ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މެދުކަނޑާލާފައި އޮތް ޔޫރަޕްގެ ފުޓުބޯޅަވެސް ރޭގައި މިވަނީ އަލުން ފަށާފައެވެ.
މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަބަޔަކު ގަބޫލު ކުރާ އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ ރަނަރަޕް އިންޓަ މިލާން ރޭގެ މެޗްތަކުން ކުރިހޯދާ ކުއާޓާއަށް ދަތުރު ކޮއްފައިވާއިރު ޑެންމާކުގެ ކޯޕެންހޭގަން އާއި ޔޫކްރޭންގެ ޝަކްތާ ޑޮނެސްކް ވެސް ވަނީ ގަދަ 8ޓީމުގެ ތެރެއިން ޖާގަ ހޯދާފައެވެ.
ފުރަތަމަ ލެގްގައި ރަށުންބޭރުގައި ކުޅުނު މެޗުން އޮސްޓްރިއާގެ ލިންޒާ އެތްލެޓިކް ސްޕޯޓް ކްލަބް (ލާސްކް) ގެ މައްޗަށް ހޯދި 5-0ގެ ބޮޑު މޮޅާއެކު އަނެއްބުރުގެ ޖާގައެއް މުޅިންހެން ކަށަވަރުވެފައިއޮތް ޔުނައިޓެޑުން ރޭގެ މެޗް ބޮޑަށް ބޭނުންކޮއްފައިވަނީ ފުރަތަމަ އެގާރައިން އާންމުކޮށް ފުރުސަތު ނުލިބޭ ކުޅުންތެރިންނަށް ކުޅުމުގެ ވަގުތު ދިނުމަށެވެ. މި މެޗްގެ ފުރަތަމަ ގޯލް 55ވަނަ މިނެޓްގައި ލާސްކްގެ ފިލިޕް ވިއެސިންގާ ކާމިޔާބު ކުރިނަމަވެސް ފަހަތުން އަރާ 2ގޯލް ޖަހައިގެން ޔުނައިޓެޑް ވަނީ މެޗްކާމިޔާބު ކޮއްފައެވެ. ހުއާން މަޓާގެ އެހީތެރިކަމާއެކު ޖެސީ ލިންގާޑް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮއްދިންއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެންތަނީ މާޝިއަލް ކަމިޔާބުކޮއްދިނީވެސް މަޓާ ތަނަވަސްކޮއްދިން ފުރުސަތެއްގައެވެ. މިއާއެކު ޔުނައިޓެޑުން ކުއާޓާގެ ޖާގަ ކަށަވަރުކުރީ 7-1ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ލުކާކޫގެ ގޯލަށް ފަހު އިންޓަގެ ކުޅުންތެރިން އުފާފާޅުކުރަނީ.
ކޮވިޑް-19ގެ އަސަރު ޔޫރަޕުން އެންމެ ފުރަތަމަ ފެންނަންފެށި އިޓަލީގެ ކުޅިވަރު ހަރަކާތްތައް މެދުކަނޑަލުމާ ގުޅިގެން ފުރަތަމަ ލެގް ވެސް ނުކުޅެވި އޮތުމުގެ ސަބަބުން، އިޓަލީގެ އިންޓަ މިލާނާއި ސްޕޭންގެ ގެޓާފޭ ބައްދަލުކުރާ މެޗް ކުޅެވުނީ ނިއުޓްރަލް ވެނިއު އެއްގެ ގޮތުގައި ޖަރުމަނުގެ ޝާލްކޭގެ ވެލްޓިންސް އެރީނާގައެވެ. ރޮމެލޫ ލުކާކޫގެ ގޯލަކުން 33ވަނަ މިނެޓްގައި އިންޓަ މިލާނުން ލީޑުނެގި މެޗްގެ ތެރެއަށް އެނބުރި އަންނަން ގެޓާފޭއަށް ލިބުނު ރަނުގެފުރުޞަތެއް ވަނީ ބޭކާރު ވެފައެވެ. ގެޓާފޭއިން ހުރަސްކުރި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑިންގެ އަތުގައި ޖެހުމުން 76ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ކެޕްޓަން ޖޯޖް މޮލީނާއަށް ގޯލާއަމާޒު ކޮއްލެވޭގޮތެއްނުވިއެވެ. އޭގެ 5މިނެޓްފަހުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުމެ އުފެއްދި ފުރަތަމަ ހަމަލާގައި ކްރިސްޓިއަން އެރިކްސަން ކާމިޔާބުކޮއްދިން ގޯލާއެކު އިންޓައިން މެޗް ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
ރޭކުޅެވުނު އެހެންމެޗްތަކަށް ބަލާއިރު 0-3ން ޖަރުމަނުގެ ވޮލްފްސްބާގް ބަލިކޮށް 5-1ގެ އެގްރިގޭޓް ނަތީޖާއަކުން ޔޫކްރޭންގެ ޝަކްތާ ޑޮނެސްކް ކުއާޓާއަށް ދަތުރު ކޮއްފައިވާއިރު ހަމަ އެނަތީޖާއިން ތުރުކީގެ އިސްތަންބޫލް ބަސަކްސެހިރް ބަލިކޮށް 3-1ގެ އެގްރިގޭޓުން ޑެންމާކްގެ ކޯޕެންހޭގަން ވެސް ވަނީ ގަދަ އަށަކަށް ދަތުރު ކޮއްފައެވެ. ކުއާޓާގައި ކޯޕެންހޭގަން ބައްދަލުކުރަން ޖެހޭނީ މެންޗެސްޓާ ޔުނައިޓެޑާއެވެ.
ގަދަ16ގެ ބާކީ 4މެޗް މިރޭ ކުޅެވިގެންދާނެ އެވެ. ލެވަކޫސަން އާއި ރޭންޖާސް އަދި ސެވިއްޔާ އާއި ރޯމާ ބައްދަލު ކުރާ 2މެޗް 21:55ގައި ފެށިގެންދާއިރު ބަސެލް އާއި ފްރެންކްފާޓް އަދި ވުލްވްސް އާއި އޮލިމްޕިއާކޯސް ގެ ކުރިމަތިލުން ފެށޭނީ 00:00ގައެވެ.