ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ބާސެލޯނާ އަށް ދެވޭނެ ކަމަށާއި، ޕޯޗްގަލްގެ ލިސްބަން އަށް ދަތުރުކުރީ ވެސް އެކަމުގެ އުއްމީދުގައި ޕްލޭ ސްޓޭޝަންވެސް ހިފައިގެން ކަމަށް ބާސެލޯނާގެ ފޯވާޑް އަންޓުއަން ގްޜީޒްމަން ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި މިރޭ ބާސެލޯނާ އާއި ބެޔާން މިޔުނިކު ވާދަކުރާއިރު މެޗު ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ރަގަޅު ފޯމެއްގައި އޮތް ބެޔާން މިޔުނިކެވެ. ބެޔާނުން އެންމެ ފަހުން ކުޅުނު 27 މެޗުގެ ތެރެއިން 26 މެޗު ކާމިޔާބުކޮށް ބާކީ އޮތް މެޗު އެއްވަރުކޮށްފައިވާއިރު އެ ޓީމު ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފައިވަނީ ގަދަ 16 ގައި 1-7 ގެ އެގްރިގޭޓުން ޗެލްސީ ބަލިކުރުމަށްފަހު އެވެ. ކަން މިހެން އޮތް ނަމަވެސް ގްރީޒްމަން ބުނެފައިވަނީ މިރޭ ބެޔާން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދަން ބާސެލޯނާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
“އަހަރެން ލިސްބަން އަށް އަންނަން ސޫޓްކޭސް ތައްޔާރުކުރީ އޯގަސްޓް 23 އާ ހަމައަށް މަޑުކުރާ ގޮތަށް. އަހަރެން އައީ ޕްލޭ ސްޓޭޝަންވެސް ހިފައިގެން.” ބާސެލޯނާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ގްރީޒްމަން ބުންޏެވެ.
“ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ދެން އަހަރެމެންނަށް އޮތީ ތިން މެޗު. އެކަން ކުރަން ބޭނުންވާ އާލާތްތައް އަހަރެމެންގެ އަތުގައި އެބަހުރި. އެންމެ މެޗެއް ކާމިޔާބުކުރަން ބޭނުންވާ ގާބިލްކަން ކޮންމެ ޓީމެއްގެވެސް ހުންނާނެ. އަހަރެމެން މިތިބީ މޮޅުވާން ތައްޔާރުވެގެން. އަހަރެމެން މި ތިބީ މިރޭގެ މެޗަށް ވަރަށް ރަގަޅަށް ޓެކްޓިކަލް ގޮތުންވެސް ތައްޔާރުވެގެން.. އަހަރެމެންނަށް އެނގޭ މެޗު އުނދަގޫވާނެކަން. އެކަމަކު އަހަރެމެންނަށް އެނގޭ ސެމީ ފައިނަލަށް ދާން ކުރަންޖެހެނީ ކީއް ކަން. މިރޭ ރަގަޅު މެޗެއް ފެންނާނެ.” ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅެފައިވާ ފޯވާޑް ބުނެފައިވެއެވެ.
މިދިޔަ އަހަރު ބާސެލޯނާ އަށް ބަދަލުވި ފްރާންސްގެ ފޯވާޑް ގްރީޒްމަން އިތުރަށް ފާހަގަކުރި ގޮތުގައި ބެޔާންގެ ފޯވާޑް ރޮބަޓް ލެވަންޑޮސްކީ ހުއްޓުވުމަކީ އުނދަގޫ މަސައްކަތަކަށް ވާނެ ކަމަށާއި އޭގެ އިތުރުން ބެޔާންގެ އެޓޭކްގައި ހިމެނޭ އެހެން ކުޅުންތެރިންގެ ފަރާތުން އަންނާނެ ނުރައްކަލަކާ މެދު ބާސެލޯނާއިން ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށެވެ.
“ބެޔާން އަކީ ވަރަށް މޮޅަށް ކުޅޭ ޓީމެއް. އެ ޓީމުގައި ވަރަށް މޮޅު ފޯވާޑެއް އެބަހުރި. އެކަމަކު ރަގަޅު މެޗެއް ކުޅެން ބޭނުންވާ އާލާތްތައް އަހަރެމެންގެ ޓީމުގައި އެބަހުރި.” ގްޜީޒްމަން ބުނެފައިވެއެވެ.
ޖަރުމަނުގެ ބުންޑަސް ލީގާގެ ތަށި ޖެހިޖެހިގެން އަށްވަނަ ފަހަރަށް ބެޔާން މިޔުނިކުން މިދިޔަ މަހު ކާމިޔާބުކޮށްފައިވާއިރު މިއަހަރުގެ ސީޒަނުގައި ބާސެލޯނާ އަށް އަދި އެއްވެސް ތައްޓެއް ކާމިޔާބުކުރެވިފަ އެއް ނުވެއެވެ. މިރޭ ބެޔާން އާއި ބާސެލޯނާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ.