ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނައިރު ދާދިފަހުން އާރުބީ ލައިޕްޒިގް ދޫކޮށް ޗެލްސީ އަށް ބަދަލުވި ޖަރުމަނުގެ ފޯވާޑް ޓީމޯ ވާނާ ނެތަސް އެޓީމުގައި ފެންވަރު ހުންނާނެ ކަމަށް ކޯޗު ހޫލިއަން ނަގެލްސްމަން ބުނެފި އެވެ.
މިދިޔަ އަހަރުތަކުގައި ޖަރުމަނު ލީގުގައި މޮޅު ކުޅުމެއް ދެއްކި 23 އަހަރުގެ ވާނާ ލައިޕްޒިގް ދޫކޮށް މިހާރު އަންނަނީ ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ޗެލްސީ އަށް ބަދަލުވުމުގެ ކުރިން ލައިޕްޒިގް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ގެންގޮސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ ވާނާ އެވެ. ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުން ފާރަލަމުން އައި ވާނާ ޗެލްސީ އަށް ބަދަލުވީ 45 މިލިއަން ޕައުންޑަށެވެ. ލައިޕްޒިގް ދޫކޮށްލުމާ ހަމައަށް މިހާރު ކުރިއަށްދާ ސީޒަނުގައި ވާނާ ވަނީ ހުރިހާ މުބާރާތެއްގައި ކުޅުނު 45 މެޗުގައި 34 ލަނޑު ޖަހައިދީ 12 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.
ވަރުގަދަ މެޗަކަށް ނުކުންނައިރު ވާނޭ ނެތުމަކީ ލައިޕްޒިގް ބަލިކަށިވާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނަމުން އައި ނަމަވެސް އެޓީމުގެ ކޯޗު ބުނީ ބަދަލުގައި އެފެންވަރު ދެއްކޭނެ ކުޅުންތެރިން އެބަތިބި ކަމަށާއި، ވާނާ ނުލާވެސް އެޓީމަށް ގޯލު ޖެހޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
“ވާނާގެ ބަދަލުގައި އަހަރެމެން އެތަނަށް ކުޅުވާނީ ގާބިލްކަން ހުރި ކުޅުންތެރިއެއް. އަހަރެމެންގެ ފެންވަރު އެބަހުރި. ވާނާ ހުރިނަމަ އެއީ ޓީމަށް ރަނގަޅެއް. އެކަމަކު އޭރު ފުރުސަތު ނުލިބުނު ކުޅުންތެރިންނަށް މިހާރު ޓީމުން ޖާގަ ލިބޭނެ” މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލައިޕްޒިގްގެ ކޯޗު ބުންޏެވެ.
މެޗަށް ނުކުންނައިރު އެޓީމުގެ އެޓޭކުގައި ކުޅޭ ޕެޓްރިކް ޝިކް އާއި މާސެލް ހަލްސްޓެންބާގް އަންނަނީ އަނިޔާއިން ރަނގަޅުވުމަށް މަސައްކަތް ކުރަމުންނެވެ. ކޯޗު ބުނީ ދެކުޅުންތެރިންގެ ހާލަތުވެސް މިހާރު ރަނގަޅު ކަމަށާއި، އެކަމަކު މެޗުގެ 90 މިނެޓު ފުރިހަމަކުރެވޭނެކަމުގެ ޔަގީންކަން އަދި ނުލިބޭ ކަމަށެވެ.
ލައިޕްޒިގް ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެތުލެޓިކޯ މެޑްރިޑް ވަނީ ދެ ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލައިފަ އެވެ. ކުއާޓާ ފައިނަލަށް މި ދެޓީމު ވެސް ދަތުރުކުރީ ދެ ލެގު ކުޅުމަށް ފަހު އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުއާޓާ ފައިނަލުން ފެށިގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ބާކީ މެޗުތައް ކުރިއަށް ގެންދަނީ އެއް ލެގު އުސޫލުން ނިއުޓްރެލް ދަނޑެއްގަ އެވެ. އެހެންކަމުން ދެ ލެގުން ލިބޭ ފައިދާ މި ސީޒަނުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ޓީމުތަކަށް ނުލިބޭނެ އެވެ. ނަގެލްސްމަން ބުނީ އެއް ލެގް އުސޫލުން މުބާރާތުގެ ބާކީބައި ކުރިއަށް ގެންދިއުމަކީ ލައިޕްޒިގް ކަހަލަ ތަޖުރިބާ މަދު ޓީމަކަށް ރަނގަޅެއް ކަމަށެވެ.
“އެތުލެޓިކޯ އަކީ ދެ ލެގުގެ ތަޖުރިބާ ބޮޑު ޓީމެއް. އެކަމަކު އެ ލެގުގެ މެޗެއްގައި ކޮންމެ ކަހަލަ ނަތީޖާއެއް ވެސް ނުކުމެދާނެ. މިއީ އެތުލެޓިކޯ އަށް ކުރެވޭ އާ ތަޖުރިބާއެއް” ލައިޕްޒިގް ގޮވައިގެން ތާރީހީ މެޗަކަށް ނުކުންނަ ކޯޗު ބުންޏެވެ.
މިރޭގެ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުން މޮޅުވީ ޕީއެސްޖީއާ އެވެ. ލައިޕްޒިގާއި އެތުލެޓިކޯ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގަ އެވެ.