ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފަހު ހަތަރު މެޗުން ކުރިހޯދާ ސްޕެއިންގެ ސެވިއްޔާ އާއި އިނގިރޭސި ކްލަބް ވުލްވްސްގެ އިތުރުން ސްވިޒަލެންޑްގެ އެފްސީ ބަސެލް އަދި ޖަރުމަނުގެ ބަޔާން ލެވަކޫސަން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށް މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ހޯދާފައިވާ ސެވިއްޔާ އިން ރޭ އިޓަލީގެ ރޯމާގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ. ނިއުޓްރަލް ވެނިއުއެއްގެ ގޮތުގައި ޖަރުމަނުގެ އެމްއެސްވީ އެރީނާގައި ކުޅުނު މެޗްގެ ދެ ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ މެޗްގެ ފުރަތަމަ ހާފުގަ އެވެ. ސެވިއްޔާއިން މެޗްގެ ލީޑް ނެގި ލަނޑު 22 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑުން ލޯނު އުސޫލުން ދޫކޮށްފައިވާ ޑިފެންޑަރު ސާޖިއޯ ރެގުއިލޯން އެވެ. ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ދެ ވަނަ ލަނޑު ޖަހައި ސެވިއްޔާ އަށް ފަރަގު ބޮޑުކޮށްދިނީ ޖެނުއަރީ މަހު އެޓީމާ ގުޅުނު މޮރޮކޯގެ ފޯވާޑް ޔޫސުފް އަލް ނަސީރީ އެވެ. ސެވިއްޔާގެ ކުޅުންތެރިއަކަށް ގަސްދުގައި ފައުލް ކުރުމުން މެޗުގެ ފަހު މިނެޓުގައި ރޯމާގެ ޖިއަންލޫކާ މަންޗީނީ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
ރޭ ކުޅުނު އެންމެ ވާދަވެރި މެޗުގައި 1-0 އިން ގްރީސްގެ އޮލިމްޕިއާކޯސް ބަލިކޮށް 2-1 ގެ އެގްރިގޭޓުން ވުލްވްސް ވަނީ ކުއާޓާ އިން ޖާގަ ކަށަވަރުކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ހަތް ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ވުލްވްސް އަށް ކާމިޔާބު ކޮށްދިނީ މެކްސިކޯގެ އިތުބާރު ފޯވާޑް ރައުލް ހިމެނޭޒް އެވެ. ވުލްވްސް އިން ލީޑު ނެގިފަހުން އޮލިމްޕިއާކޯސް އިން ފުރަތަމަ ހާފުގައި ޖެހި ލަނޑެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. ވުލްވްސް އިން ލީޑުގައި އޮތުމުން އަވޭ ގައި ލަނޑެއް ޖަހަން އޮލިމްޕިއާކޯސްގެ މުޅި ޓީމު ވަނީ ކުރިއަށް ޖެހި ގިނަ މަސައްކަތްކޮށްފަ އެވެ. އެކަމަކު އެޓީމުން އުފެއްދި ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށް ވީ ވުލްވްސްގެ ޑިފެންޑަރުންނާއި ހުށިޔާރު ގޯލްކީޕަރު ރުއީ ޕެޓްރީސިއޯ އެވެ.
???? The quarter-finals are set!
???? Who will reach the last 4?#UEL pic.twitter.com/1NjZwCdYYU
— UEFA Europa League (@EuropaLeague) August 6, 2020
ރޭ ވުލްވްސް އަށް ކާމިޔާބުކޮށްދިން ލަނޑާއެކު ހިމެނޭޒް ވަނީ މި ސީޒަނުގައި 27 ލަނޑު ޖަހައި 10 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ ތެރެއިން ހިމެނޭޒްއާ އެއްވަރުގެ ރެކޯޑެއް އޮތް ހަމައެކަނި އޮތް ކުޅުންތެރިއަކީ މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާ އެވެ.
ވުލްވްސް އިން މި ސީޒަނުގެ ޔޫރޮޕާ ލީގުގެ ދަތުރުފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ކޮލިފައިން ބުރާއި ހަމައިންނެވެ. މުހިއްމު މޮޅާއެކު އެޓީމު މިވަނީ 48 އަހަރަށް ފަހު ޔޫރަޕްގެ މުބާރާތެއްގެ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. އެޓީމު އެންމެ ފަހުން ކުއާޓާގައި ކުޅުނީ 1972 ވަނަ އަހަރުގެ ޔޫއެފާ ކަޕްގަ އެވެ.
