ޒިނެދިން ޒިދާންގެ ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. ރޭ އަމިއްލަ ދަނޑުގައި 2-1 އިން ރެއާލް ބަލިކޮށް ސިޓީން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. ކޮވިޑް-19 ގެ ސަބަބުން މުބާރާތް ހުއްޓާލުމުގެ ކުރިން މިދެޓީމު ކުޅުނު ފުރަތަމަ ލެގްގެ މެޗު ސިޓީން ކާމިޔާބުކުރީ 2-1 އިންނެވެ.
ރެއާލްއާ ހަވާލުވުމަށް ފަހު ފުރަތަމަ ތިން ސީޒަނުގައި ވެސް ޒިދާން ވަނީ އެޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. މިއީ ޒިދާންގެ ކޯޗުކަމުގައި ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަކުން ރެއާލް ކެޓި ފުރަތަމަ ފަހަރެވެ. މިދިޔަ ހަތަރު އަހަރު ދުވަހު ރެއާލާއެކު ޒިދާން ވަނީ ނޮކްއައުޓް 12 ބުރު ކާމިޔާބުކޮށްފަ އެވެ. އެކަމަކު ޒިދާން ދައްކަމުން އައި ޖާދޫ އަށް ނިމުން ގެނެސް ސިޓީން މިހާރު ވަނީ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމުގެ އުއްމީދު އާކޮށްފަ އެވެ.
ރޭގެ މެޗުގައި ސިޓީގެ ދެ ލަނޑަކީ ވެސް ރެއާލް ރަފައެލް ވެރާން އަށް ހެދުނު ގޯސްތަކުން ކާމިޔާބުކުރި ލަނޑުތަކެކެވެ. ކެޕްޓަން ސާޖިއޯ ރާމޯސް ސަސްޕެންޝަނުގައި ހުރުމުން މުޅި މެޗުގައި ވެސް ރެއާލްގެ ޑިފެންސް ފެނުނީ އާދައިގެ ގޮތަކަށެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ސިޓީން ލީޑު ނެގީ ވެރާން އަމިއްލަ އޭރިޔާތެރޭ ހިފައިގެން ހުރި ބޯޅަ ސިޓީގެ ގެބްރިއަލް ޖެސޫސް ހޯދުމަށް ފަހު ރަހީމް ސްޓާލިން އަށް ޖައްސާލުމުން ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ސިޓީ އަށް ބަދަލުވުމަށް ފަހު ސްޓާލިން ޖެހި 100 ވަނަ ލަނޑެވެ.
ސިޓީން ލީޑު ނެގި ނަމަވެސް ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަރީމް ބެންޒެމާ ބޮލުން ޖެހި ލަނޑުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަރިމަތިން ރޮޑްރީގޯ ނަގައިދިން ހުރަސް ބެންޒެމާ ވަނީ ސިޓީގެ ޑިފެންޑަރުންނަށް ފުރުސަތެއް ނުދީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންޒެމާއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ރެއާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ސިޓީ ފެނުނީ ކައުންޓަ އެޓޭކުގައި ނުރައްކާކުރި ތަނެވެ. މި ހާފުގައި ސިޓީން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ ވެރާން ގޯލްކީޕަރަށް ބޮލުން ޖައްސާލި ބޯޅަ ހޯދުމަށް ފަހު އެއް ފަހަރުން ގޯލުގެ ތެރެއަށް ވައްދާލައިގެން ޖެސޫސް ކާމިޔާބުކުރި ލަނޑުންނެވެ. ވެރާން ބޮލުން ދިން ބޯޅަ އަށް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އެރި ވަގުތު ޖެސޫސް ވަނީ ހުށިޔާރުވެ ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ސިޓީން ދެ ވަނަ ފަހަރަށް ލީޑު ނެގުމުން ރެއާލުން ވަނީ އިތުރަށް ކުރިއަށް ޖެހި ހަމަލާތައް އުފައްދައިފަ އެވެ. ޖެސޫސްގެ ލަނޑަށް ފަހު އިރުކޮޅެއްތެރޭ ރެއާލްގެ ލޫކާ މެޑްރިޗް ފޮނުވާލި ހަމަލާއެއް ކީޕަރު އެޑަސަން ވަނީ ހުއްޓުވައިފަ އެވެ. ދެން ފެނުނީ ކައުންޓާގައި ގިނަ ފުރުސަތުތަކެއް ސިޓީން ތަނަވަސްކުރި ތަނެވެ. އެކަމަކު އެޓީމަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ކުއާޓާ ފައިނަލުގައި ސިޓީ ވާދަކުރާނީ މިރޭ އެގްރިގޭޓް ނަތީޖާ އިން ޔުވެންޓަސް ކަޓުވާލި ލިޔޯންއާ އެވެ. މި މެޗު ކުޅޭނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ.