ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ގަދަފަދަ ބާސެލޯނާ ލަދުވެތި ގޮތަކަށް ބަލިކޮށް ބަޔާން މިއުނިކުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ. ޕޯޗުގަލްގެ ލިސްބަންގައި މިރޭ ކުޅުނު މެޗުން ބަޔާން ކުރިހޯދީ 8-2 އިންނެވެ.
ބަޔާންގެ އިތުރުން ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ޕީއެސްޖީ އާއި އާރުބީ ލައިޕްޒިގުންނެވެ. ސެމީގެ ފުރަތަމަ މެޗުގައި ޕީއެސްޖީ އާއި ލައިޕްޒިގް ވާދަކުރާއިރު ދެ ވަނަ ސެމީގައި ބަޔާން ނުކުންނާނީ މެންޗެސްޓަރ ސިޓީ އާއި ލިޔޯން މިރޭ ވާދަކުރާ ކުއާޓާ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އަވަސް ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 4-1 އިން ބަޔާން ކުރީގައި އޮވެގެންނެވެ. މިހާފުގައި ބަޔާނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތޯމަސް މުލާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި މުލާ ބަޔާނަށް ލީޑު ނަގައިދިނީ ރޮބާޓް ލެވޮންޑޮސްކީ ދިން ބޯޅައަކުންނެވެ. އޭރިޔާ ތެރެއިން ލެވޮންޑޮސްކީ މުލާ އަށް ޖައްސާލި ބޯޅަ އެއްފަހަރު ޖަހައި ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. ބަޔާނުން ލީޑު ނެގިތާ ތިން މިނެޓު ފަހުން ޑޭވިޑް އަލާބާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަވެފަ އެވެ. މިއީ ޖޯޑީ އަލްބާ އަރިމަތިން ނަގައިދިން ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޯލުގެ މަތީ ކަނަށް ވަން ލަނޑެކެވެ. 1-1 އިން އެއްވަރުވެފައި ވަނިކޮށް ބަޔާނުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް އަތުލައިފަ އެވެ.
ބަޔާންގެ ދެ ވަނަ ލަނޑު 21 ވަނަ މިނެޓުގައި ޖެހީ އިވާން ޕެރިސިޗެވެ. ހުސްކޮށް ލިބުމުން ޕެރެސިޗް ތިރިތިރިން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓޭގަންގެ ފައިގައި ޖެހިފަ އެވެ. ބަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ޒުވާޑް ފޯވާޑް ސާޖް ގްނެބްރީ އެވެ. މިއީ ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ ބޯމަތިން އައި ބޯޅަ ހޯދުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން ބަޔާނުން ޖެހި ލަނޑެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާންގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖެހި މުލާ އެވެ. މިއީ ޖޯޝުއާ ކިމިކް އަރިމަތިން ނަގައިދިން ހުރަހެއް އެއްފަހަރުން ޖަހައި ވައްދާލި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފުގައި ފަރަގު ކުޑަކޮށްދިން ލަނޑު ބާސެލޯނާ އަށް ޖަހައިދިނީ ލުއިސް ސުއަރޭޒް އެވެ. 57 ވަނަ މިނެޓުގައި ސުއަރޭޒް މި ލަނޑު ޖެހީ ކައިރީގައި ހުރި ޖިރޯމް ބޯޓެން ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. 4-2 އިން ބާސެލޯނާ އަށް އުއްމީދެއް ލިބިފައިވަނިކޮށް މެޗުގެ 63 ވަނަ މިނެޓުގައި ބަޔާންގެ ކިމިކް ވަނީ އެޓީމުގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި 19 އަހަރުގެ އަލްފޮންސޯ ޑޭވިސް ހުސްކޮށްލާފައި ދިން ބޯޅަ ކިމިކް ގޯލަށް ވައްދާލީ ހަމަޖެހިލާފަ އެވެ. ފަސް ވަނަ ލަނޑަށް ފަހު ވެސް މެޗުގައި މޮޅަށް ކުޅޭ ބަޔާނުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މިރޭގެ މެޗުގައި ލިއޮނަލް މެސީ ހުއްޓުވުމުގައި ބަޔާނުން ކުރި ހޯދީ ޒުވާން ޑިފެންޑަރު ޑޭވިސްގެ ތަފާތު މޮޅު ކުޅުމާއެކު އެވެ.
ބަޔާނުން މެޗުގެ ހަ ވަނަ ލަނޑު ޖެހީ 82 ވަނަ މިނެޓުގައި ލެވޮންޑޮސްކީ އެވެ. މިއީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފިލިއްޕޭ ކުޓީނިއޯ ނަގައިދިން ހުރަހަކުން ބޮލުން ލެވޮންޑޮކްސީ ޖެހި ލަނޑެކެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލެވޮންޑޮސްކީ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. ލެވޮންޑޮސްކީ ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ކުޓީނިއޯ ވަނީ ގާތްގާތުގައި ބަޔާންގެ ހަތް ވަނަ ލަނޑާއި އަށް ވަނަ ލަނޑު ޖަހައިފަ އެވެ. ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ލޯނު އުސޫލުން ބަޔާނަށް ކުޅެމުން އަންނަ ކުޓީނިއޯ ވަނީ މި ލަނޑުތައް ޖެހުމަށް ފަހު އެ ކްލަބަށް އިހްތިރާމް އަދާކޮށްފަ އެވެ.
މިރޭ ވީ ލަދުވެތި ބައްޔާއެކު ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެންގެ ކުރިމަގާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުގެ ރެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.