ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޖަރުމަނުގެ އާރުބީ ލައިޕްޒިގާ ދެކޮޅަށް ނުކުންނަން ތައްޔާރުވަމުން އަންނަ އެތުލެޓިކޯ މެޑްރިޑް ޓީމުގައި ހިމެނޭ ދެ މެންބަރަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކޯވިޑް 19 އަށް ޕޮޒިޓިވްވި އެތުލެޓިކޯ މެޑްރިޑްގެ ދެ މެންބަރުންގެ ތެރޭގައި ހިމެނެނީ ކުޅުންތެރިން ކަމެއް ނުވަތަ އޮފިޝަލުން ކަމެއް އެ ކުލަބުން ހާމަކޮށްފައެއް ނުވެއެވެ. ޓީމުގައި ހިމެނޭ ދެ މެންބަރަކު ކޯވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ ކުއާޓަރ ފައިނަލްގެ މެޗް އޮންނަ ޕޯޗްގަލްގެ ލިސްބަންއަށް ދަތުރުކުރާ އެތުލެޓިކޯ ޓީމުގެ ކުޅުންތެރިންނާއި، ކުލަބުގެ އެހެން މުވައްޒަފުން މިދިޔަ ހޮނިހިރު ދުވަހު ބައްޔަށް ޓެސްޓު ކުރުމުން ކަމަށް ކުލަބުން ހާމަކޮށްފައިވެ އެވެ. އެތުލެޓިކޯ އިން ބުނެފައިވާ ގޮތުގައި ޕޮޒިޓިވްވި ދެ މެންބަރުން މިހާރު ތިބީ އައިސޮލޭޝަންގައި ގޭގައެވެ. އަދި، ޕޮޒިޓިވްވި ދެ މެންބަރުންނާއި، އެމީހުން ކޮންޓެކްޓުވެފައި ތިބި މީހުންގެ ޓެސްޓު އަލުން ހަނދާނެ ކަމަށްވެސް ކުލަބުން ހާމަކޮށްފައިވެއެވެ.
“މިކަމުގެ ސަބަބުން ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދަން ރާވައިފައިވާ ތާވަލަށް ބަދަލުތަކެއް އަންނާނެ. އަދި މީގެ އިތުރުން ދަތުރުގެ އިންތިޒާމްތަކަށާއި، ލިސްބަންގައި އެކަމަޑޭޝަންގެ ކަންކަން ކުރިން ރާވައިފައ ހުރި ގޮތަށްވެސް ބަދަލުތަކެއް އަންނާނެ. އަދި ގެނެވޭ ބަދަލުތައް ޔޫއެފާ އާ ހިއްސާކުރަމުންގެންދާނަން.” އެތުލެޓިކޯ މެޑްރިޑުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ކޯވިޑް 19 އާ ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުޅުން ގާތްގަނޑަކަށް ފަސް މަސްދުވަހަށް މެދުކަނޑާލައިފައި އޮތުމަށްފަހު އަލުން ފެށީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. މުބާރާތުގެ ކުއާޓަރ ފައިނަލްގައި ވާދަކުރާ ޓީމްތައް މިހާރު ކަށަވަރުވެފައިވާއިރު މުބާރާތުގައި ބާކީ ހުރި މެޗްތައް ކުޅެން ހަމަޖައްސައިފައިވަނީ އަށް ޓީމު ނޮކައުޓް އުސޫލުން ވާދަކުރާ މުބާރާތެއްގެ ގޮތުގަ އެވެ. ކޯވިޑް 19 އާ ގުޅިގެން ގެނެވުނު މި ބަދަލާއެކު މި ހުރިހާ މެޗްތަކެއްވެސް ކުޅޭގޮތަށް ހަމަޖައްސައިފައިވަނީ ޕޯޗްގަލްގެ ލިސްބަންގައެވެ.