މެންޗެސްޓަރ ޔުނައިޓެޑުން ސޮއި ހޯދަން މަސައްކަތް ކުރަމުން އަންނަ ޖޭޑޮން ސަންޗޯގެ ޓްރާންސްފާ ކަންތައް މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ބޭނުންވާކަމަށް އޭނާ މިހާރު ކުޅޭ ކްލަބް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ބުނެފި އެވެ.
އާ ސީޒަނަށް ކްލަބް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ޔުނައިޓެޑުން އެންމެ ބޭނުންވަނީ ސަންޗޯ އެވެ. އިނގިރޭސި 20 އަހަރުގެ ފޯވާޑް ހޯދުމަށް ޔުނައިޓެޑުން މިހާރު ވަނީ ބިޑުކޮށްފަ އެވެ. ރިޕޯޓުތައް ބުނާގޮތުން ސަންޗޯގެ ފީގެ ގޮތުގައި ޑޯޓްމަންޑުން މަދުވެގެން 100 މިލިއަން ޕައުންޑް ބޭނުންވެ އެވެ. މިހާތަނަށް ސަންޗޯގެ ފީއާ ގުޅޭގޮތުން އެއްބަސްވުމަކަށް އައިސްފައި ނުވާއިރު ޔުނައިޓެޑުން ބޭނުންވަނީ ސަންޗޯގެ ފީގެ އެއްބައި އިންސްޓޯލްމެންޓް އުސޫލުން ދައްކާށެވެ. މިގޮތަށް އެއްބަސްވާނަމަ ޔުނައިޓެޑުން ޝައުގުވެރިކަން ހުރީ 60 މިލިއަން ޔޫރޯ މިހާރު ދެއްކުމަށް ފަހު ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ބާކީބައި ދައްކާށެވެ.
ސަންޗޯގެ ޓްރާންސްފާ ކަންތައް އޮގަސްޓް 10 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ޑޯޓްމަންޑުން ބޭނުންވަނީ އާ ސީޒަނަށް ތައްޔާރުވުމަށް ކްލަބަށް ވަގުތު ދިނުމުގެ ގޮތުންނެވެ. މިގޮތުން ސަންޗޯ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެ ނަމަ ބަދަލުގައި ކުޅުންތެރިއަކު ހޯދުން އެއީ ޑީލް އަވަސް ކުރަން ޑޯޓްމަންޑުން ބޭނުންވާ މައިގަނޑު ސަބަބެވެ. ޖަރުމަނު ބުންޑަސްލީގާގެ އާ ސީޒަން ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާއިރު ޔޫރަޕް ފުޓްބޯޅައިގެ ޓްރާންސްފާ ބާޒާރު ބަންދުވާނީ އޮކްޓޫބަރު 05 ވަނަ ދުވަހު އެވެ.
2017 ވަނަ އަހަރު އުމުރުން 17 އަހަރުގައި ސަންޗޯ ޑޯޓްމަންޑަށް ބަދަލުވީ މެންޗެސްޓަރ ސިޓީ އިންނެވެ. ސިޓީގައި ފުރުސަތު ނުލިބުމުން 10 މިލިއަން ޕައުންޑަށް ޑޯޓްމަންޑަށް ބަދަލުވުމަށް ފަހު މިދިޔަ ތިން އަހަރު ސަންޗޯ ވަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގެ ދެ ވަނައިގައި ޑޯޓްމަންޑް ނިންމާލިއިރު ކުޅުނު 32 މެޗުގައި ސަންޗޯ ވަނީ 17 ލަނޑު ޖަހައި 17 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.
ޑޯޓްމަންޑުން މިހާރު ވަނީ ޔުނައިޓެޑުން ކަޅިއަޅަމުން އައި އިނގިރޭސި 17 އަހަރުގެ އުއްމީދީ ކުޅުންތެރިން ޖޫޑޭ ބެލިންހަމް ގެނެސްފަ އެވެ. ބާމިންހަމް ސިޓީ އަށް ކުޅުނު ހުނަރުވެރި މި ކުޅުންތެރިޔާގެ ސޮއި ޖުލައި މަހު ޑޯޓްމަންޑުން ހޯދިއިރު އޭނާގެ އަގު 30 މިލިއަން ޕައުންޑަށް އަރާނެކަމަށް ބެލެވެ އެވެ.
ޑޯޓްމަންޑުން ވަނީ މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑުން ފާރަލި ނޯވޭގެ އާލިން ބްރައުޓް ހާލަންޑް ވެސް އެ ކްލަބަށް ގެންގޮސްފަ އެވެ. ހާލަންޑް އަންނަނީ ޑޯޓްމަންޑަށް ބަދަލުވުމަށް ފަހު ގިނަ ލަނޑުތަކެއް އެޓީމަށް ކާމިޔާބުކޮށްދެމުންނެވެ.
އާސީޒަނަށް ޔުނައިޓެޑުން ކްލަބް ވަރުގަދަކުރާއިރު އެޓީމުން ވަނީ މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައި ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފަ އެވެ. ސަންޗޯގެ ޑީލް ފުރިހަމަ ނުކުރެވިއްޖެ ނަމަ ބަޔާން މިއުނިކްގެ ފްރާންސް ވިންގް، ކިންގްސްލީ ކޯމާން ލޯނު އުސޫލުން ގެންނަން ޔުނައިޓެޑުން މަސައްކަތް ކުރާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.