ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުއާޓަރ ފައިނަލުގައި ރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އުފެދުނުތާ އެންމެ 11 އަހަރުވީ ޖަރުމަނުގެ ކުލަބު އާރުބީ ލައިޕްޒިގުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ. ޕޯޗްގަލުގެ ލިސްބަނުގައި ރޭ ކުޅުނު މެޗުގައި ލައިޕްޒިގުން އެތުލެޓިކޯގެ މައްޗަށް ކުރިހޯދީ 1-2 އިންނެވެ.
ރޭގެ މެޗުގައި ޖެހި ތިން ލަނޑުވެސް ފެނިފައިވަނީ ފަހު ހާފުގައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލައިޕްޒިގުންނެވެ. ފުރަތަމަ ހާފުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް ލައިޕްޒިގުން ފަހު ހާފުގައި ކުޅުން ރަގަޅުކޮށް 55 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޑެނީ އޮލްމޯ އެވެ. އެކަމަކު އެތުލެޓިކޯއިން ވަނީ މެޗުގެ 71 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެތުލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔާއޯ ފީލިކްސް އެވެ. މި ޕެނަލްޓީ އަކީ ލައިޕްޒިގުގެ ކުޅުންތެރިއަކު ފީލިކްސް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. ލައިޕްޒިގަށް މެޗު ކާމިޔާބުކޮށްދިން ލަނޑު މެޗް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޓައިލާ އެޑަމްސް އެވެ. މިއީ މިހާތަނަށް އެޑަމްސް ލައިޕްޒިގަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
އެތުލެޓިކޯ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ލައިޕްޒިގުން ޖާގަ ހޯދި ނަމަވެސް ކުރިން ހީކުރިގޮތަށް ލައިޕްޒިގުގެ އެޓޭކްގެ ތޫނުފިލިކަން ރޭ ފެނުނީ ދަށްކޮށެވެ. އެކަމަކު މި ސީޒަނުގައި ލައިޕްޒިގަށް 34 ގޯލް ކާމިޔާބުކޮށްދީފައިވާ ޓީމޯ ވާނާ ނެތްތަން އެޓީމަށް ފޫބެއްދޭނެ ކަމުގެ ޔަގީންކަން ލައިޕްޒިގުގެ ކޯޗް އޮތީ މެޗު ފެށުމުގެ ކުރިންވެސް ދީފަ އެވެ. ވާނާ ވަނީ މިދިޔަ މަހުގެ ތެރޭގައި 54 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވެފަ އެވެ.
މިއީ 2010 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޝާލްކޭ ޖާގަ ހޯދިފަހުން ބެޔާން މިޔުނިކު އަދި ބޮރޫޝިއާ ޑޯޓްމަންޑް ފިޔަވައި ޖަރުމަނުގެ ކުލަބެއް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ މުބާރާތުގެ ނޮކައުޓް ސްޓޭޖްގައި ޖަރުމަނުގެ ކުލަބެއްގެ އަތުން އެތުލެޓިކޯ މެޑްރިޑަށް ކުރި ނުހޯދިގެން މުބާރާތުން ވަކިވާންޖެހުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުބާރާތުގެ ނޮކައުޓް ސްޓޭޖްގައި ބެޔާ ލެވެކޫސަން އާއި ދެފަހަރު އަދި ބެޔާން މިޔުނިކާއި އެއް ފަހަރު އެތުލެޓިކޯ އިން ވާދަކޮށްފައިވާއިރު އެ ތިންފަހަރުވެސް އެތުލެޓިކޯ އިން ވަނީ ކުރި ހޯދައިފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ލައިޕްޒިގް ވާދަކުރާނީ ޕީއެސްޖީ އާއެވެ. މި މެޗް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ.