ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އުއްމީދުގައި ނުކުތް ޔުވެންޓަސްގެ އުއްމީދުތައް ވަޅުލައި ފްރާންސްގެ ލިޔޯން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ. ލިޔޯނުން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ރޭ ރަށުން ބޭރުގައި ޔުވެންޓަސް އަތުން 2-1 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. އަމިއްލަ ދަނޑުގައި 1-0 އިން ޔުވެންޓަސް އަތުން މޮޅުވެފައި އޮތުމުން އެގްރިގޭޓް 2-2 އިން އެއްވަރުވެ ލިޔޯނަށް ކުއާޓާ އިން ފުރުސަތު ލިބުނީ އަވޭ ގޯލުގެ އުސޫލުން ކުރި ލިބިގެންނެވެ.
މިއީ މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި އިޓަލީގެ ޗެމްޕިއަންކަން މި ސީޒަނުގައި ހޯދި ޔުވެންޓަސް އަށް ކުރިމަތިވި ބޮޑު ނުތަނަވަސް ކަމެކެވެ. ޔުވެންޓަސް އިން ރޮނާލްޑޯ ގެންގޮސް ކުރަމުން އަންނަ އެންމެ ބޮޑު އުއްމީދަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. 1996 ވަނަ އަހަރުގެ ފަހުން އެޓީމަށް ޗެމްޕިއަންސް ލީގުގެ ތަށީގައި އަތްލެވިފައިނުވާއިރު އޭގެފަހުން ކުޅުނު ފަސް ފައިނަލުގައި އެޓީމު ވަނީ ބަލިވެފަ އެވެ. މި ސީޒަނުގެ ދެ ވަނަ ބުރުން އެޓީމު ކެޓިއިރު މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުގައި ކެޓީ އަޔަކްސް އަތުންނެވެ.
ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި ލިޔޯނުން ވަނީ މެމްފިސް ޑިޕާއީ ވައްދާލި ޕެނަލްޓީން ލީޑު ނަގައިފަ އެވެ. މިއީ އޭރިޔާ ތެރެއިން ލިޔޯންގެ ކުޅުންތެރިއަކަށް ޔުވެންޓަސްގެ ރޮޑްރީގޯ ބެންޓަންކުއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޑީޕާއީގެ ލަނޑަށް ފަހު ޔުވެންޓަސް އިން މި ހާފުގައި ކުރިއަށް ޖެހިގެން ކުޅުނުއިރު ލިޔޯން އިން ދިޔައީ ޑިފެންސަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ. މި ހާފުގައި ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުމެށް ގޯލަށް ވަންނަން ދަނިކޮށް ލިޔޯންގެ ގޯލްކީޕަރު އެންތޮނީ ލޮޕޭސް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން މިރަލެމް ޕިޔަނިކް ފޮނުވާލި ހިލޭ ޖެހުމެއް އޭރިޔާތެރެއިން ޑިޕާއީގެ އަތުގައި ޖެހުމުން ޔުވެންޓަސް އަށް ރެފްރީ ދިން ޕެނަލްޓީ ރޮނާލްޑޯ ވަނީ ވައްދާލައިފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ޔުވެންޓަސް ކުރިއަށް ޖެހިގެން ކުޅެމުން ގޮސް ރޮނާލްޑޯ ވަނީ ދެ ވަނަ ލަނޑެއް ޖަހައި އުއްމީދެއް ގެނެސްދީފަ އެވެ. އޭރިޔާ ބޭރުން ވާތުފައިން ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފަ އެވެ. ދެ ވަނަ ލަނޑަށް ފަހު ޔުވެންޓަސްގެ މުޅި ޓީމު ވަނީ ކުރިއަށް ޖެހިގެން ކުޅެ ލަނޑެއް ކާމިޔާބުކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ލިޔޯން އިން ވަނީ ފަހަތަށް ޖެހި ޔުވެންޓަސްގެ ހަމަލާތައް ހުއްޓުވުމުގައި ކުރި ހޯދައިފަ އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުޅޭނީ އިޓަލީގެ އެޓަލާންޓާ އާއި ޕީއެސްޖީ އެވެ. ކުއާޓާގެ ދެ ވަނަ މެޗުގައި 13 ވަނަ ދުވަހުގެ ރޭ ރެޑްބުލް ލައިޕްޒިގް ނުކުންނާނީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. ކުއާޓާގެ ތިން ވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ކުޅޭނީ މިރޭ ކުޅޭ ދެ ވަނަ ބުރުގެ ފަހު މެޗުތަކުން ކުރި ހޯދާ ދެޓީމެވެ. ޔުވެންޓަސް ކަޓުވާލި ލިޔޯނުން ކުއާޓާގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފެށިގެން ކުރިއަށް ދާނީ މިނީ މުބާރާތެއްގެ ގޮތުގައި ޕޯޗުގަލްގަ އެވެ. ކުއާޓާ އިން ފެށިގެން އެއް ލެގްގެ ނޮކްއައުޓް މެޗެއް ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.