ކުއާޓާ ފައިނަލުގައި ރޭ ލެވަކޫސަނުން ވަނީ ލިވަޕޫލްގެ ލެޖެންޑް ސްޓީވެން ޖަރާޑް ކޯޗުކޮށްދޭ ސްކޮޓްލެންޑްގެ ރޭންޖާސް 1-0 އިން ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ލެވަކޫސަނަށް ކާމިޔާބުކޮށްދިނީ މޫސާ ޑިއާބީ އެވެ. ރޭގެ މޮޅާއެކު ލެވަކޫސަން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ 4-1 ގެ އެގްރިގޭޓުން މޮޅުވެގެންނެވެ. މިއީ، 98-1997 ވަނަ ސީޒަނަށް ފަހު ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ރޭންޖާސް ދެ ލެގުން ބަލިވެ ކަޓައިގެން ދިޔަ ފުރަތަމަ ފަހަރެވެ. 1998 ވަނަ އަހަރު ފްރާންސްގެ ސްޓްރަސްބާގާ ވާދަކޮށް ރޭންޖާސް ދެ ލެގުން ބަލިވީ ޔޫއެފާ ކަޕްގެ ފުރަތަމަ ބުރުގަ އެވެ.
ބަސެލް އާއި ޖަރުމަނުގެ އެއިންޓްރަކް ފްރެންކްފާޓް ބައްދަލުކުރި މެޗް 1-0 އިން ކާމިޔާބުކޮށް 4-0 ގެ އެގްރިގޭޓުން ބަސެލް ވަނީ ކުއާޓާއަށް ދަތުރު ކޮށްފަ އެވެ. ބަސެލް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 88 ވަނަ މިނެޓުގައި މިނެޓްގައި ކާމިޔާބުކޮށްދިނީ ފަބިއަން ފްރޭ އެވެ.
ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ވަގުތުގެ ތާށިކަމާއި، ދަތުރުފަތުރު ކުރުމުގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އުސޫލުތަކުގެ ސަބަބުންނާއި، ސަޕޯޓަރުން ނުވައްދާ މެޗްތައް ކުޅެންޖެހިފައިވުމުން މުބާރާތުގެ ބާކީބައި ފުރިހަމަ ކުރުމަށް ޔޫއެފާއިން މިހާރު ހަމަޖައްސާފައިވަނީ މިނީ މުބާރާތެއްގެ ފޯމެޓަށެވެ. އެގޮތުން މުބާރާތް އާންމުކޮށްކުޅޭ ‘ހޯމް އެންޑް އަވޭ’ ގެ ބަދަލުގައި މުބާރާތް ދެން ކުރިޔަށް ގެންދާނީ ނޮކްއައުޓް އުސޫލުން އެއް މެޗު ކުޅޭގޮތަށެވެ.
ރޭގެ ނަތީޖާތަކަށް ފަހު ކުއާޓާ ފައިނަލް މެޗުތައް މިހާރު ވަނީ ކަށަވަރުވެފަ އެވެ. ކުއާޓާގެ ފުރަތަމަ ދެ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރެ އެވެ. ފުރަތަމަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ޑެންމާކްގެ އެފްސީ ކޯޕެންހޭގަންއާ ދެކޮޅަށް ނުކުންނައިރު ކުއާޓާގެ ދެ ވަނަ މެޗުގައި ވާދަކުރާނީ އިންޓަ މިލާނާއި ލެވަކޫސަނެވެ. މި ދެ މެޗު ވެސް ފަށާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. ކުއާޓާގެ ފަހު ދެ މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭ ހަމަ އެގަޑީގަ އެވެ. އެރޭ ކުޅޭނީ ޔޫކްރެންގެ ޝަކްތާ ޑޮނެސްކާއި ބަސެލް ވާދަކުރާ މެޗާއި ސެވިއްޔާ އާއި ވުލްވްސް ވާދަކުރާ މެޗެވެ.