އަނިޔާގެ ސަބަބުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި އިޓަލީގެ އެޓަލާންޓާ އާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗްގައި އެ ޓީމުގެ އެންމެ މުހިއްމު އެއް ފޯވާޑް ކިލިއަން އެމްބާޕޭ އަށް ނުކުޅެވޭނެ ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް އެ މެޗްގެ ކޮންމެވެސް ހިސާބެއްގައި އޭނާ ފެނިދާނެ ކަމުގެ ހީތައް ކުރެވެން ފަށައިފި އެވެ.
އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭގޮތަށް ހަމަޖެހިފައިވާ ކުއާޓަރ ފައިނަލްގެ މެޗުގައި ފްރާންސްގެ ޒުވާން ފޯވާޑް އެމްބާޕޭ ފެނިދާނެ ކަމަށް ބެލެވެން ފެށީ އިއްޔެ އޭނާ ތަމްރީނުތައް ހަދަމުން ދިޔަ ތަން ފެނިފައިވުމުންނެވެ. މިގޮތުން އެހެން ކުޅުންތެރިންނާ ވަކިން ތަމްރީން ހަދަމުންދިޔަ 21 އަހަރުގެ އެމްބާޕޭ ބޯޅައާއެކު ހަރަކާތްތެރިވާ މަންޒަރާއި އަދި ގޯލަށް ބޯޅަ ޝޫޓްކުރާ މަންޒަރުވެސް ވަނީ ފެނިފަ އެވެ.
ފްރެންޗް ލީގުގެ ރަން ބޫޓް މި ސީޒަނުގައި ހޯދައިފައިވާ އެމްބާޕޭގެ ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާވެފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ސެއިންޓް އެޓިއެންސް އާ ދެކޮޅަށް ކުޅުނު ފްރެންޗް ކަޕްގެ ފައިނަލްގައެވެ. އޭރު ހެދި މެޑިކަލް އަށް ބަލައި ލަފާކޮށްފައިވަނީ އެމްބާޕޭ އެންމެ މަދުވެގެންވެސް ތިން ހަފްތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެމްބަޕޭގެ ރިކަވަރީ ކުރިން ހީކުރިވަރަށްވުރެ އަވަސްކަމަށް ފާހަގަކުރެވިފައިވުމާއެކު މެޗްކުޅުމަށް ޕޯޗްގަލްގެ ލިސްބަން އަށް ދަތުރުކުރާ ޓީމުގައި އެމްބާޕޭގެ ނަންވެސް ވަނީ ހިމަނައިފަ އެވެ.
“ބާކީ އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް. މިއަދު(އިއްޔެ) އަހަރެމެން ޑޮކްޓަރާއި ވާހަކަ ދެއްކިން. އަހަރެމެން އަދި ޑޮކްޓަރާ ބައްދަލުކުރާނަން. ބައްދަލުކުރުމަށްފަހު ބަލާނަން އެޓަލާންޓާ އާ ދެކޮޅަށް ކުޅޭއިރު އެމްޕާބޭ ބެންޗުގައި ހިމެނުމުގެ ފުރުސަތު އެބައޮތްތޯ. އެކަމަކު އަހަރެން މާ މައްޗަކަށް އުއްމީދެއް ނުކުރަން.” ޕީއެސްޖީގެ ކޯޗް ތޯމަސް ތުޝެލް ރިޕޯޓަރުންނާ ވާހަކަދަްކަމުން ބުނެފައިވެ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި އެމްބާޕޭ އަށް ކުޅެވޭނެ ކަމާމެދު ޝައްކުތަކެއް ހުރި ނަމަވެސް އެޓަލާންޓާގެ ކުޅުންތެރިން ތިބީ މެޗްގައި އެމްބާޕޭ ކުޅެފާނެ ކަމަށް ވިސްނައިގެންނެވެ. އެޓަލާންޓާގެ މިޑްފީލްޑަރު ރީމޯ ފްރީލާ ބުނެފައިވަނީ މެޗްގައި އެމްބާޕޭ ނުފެންނާނެ ކަމާއިމެދު އޭނާ އަށް ޝައްކު ކަމަށެވެ.
“އަހަރެންނަށް އެނގޭ ޑި މާރިއާ ހުރީ ސަސްޕެންޝަންގައި ކަން. އެކަމަކު އަހަރެން އެމްބާޕޭ އާއި ވެތާޓީ މެޗްގައި ނުފެންނާނެ ކަމަށް ހަމައެކަނި ގަބޫލުކުރާނީ މެޗަށް ނުކުންނަ ޕީއެސްޖީގެ ޓީމު ފެނުނީމަ. ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް މެޗެއް. އެންމެންވެސް މި މެޗްގައި ކުޅެން ބޭނުންވާނެ. އަދި އެކަމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ.” ފްރީލާ ބުނެފައިވެއެވެ.