ފުރަތަމަ ސަފްޙާ / ޚަބަރު / ސަންޗޯ ގެންދަން ޔުނައިޓެޑުން ކުރި މަސައްކަތް ބޭކާރުވީތަ؟

ސަންޗޯ ގެންދަން ޔުނައިޓެޑުން ކުރި މަސައްކަތް ބޭކާރުވީތަ؟

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 އޮގަސްޓް 2020

މެންޗެސްޓަރ ޔުނައިޓެޑަށް ގެންނަން އެ ކުލަބުން މަސައްކަތްކުރަމުން އަންނަ ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ޖޭޑަން ސަންޗޯގެ ނަން އެ ކުލަބުން މި ހަފްތާގައި ސްވިޒަލޭންޑްގައި ބާއްވާ ތަމްރީން ކޭމްޕްގައި ބައިވެރިވާ ކުޅުންތެރިންގެ ލިސްޓުގައި ހިމަނައިފި އެވެ. އުމުރުން 20 އަހަރުގެ އިނގިރޭސި ފޯވާޑް ސަންޗޯގެ ނަން ޑޯޓްމަންޑުގެ ޓްރެއިނިންގް ކޭމްޕްގައި ބައިވެރިންގެ ލިސްޓުގައި ހިމެނިއިރު މިއަދަކީ ސަންޗޯ އާ މެދު ގޮތެއް ނިންމަން ޑޯޓްމަންޑުން ޔުނައިޓެޑަށް ދީފައިވާ މުހުލަތު ހަމަވާ ދުވަހެވެ.

ޑޯޓްމަންޑުން ތަމްރީންތައް ހެދުމަށްޓަކައި ސްވިޒަލެންޑަށް ކުރާ ދަތުރުގައި އޮސްޓްރިއާގެ ދެ ކުލަބަކާއެކު މެޗްތައް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަންނަ ބުދަ ދުވަހު ކުޅޭ ފުރަތަމަ މެޗްގައި އެސްސީއާރު އަލްޓެކް އާ ވާދަކުރާގޮތަށް ހަމަޖެހިފައިވާއިރު އަންނަ އާދިއްތަ ދުވަހު ކުޅޭ މެޗްގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ އޮސްޓްރިއާ ވިއެނާ އާއެވެ.

ސަންޗޯ ޔުނައިޓެޑަށް ގެނައުމުގައި އެ ކުލަބަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑޯޓްމަންޑުން އޭނާ ވިއްކަން ހުށަހަޅައިފައިވާ އަގެވެ. 2017 ވަނަ އަހަރު މެންޗެސްޓަރ ސިޓީއަށް 10 މިލިއަން ޕައުންޑު ދިނުމަށްފަހު ޑޯޓްމަންޑަށް ގެންދިޔަ ސަންޗޯ ވިއްކާލަން ޑޯޓްމަންޑުން މިހާރު ބޭނުންވަނީ 100 މިލިއަން ޕައުންޑަށެވެ. ސަންޗޯ އާއެކު ޑޯޓްމަންޑުން މިހާރު ހަދައިފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރު އެވެ.

ސަންޗޯ ވިއްކާ އަގުގެ ގޮތުގައި ޑޯޓްމަންޑުން 100 މިލިއަން ޕައުންޑް ކަނޑައަޅައިފައިވާއިރު ޔުނައިޓެޑުން އެ އަގުގެ ބޮޑު ބައެއް އެއްފަހަރާ ޑޯޓްމަންޑަށް ދައްކަން ޖެހޭގޮތަށް އޮތް އޮތުމަކީ އެ ކުލަބަށް ސަންޗޯ ގެންދަން ކުރާ މަސައްކަތަށް އެޅިފައި އޮތް ބޮޑު ހުރަހެކެވެ. ޔުނައިޓެޑުން ގަބޫލުކުރާ ގޮތުގައި ކޮރޯނާވައިރަހާ ގުޅިގެން މިހާރު ދިމާވެފައި އޮތް މާލީ ދަތިކަމަށް ބަލާއިރު އެއީ އެންމެ ރަގަޅު ގޮތެއް ނޫނެވެ. މި ސަބަބާހުރެ ޔުނައިޓެޑުން ސަންޗޯގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ހޯދަން މަސައްކަތްކުރުމަކީ ގާތްކަމެއް ކަމަށް މިހާރުވަނީ ބެލެވިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!