އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުމުގެ ފަހު ދުވަހާ ހަމައަށް މަޑުކުރާނެ ކަމަށާއި، އެކަމުގައި ގޮތް ނިންމާނީ އޭނާ ކަމަށް މެސުތު އޮޒިލް ބުނެފި އެވެ.
31 އަހަރުގެ ޖަރުމަނު މިޑްފީލްޑަރު އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންވެ ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން އާނުކޮށްފި ނަމަ އޮޒިލް އެހެން ޓީމަކުން ފެނުނު ފުރުސަތު ބޮޑެވެ. ބޮޑު އަގުގައި އޮޒިލް ރެއާލް މެޑްރިޑުން އާސެނަލަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. 42 މިލިއަން ޕައުންޑަށް އޮޒިލް އާސެނަލަށް ބަދަލުވިއިރު އެ ކްލަބުން އަންނަނީ އޭނާ އަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 350000 ޕައުންޑް ދެމުންނެވެ.
“އުނދަގޫ ކަންތައްތަކެއް ހުއްޓަސް އަހަރެން މި ކްލަބް ދެކެ ލޯބިވޭ. ކްލަބް ދޫކޮށްލަން ވީމަ ނިންމާނީ އަހަރެން. އެހެން މީހުންނެއް ނޫން” ކުރިމަގާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދެމުން އޮޒިލް ބުންޏެވެ.
އާސެނަލަށް ބަދަލުވުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުން އައި އޮޒިލް އަށް ފުރަތަމަ އެގާރައިން ފުރުސަތު ގެއްލެން ފެށީ އުނާއި އެމެރީގެ ކޯޗުކަމުގަ އެވެ. އޭގެފަހުން މިކޭލް އާޓެޓާ އާސެނަލްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ވެސް ފަހަކަށް އައިސް އޮޒިލް އަށް އެކަށީގެންވާ ވަރަށް ފުރުސަތެއް ނުލިބެ އެވެ. އާސެނަލްގެ ޓީމުން އޮޒިލް އެންމެ ފަހުން ފެނުނީ ލީގުގައި މާޗް މަހުގެ ހަތް ވަނަ ދުވަހު ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވި މެޗުގަ އެވެ. އޭގެފަހުން ކޮވިޑް-19 އާއި ގުޅިގެން ލީގުގެ ކުޅުން މެދުކަނޑާލައި ޖޫން މަހު އަލުން ކުޅެން ފެށިފަހުން އާސެނަލްގެ އެއްވެސް މެޗަކުން އޮޒިލް ފެނިފައެއްނުވެ އެވެ.
“އަހަރެންނަށް ދެވެން އޮތް ކޮންމެ އެއްޗެއް މި ކްލަބަށް ދޭނަން. މިކަހަލަ ހާލަތަކުން އަހަރެން ބަލިކަށްޓެއް ނުވާނެ. އަހަރެންނަށް ފާޑުކިޔާ މީހުންގެ ސަބަބުން އަހަރެންނަށް އިތުރަށް ލިބެނީ ހިތްވަރު. މާޒީގައި އަހަރެން ވާނީ ދައްކުވައިދީފަ ޓީމަށް އެނބުރި އާދެވިދާނެކަން. އަނެއްކާވެސް އަހަރެން އެކަން ދައްކާނަން” އޮޒިލް ބުންޏެވެ.
އާޓެޓާ ޑިސެމްބަރު މަހު ކޯޗުކަމާ ހަވާލުވިފަހުން ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުގައި ވެސް އޮޒިލް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އެކަމަކު ލީގު މެދުކަނޑާލުމަށް ފަހު އަލުން ފަށައިގެން ކުޅުނު ހުރިހާ މުބާރާތެއްގައި އާސެނަލުން ކުޅުނު 13 މެޗުގައި ވެސް އޮޒިލް ފެނިފައެއްނުވެ އެވެ.
ޕެންޑަމިކާއި ގުޅިގެން އޭޕްރީލް މަހު އާސެނަލުން ވަނީ ސީނިއާ ޓީމުގެ ކުޅުންތެރިންގެ މުސާރައިން 12.5 އިންސައްތަ އުނިކުރަން ނިންމައިފަ އެވެ. އެކަމަކު އޮޒިލް ވަނީ މުސާރައިން އުނިކުރުމަށް ނިންމުމުން އެކަމަށް ދެކޮޅު ހަދައިފަ އެވެ. އޮޒިލް ބުނީ އޭނާ އެކަމަށް ދެކޮޅު ހެދުމަކީ ޓީމުން ފުރުސަތު ނުލިބުމުގެ ސަބަބަކަށް ވެދާނެ ކަމަށެވެ. އެކަމަކު އާޓެޓާގެ ނިންމުމަށް އިހްތިރާމް ކުރާކަމަށް އޮޒިލް ބުންޏެވެ.
“އަހަރެން އެކަންޏެއް ނޫން މުސާރައިން އުނިކުރަން ދެކޮޅު ހެދީ. އެކަމަކު އަހަރެންގެ ނަން އެކަނި އާއްމުވީ” އޮޒިލް ބުންޏެވެ.