ފުރަތަމަ ސަފްޙާ / ޚަބަރު / ހިމެނޭޒް އަތުން މިސްވި ހަމައެކަނި ޕެނަލްޓީއާއެކު ވުލްވްސްގެ އުއްމީދު ފެނަށް

ހިމެނޭޒް އަތުން މިސްވި ހަމައެކަނި ޕެނަލްޓީއާއެކު ވުލްވްސްގެ އުއްމީދު ފެނަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 އޮގަސްޓް 2020

ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގައި ރޭ ސްޕެއިންގެ ސެވިއްޔާ އާ ދެކޮޅަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ވުލްވްސް ކުޅުނު މެޗްގައި ފަހު ވަގުތު ސެވިއްޔާއިން ޖެހި ގޯލާއެކު މުބާރާތް ކާމިޔާބުކުރުމަށް ވުލްވްސްއިން ކުރަމުން އައި އުއްމީދު ފެނަށް ވެއްޖެ އެވެ. ރޭ ޖަރުމަނުގައި ކުޅުނު މި މެޗްގައި ވުލްވްސްގެ މައްޗަށް ސެވިއްޔާ އިން ކުރި ހޯދީ 0-1 އިންނެވެ.

މި ސީޒަނުގައި ރަގަޅު ކުޅުމެއް ދައްކަމުން އައި ވުލްވްސް އަށް ރޭގެ މެޗްގެ ވަރަށް ކުރީކޮޅު ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފައިވެއެވެ. އެކަމަކު މެޗްގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ރައުލް ހިމެނޭޒް ފޮނުވާލުމުން ސެވިއްޔާގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. މިއީ ވުލްވްސްގެ ޖޯޒީގައި ހިމެނޭޒް އަތުން މިހާތަނަށް މިސްވި ހަމައެކަނި ޕެނަލްޓީ އެވެ. މި ޕެނަލްޓީގެ އިތުރުން ވުލްވްސްއަށް މެޗްގައި ސެވިއްޔާގެ ގޯލަށް ނުރައްކާކުރެވޭ ވަރުގެ ހަމަލާއެއް އޭގެ ފަހުން އުފެއްދިފައެއް ނުވެއެވެ.

ސެވިއްޔާއިން ރޭގެ މެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އީވާ ބަނޭގާ ނަގައިދިން ހުރަހެއް ލޫކަސް އޮކަމްޕޮސް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ހަތްވަނައިގައި ނިންމާލި ވުލްވްސް އަށް އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި ރަގަޅު ކުޅުމެއް ދެއްކުމަށްފަހު މިހާ ހިސާބުން މުބާރާތުން ވަކިވާން ޖެހުމަކީ ވުލްވްސްއަށް ލިބޭނެ ބޮޑު ހިތްދަތިކަމެއް ކަމުގައި ގަބޫލުކުރެވެ އެވެ. ރޭގެ މެޗަކީ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ވުލްވްސް ކުޅުނު ފުރަތަމަ މެޗަށް ފަހު އެ ޓީމަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމުނު ހަމައެކަނި މެޗެވެ.

މިހާތަނަށް މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ސެވިއްޔާ އަށް ސެމީފައިނަލުގައި ވާދަކުރަންޖެހޭނީ މެންޗެސްޓަރ ޔުނައިޓެޑާ އެވެ. މި މެޗް ކުޅޭގޮތަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.

ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ އަނެއް މެޗުގައި ޔޫކްރެއިންގެ ޝަކްތަރު ޑޮނޭޝް އިން ވަނީ ސްވިޒަލޭންޑްގެ އެފްސީ ބަސެލްގެ މައްޗަށް 1-4 އިން ކުރި ހޯދައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ސެމީގައި ޝަކްތަރު ވާދަކުރަންޖެހޭނީ އިންޓަރ މިލާން އާ އެވެ. މި މެޗް ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!