ފުރަތަމަ ސަފްޙާ / ޚަބަރު / ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް މިރޭ އޮތީ ކިހާވަރެއްގެ ފުރުސަތެއް؟

ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް މިރޭ އޮތީ ކިހާވަރެއްގެ ފުރުސަތެއް؟

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 7 އޮގަސްޓް 2020

ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗްތައް ކޮރޯނާ ވައިރަހާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު މިރޭ ފަށާނެ އެވެ. ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު މުބާރާތުގެ މެޗްތައް އަލުން ފަށާއިރު ފުރަތަމަވެސް މިއޮތީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ ދެ މެޗެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި މިރޭ ރާއްޖޭގެ ގަޑިން މެންދަމު 12 ޖަހާއިރު ފަށާ ދެ މެޗަކީ ޔުވެންޓަސް އާއި ލިޔޯން ވާދަކުރާ މެޗާއި، މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑް ވާދަކުރާ މެޗެވެ.

ޔުވެންޓަސް – ލިޔޯން

ފުރަތަމަ ލެގުގައި ވީ ކިހިނެއް؟

ފްރެންޗް ލީގުގެ ކްލަބެއް ކަމަށްވާ ލިޔޯންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް ނިމިފައިވަނީ 0-1 އިން ލިޔޯން މޮޅުވެގެންނެވެ. އެ މެޗްގައި ލިޔޯންއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލޫކަސް ޓޮސާޓް އެވެ. މި މެޗްގައި ޔުވެންޓަސްއަށް ލިޔޯންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

ކުރިން މި ނަތީޖާ ނެރުނު ޓީމްތަކަށް ވީ ކިހިނެއް؟

މީގެ ކުރީގެ މުބާރާތްތަކުގައި މި ބުރުގައި ކުޅެފައިވާ މެޗްތަކުގެ ނަތީޖާތައް ނުކުމެފައިވާ ގޮތަށް ބަލާއިރު ހޯމްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗްގައި 1-0 ގެ ނަތީޖާ އެއް ނެރެގެން އެ ޓީމަކަށް އަނެއް ބުރަށް ދެވިފައިވަނީ 23 ފަހަރު އެވެ. އެކަމަކު އެ ނަތީޖާ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ހޯދި ޓީމްތައް 10 ފަހަރު މުބާރާތުން ކަޓައިފައިވެސް އެބަހުއްޓެވެ.

ޔުވެންޓަސް އަށް އޮތީ ކޮން އުއްމީދެއް؟

އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި މިދިޔަ އަހަރު ލިޔޯން ވާދަކޮށްފައިވާއިރު އެ ޓީމަށް ކުރިމަތިލާން ޖެހުނީ ބާސެލޯނާ އާ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް 0-0 އިން އެއްވަރުވި ނަމަވެސް ދެވަނަ ލެގުގެ މެޗް ނިމުނީ 1-5 އިން ބާސެލޯނާ އަތުން ލިއޯން ބަލިވެގެންނެވެ.

ކޯވިޑް ބްރޭކަށްފަހު މި ދެޓީމުގެ ފޯމު ހުރީ ކިހިނެއް؟

ލީގުގެ ފަހުކޮޅު ކުޅުނު މެޗްތަކުން މާ ރަގަޅު ނަތީޖާ އެއް ނުނެރެވުނު ނަމަވެސް ޔުވެންޓަސް މިރޭގެ މެޗަށް ކުރިމަތިލަނީ ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކުރެވިފައި އޮތުމުގެ ހިތްހަ،މަޖެހުމާ އެކު އެވެ. އެކަމަކު އެއާ ހިލާފަށް ފްރެންޗް ކުރިއަށް ނުގެންގޮސް ލީގު ކެންސަލްކޮށްފައި އޮތުމުގެ ސަބަބުން ބްރޭކަށްފަހު ލިޔޯން ކުޅެފައިވަނީ އެންމެ މެޗެކެވެ. ފްރެންޗް ލީގު ކަޕްގެ ފައިނަލްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން ޕީއެސްޖީ އަތުން ލިޔޯން ވީ ބައްޔެވެ.

 

މެންޗެސްޓަރ ސިޓީ – ރެއާލް މެޑްރިޑް

ފުރަތަމަ ލެގުގައި ވީ ކިހިނެއް؟

ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗްގައި ރެއާލަށް އެ ޓީމްގެ އިސްކޯ ލީޑް ނަގައިފައި ވަނިކޮށް މެޗްގެ ފަހު 12 މިނެޓްގެ ތެރޭގައި ދެ ގޯލް ޖަހައިގެން ސިޓީން ވަނީ ރެއާލްގެ މައްޗަށް ފުރިހަމަ ކާމިޔާބެއް ހޯދައިފަ އެވެ. މި މެޗްގައި ސިޓީއަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ގަބްރިއެލް ޖެސުސް އާއި ކެވިން ދި ބްރޭނާ އެވެ. ފުރަތަމަ ލެގުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ރަތް ކާޑް ދައްކައިފައިވުމާއެކު މިރޭގެ މެޗްގައި އޭނާ އަށް ނުކުޅެވޭނެ އެވެ.

ކުރިން މި ނަތީޖާ ނެރުނު ޓީމުތަކަށް ވީ ކިހިނެއް؟

މި މުބާރާތުގައި ޓީމުތަކުން ކުރިން ނެރެފައިވާ ނަތީޖާ ތަކަށް ބަލާއިރު ފުރަތަމަ ލެގުގެ މެޗްގައި ރަށުން ބޭރުގައި 1-2 އިން ކުރި ހޯދައިފައިވާ ޓީމުތަކަށް އަނެއް ބުރަށް ދެވިފައިވަނީ އަށް ފަހަރު އެވެ. އެ ނަތީޖާ އާ އެކު އަނެއް ބުރަށް ނުދެވި ޓީމެއް ކަޓައިފައިވަނީ އެންމެ ފަހަރަކު އެވެ.

ރެޢަލް މެޑްރިޑަށް އޮތީ ކޮން އުއްމީދެއް؟

މިރޭގެ މެޗަށް ރެއާލް މެޑްރިޑް ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމްގެ ކޯޗް ޒިނެޑިން ޒިޑާން މުބާރާތުގައި ހަދައިފައިވާ ރެކޯޑެވެ. މިހާތަނަށް ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގުގައި ޒިޑާން ކުރިމަތިލި ތިން ފަހަރުވެސް އޭނާ ވަނީ ތަށި އުފުލައިލައިފަ އެވެ. އެއިން ކޮންމެ ފަހަރަކުވެސް އޭނާ އިރުޝާދު ދީފައިވަނީ ރެއާލް މެޑްރިޑަށެވެ.

ބްރޭކަށްފަހު މި ދެޓީމުގެ ފޯމު ހުރީ ކިހިނެއް؟

ކޯވިޑް ބްރޭކަށް ފަހު ރެއާލް މެޑްރިޑް ފެނުނީ ވަރަށް ރަގަޅު ފޯމެއްގައި ކުޅެމުން އައި ތަނެވެ. ބްރޭކްގެ ފަހުން ލީގުގައި ކުޅުނު 11 މެޗްގެ ތެރެއިން 10 މެޗް ކާމިޔާބުކޮށް ރެއާލް އިން ވަނީ ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. ބްރޭކްގެ ފަހުން ސީޓީން ކުޅުނު 12 މެޗްގެ ތެރެއިން 9 މެޗް ކާމިޔާބުކުރި ނަމަވެސް އެ ޓީމަށް ޕްރިމިއަރ ލީގު ގެއްލުމުގެ އިތުރުން އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި އާސެނަލް އަތުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!