް ނޯޔާ ބުނެފި އެވެ.
ރޭ ޕޯޗްގަލްގެ ލިސްބަން ގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް މެޗުގައި ބަޔާން މިޔުނިކުން ބާސެލޯނާގެ މައްޗަށް 2-8 އިން ކުރި ހޯދައިފައިވާއިރު މިއީ ޗެމްޕިއަންސް ލީގުގެ ތާރިޙުގައިވެސް ނޮކައުޓް މެޗެއްގައި ޓީމެއްގެ ކޮޅަށް އަށް ގޯލު ވަތް ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ބަޔާންގެ ތޯމަސް މުލާ އަދި ފިލިޕޭ ކުޓީނިއޯ މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިފައިވާއިރު ދެން ހުރި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރޮބަޓް ލެވަންޑޮސްކީ، އިވާން ޕެރިސިޗް، ސާޖޭ ގެބެބްރީ އަދި ޖޯޝުއާ ކިމިޗް އެވެ. މިއީ 1946 ވަނަ އަހަރުގެ ފަހުން އެއް މެޗެއްގައި ބާސެލޯނާ ކޮޅަށް އަށް ގޯލު ވަތް ފުރަތަމަ ފަހަރުވެސް މެއެވެ.
“އަހަރެން މިހިރީ ކުޑަކޮށް ދެރަވެފަ އެހާ ގިނަ ގޯލް މާކް އެންޑްރޭ ޓަރ ސްޓެގެން ބެލެހެއްޓި ގޯލަކަށް ވަނީމަ. ހަމަ ގައިމުވެސް މި ނަތީޖާ އަކީ އަހަރެމެންނަށް ވަރަށް ރަގަޅު ނަތީޖާ އެއް. އެކަމަކު ގައުމީ ޓީމުގައި އެކުގައި ކުޅޭ ކުޅުންތެރިޔަކަށް އެހާ ދެރަ ހާލަތެއް މެދުވެރިވާކަށް ޓީމުގެ އެކަކުވެސް ނޭދޭނެ.” މެޗަށް ފަހު ވާހަކަ ދައްކަމުން 34 އަހަރުގެ ނޯޔާ ބުންޏެވެ.
“އެންމެންނަށްވެސް ފެންނާނެ އަހަރެމެން އެންމެ މިނެޓަކަށްވެސް ދުލެއް ނުދެން. އަހަރެމެން މެޗުގެ ހުރިހާ އިރަކުވެސް ބެލީ ބޯޅަ ކުރިއަށް ގެންދެވޭތޯ. ބާސެލޯނާ ޔަގީނުންވެސް އެޓޭކުގައި ފެނުނީ ވަރުގަދަކޮށް.” މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ނޯޔާ ބުންޏެވެ.
“އަހަރެމެންނަށް އެނގޭ ގޯލު ސްކޯރ ކުރެވޭނެކަން. އަހަރެމެން މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ބެލީ ބާސާގެ ގޯލަށް އަމާޒުކޮށް ކުޅެން. އޭގެ ނަތީޖާއެއްގެ ގޮތުން ރޭގެ މެޗު އަހަރެމެންނަށް ކާމިޔާބުވީ.” ނޯޔާ ބުނެފައިވެ އެވެ.