2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕާއި، 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ މެޗްތަކުގެ ތެރެއިން އަންނަ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ކުޅެން ހަމަޖެއްސި މެޗްތައް އަންނަ އަހަރަށް ފަސްކޮށްފި އެވެ. މިއީ މި ދެ މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް ކޯވިޑް 19 އާ ގުޅިގެން އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ) އިން ފަސްކުރި ދެވަނަ ފަހަރެވެ.
ކުރިން މިއަހަރުގެ މާރޗް އަދި ޖޫން މަހުގެ ތެރޭގައި ކުޅެން ހަމަޖައްސާފައި އޮތް މެޗްތައް މި އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހަށް ފަސްކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. ކޯވިޑް 19 ގެ ހާލަތު އޭރު އޮތް މިންވަރަށް ބަލައި މެޗުތައް އަހަރުގެ ފަހުކޮޅު ކުރިއަށްގެންދެވޭނެ ކަމަށް ކުރިން ހީކުރެވުނު ނަމަވެސް މިއަދު އޮތް އޭއެފްސީގެ ބައްދަލުވުމެއްގައި ދެވަނަ ފަހަރަށް މެޗުތައް ފަސްކުރީ އަދިވެސް ގިނަ ގައުމުތަކުގައި ބަލީގެ ހާލަތު ރަގަޅުވެފައި ނުވުމުގެ ސަބަބުންނެވެ.
ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކުގުގެ ތެރެއިން ރާއްޖެ އަށް ބާކީ ހުރި މެޗުތައް އަންނަ އޮކްޓޯބަރު މަހު ފަށަން މިދިޔަ ޖޫން މަހު އޭއެފްސީން ހަމަޖެއްސުމާއެކު މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައްވެސް ފެށި އެވެ. އެހެން ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޯވިޑް 19 ގެ ހާލަތު ގޯސްވަމުން އައުމާއެކު ޓީމުގެ ފަރިތަކުރުންތައް އޭރުން ފެށިގެން އޮތީ މެދުކަނޑާލައިފައެވެ.
ޖޮއިންޓް ކޮލިފިކޭޝަންގައި ދެން ރާއްޖެއަށް ބާކީ އޮތީ ޖުމްލަ ތިން މެޗެވެ. އެއީ ޗައިނާ އާއި ފިލިޕީންސް އާ ދެކޮޅަށް ރާއްޖެއިން ބޭރުގައި ކުޅޭ މެޗާއި ސީރިއާ އާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗެވެ.