ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެންގެ ލޯބި ހޯދި ޕިރްލޯ ޔުވެންޓަސްގެ ކޯޗަކަށް ހަމަޖައްސައިފި

އެންމެންގެ ލޯބި ހޯދި ޕިރްލޯ ޔުވެންޓަސްގެ ކޯޗަކަށް ހަމަޖައްސައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 8 އޮގަސްޓް 2020

ކުޅުންތެރިއެއްގެ ގޮތުގައި ޖާދޫ ދައްކައި ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި ހޯދި ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ޔުވެންޓަސްގެ ކޯޗަކަށް ހަމަޖައްސައިފި އެވެ. ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވީ އެޓީމުގެ ކޯޗަކަށް ހުރި މައުރީޒިއޯ ސާރީ އެއް ސީޒަނަށް ފަހު ހޮނިހިރު ދުވަހު މަގާމުން ދުރުކުރުމުންނެވެ.

އިޓަލީ އަށް އުފަން 61 އަހަރުގެ ސާރީ މަގާމުން ވަކިކުރީ މި ސީޒަނުގައި ޔުވެންޓަސްގެ ޓާގެޓަށް ނުދެވުމުންނެވެ. ވަރުގަދަ ޓީމަކާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް އަމާޒުހިފި ނަމަވެސް ހުކުރު ދުވަހުގެ ރޭ ލިޔޯންއާ ދެކޮޅަށް ކުޅެ އެގްރިގޭޓް ނަތީޖާއިން ބަލިވެގެން އެޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. ސާރީގެ ކޯޗުކަމުގައި ޔުވެންޓަސް ވަނީ އިޓާލިއަން ކަޕްގެ ފައިނަލުގައި ނަޕޯލީ އަތުން ވެސް ބަލިވެފަ އެވެ. އެކަމަކު ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ޔުވެންޓަސް އިން މި ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކުރީ ސާރީގެ ކޯޗުކަމުގަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު އެޓީމަށް ޗެމްޕިއަންކަން ކަށަވަރުކުރެވުނީ އިންޓަ މިލާނަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ.

ސާރީގެ ބަދަލުގައި ކޯޗުކަމުގެ މަގާމަށް ހަމަޖެއްސި އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ޕިރްލޯ ކޯޗިންގެ ތެރެއަށް ނުކުތީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމާއެކު އެވެ. ސީނިއާ ޓީމުގެ ކޯޗުކަމަށް ޔުވެންޓަސް އިން ޕިރްލޯ ހަމަޖެއްސިއިރު ޒުވާން ޓީމާއެކު އޭނާ ހޭދަކުރީ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހެވެ.

41 އަހަރުގެ ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޔުވެންޓަސް އިން ބުނީ ޕިރްލޯގެ ވިސްނުމާއެކު މިހާރު އޮތް ޓީމަށް ކާމިޔާބު ހޯދޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ޔުވެންޓަސްގެ ޖާޒީގައި 2011 އިން 2015 އާ ދެމެދު 164 މެޗު ކުޅުނު ޕިރްލޯ ވަނީ އެ ކްލަބާއެކު ހަތަރު ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. ޕިރްލޯ ޔުވެންޓަސް އަށް ބަދަލުވީ ގިނަ އަހަރުތަކެއް ވަންދެން ވާދަވެރި އޭސީ މިލާނަށް ކުޅެ އެ ކްލަބާއެކު ދެ ފަހަރު ޗެމްޕިއަންސް ލީގާއި އަދި ދެ ފަހަރު ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު އެވެ.

ގައުމީ ޓީމަށް 116 މެޗު ކުޅުނު ޕިރްލޯ ވަނީ 2006 ވަނަ އަހަރު އިޓަލީއާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ޔުވެންޓަސް ދޫކޮށް އެމެރިކާ ލީގަށް ބަދަލުވުމަށް ފަހު ޕިރްލޯ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރު އެވެ.

ޔުވެންޓަސްގެ ޒުވާން ޓީމުގެ ކޯޗުކަމާ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަވާލުވުމަށް ފަހު ޕިރްލޯ ބުނީ ކޯޗިންގައި އޭނާގެ އަމާޒަކީ ޕެޕް ގާޑިއޯލާ އާއި ޒިނެދިން ޒިދާން ކުރިއަށް ދިޔަގޮތަށް މަސައްކަތްކުރުން ކަމަށެވެ. ދުނިޔޭގައި މިވަގުތު އެންމެ ފާހަގަކޮށްލެވޭ ކޯޗުންގެ ތެރޭގައި ހިމެނޭ ގާޑިއޯލާ ވެސް ކޯޗިން ކެރިއަރު އެންމެ ފުރަތަމަ ފެށީ ބާސެލޯނާގެ ރިޒާވް ޓީމުންނެވެ. ރެއާލަށް ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒިދާން ވެސް ކުޅުން ހުއްޓާލުމަށް ފަހު ރެއާލްގެ ޒުވާން ޓީމަށް އިރުޝާދުދީފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!