ފުރަތަމަ ސަފްޙާ / ޚަބަރު / ފަސް ބަދަލު ގެނެވޭ ގޮތަށް ބާއްވަން ޕްރިމިއާ ލީގު ކްލަބްތައް ދެކޮޅު

ފަސް ބަދަލު ގެނެވޭ ގޮތަށް ބާއްވަން ޕްރިމިއާ ލީގު ކްލަބްތައް ދެކޮޅު

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 7 އޮގަސްޓް 2020

ކޮވިޑް-19 ގެ ބްރޭކަށް ފަހު ޖޫން މަހު އަލުން ފުޓްބޯޅަ ފެށިއިރު މެޗެއްގައި ފަސް ބަދަލު ގެނެވޭ ގޮތަށް ހެދި ވަގުތީ ގަވާއިދަށް އަންނަ ސީޒަނުގައި އަމަލުކުރަން ނުފެންނަ ކަމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ބުނެފި އެވެ. ކްލަބްތަކުން މިގޮތަށް ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމުގައި އަންނަ ސީޒަނުގައި ފަސް ބަދަލު ކުރިއަށްގެންދިއުމާމެދު ގޮތެއް ނިންމަން އެހި ވޯޓުގަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފުޓްބޯޅަ ހުއްޓާލުމަށް ފަހު އަލުން ކުޅެން ފެށީ ބައެއް ގަވާއިދުތަކަށް ބަދަލު ގެނެސްގެންނެވެ. ފަސް ބަދަލުގެ އިތުރުން ބެންޗުގައި އިތުރު ދެ ކުޅުންތެރިން ހިމެނުމާއި ކޮންމެ ހާފެއްގެ މެދާއި ހަމައިން ބްރޭކް ނެގޭ ގޮތަށް އޭރު ނިންމި އެވެ. ފީފާ އިން މިހާރު ނިންމާފައިވަނީ ފަސް ބަދަލުގެ ވަގުތީ ގަވާއިދު އަންނަ އަހަރުގެ އޮގަސްޓް މަހާއި ހަމައަށް ދެންމުމަށެވެ. އެކަމަކު އެއީ އެގައުމަކުން ބޭނުންނަމަ އަމަލުކުރަންޖެހޭ އުސޫލެކެވެ. ޕްރިމިއާ ލީގުގެ ކްލަބްތަކުން މި ގަވާއިދަށް ދެކޮޅު ހެދުމުގެ މައިގަނޑު ސަބަބަކީ ބޮޑެތި ކްލަބްތަކަށް ފަސް ބަދަލު ގެންނަން ފަސޭހަވެފައި ކުދި ކްލަބްތަކަށް މެޗެއްގައި އެވަރަށް ބަދަލުގެންނަން އުނދަގޫވުމެވެ. ކްލަބްތަކުގެ މި ނިންމުމާއެކު އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގެ މެޗެއްގައި ގިނަވެގެން ކުރެވޭނީ ތިން ބަދަލެވެ. އަދި، ބެންޗުގައި ގިނަވެގެން ތިބެވޭނީ ހަތް ކުޅުންތެރިންނަށް ކަމަށް ކްލަބްތަކުން ވަނީ އެއްބަސްވެފަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ކްލަބްތަކުން އެއްގަލަކަށް އެރި އަނެއް ކަމަކީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބޭނުންކުރުމުގައި އިތުރަށް ހަރުކަށި ވުމެވެ. މިދިޔަ ސީޒަނުގެ އިނގިރޭސި ލީގުގައި ވީއޭއާރު ފުރަތަމަ ފަހަރަށް ބޭނުންކުރިއިރު ގިނަ ޝަކުވާތަކެއް ކްލަބްތަކުގެ ކޯޗުންނާއި، ކުޅުންތެރިން އަދި ފުޓްބޯޅައިގެ ތަޖުރިބާކާރުން ވަނީ ކޮށްފަ އެވެ. އިއްޔެގެ ބައްދަލުވުމުގައި ކްލަބްތަކުން އެދުނީ ފީފާގެ ވީއޭއާރު ޕްރޮޓޮކޯލްގައި ބުނާ ހުރިހާ ކަމެއް ލީގު މެޗުތަކުގައި ތަންފީޒު ކުރުމަށެވެ. ވީއޭއާރު ވުޖޫދަށް ގެނައީ ފުޓްބޯޅައިގެ ގަވާއިދު ހެދުމުގެ ގާނޫނީ ބާރު ލިބިފައިވާ އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިންނެވެ. އެކަމަކު ވިއޭއާރުގެ އުސޫލަށް ބަސް ބުނުމުގެ ބާރު ލިބެނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އަށެވެ. ޕްރިމިއާ ލީގުގެ ކްލަބްތަކުން އިއްޔެ ވަނީ ފީފާގެ ޕްރޮޓޮކޯލްގައި ބުނާ ގޮތަށް ލީގު މެޗުތަކުގައި ވީއޭއާރު ސިސްޓަމް ބޭނުންކުރުމަށް ނިންމައިފަ އެވެ.

އަންނަ ސީޒަނުގައި ވީއޭއާރު ބޭނުންކުރުމުގައި ދަނޑުމަތިން ފެންނާނެ އެންމެ ބޮޑު ބަދަލަކީ ދަނޑުގައި އެއްފަރާތުގައި ހުންނަ ސްކްރީންގެ ބޭނުން ހިފައިގެން ރެފްރީން ގޮތް ނިންމުމެވެ. ކްލަބްތަކުން އެއްބަސްވީ ލަނޑު ޖެހުމުންނާއި، ރަތް ކާޑު އަދި ޕެނަލްޓީ ޖަހާއިރު ސްކްރީންގެ ބޭނުން އިތުރަށް ހިފުމަށެވެ. އަދި، ޕެނަލްޓީ ޖެހުމުގެ ކުރިން ގޯލުގެ ރޮނގު ދޫކޮށް ގޯލްކީޕަރު ނުކުމެއްޖެ ހާލަތެއްގައި ވެސް ސްކްރީން ބަލައިގެން ރެފްރީ ގޮތް ނިންމުމަށް ކްލަބްތަކުން ވަނީ އެއްބަސްވެފަ އެވެ. އެކަމަކު ކުޅުންތެރިޔާ ޖަހާ ޕެނަލްޓީ ދަނޑީގައި ޖެހި ނުވަތަ ބޭރަށް ގޮސްފިނަމަ ކީޕަރު ރޮނގު ދޫކޮށް ނުކުތްތޯ ނުބަލާނެ އެވެ. އަދި، ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ ނޫން އެނޫން އެއްވެސް ކުޅުންތެރިއަކު އޭރިޔާ ތެރޭގައި ހުރެއްޖެ ހާލަތުގައި ވެސް ވީއޭއާރުގެ ބޭނުން ހިފަން ކްލަބްތަކުން ބޭނުންވެ އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން މިހާރު ނިމިފައިވާއިރު އާ ސީޒަން ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދީ ދިގު 30 އަހަރުގެ އިންތިޒާރަށް ފަހު ލިވަޕޫލެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!