ބ.މާޅޮހުގައި ކުރިއަށްދާ ބެސްޓް ބަޑީޒް ބޮޑުޢީދު ފުޓްސަލް ކަޕް 2020ގެ ފައިނަލަށް ޕިޕޯން އެފްސީ އާއި އެފްސީ ބަޑީޒް ދަތުރުކޮށްފިއެވެ. ޕިޕޯން އެފްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުގައި ލޮސް އަމީގޯސްގެ މައްޗަށް ޕެނަލްޓީން ކުރި ހޯދައިގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ ވަރަށް ކުރީކޮޅު ޕިޕޯން އެފްސީ އަށް ލީޑް ނަގައިދިނީ ޢާލިމް އެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޮސް އަމީގޯސްއިން 2 ޖޯލް ޖަހައި ލީޑް ނެގިއެވެ. މި ދެގޯލްވެސް ޖަހައިދިނީ މުޙައްމަދު އަމީމް އެވެ. ފަހުހާފު ފެށުމާއެކު ޕިޕޯން އެފްސީއިން ކުޅުން ރަނގަޅުކޮށް އިތުރު ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. މިގޯލްވެސް ޕީޕޯން އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް އެ ޓީމަށް ޖަހައިދިން ޢާލިމް އެވެ.
މެޗު އެއްވަރުވެގެން ނިމުމާއެކު ކުރިއަށްގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓްގައި ދެޓީމުންވެސް ޖެހި ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީ ކާމިޔާބުކުރިއެވެ. އިތުރަށް ފަހަރަކު ޕެނަލްޓީއެއް ދެ ޓީމުން ޖަހަމުން ގޮސް ލޮސް އަމީގޯސް އަށް މެޗް ނާކާމިޔާބުވީ އެ ޓީމުން ޖެހި 8 ވަނަ ޕެނަލްޓީ ޕިޕޯންގެ ގޯލްކީޕަރު ނަޒީހް މަތަކުރުމުންނެވެ. އޭގެ ކުރިން ޕިޕޯން އިން ޖެހި 8 ވަނަ ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީވެސް ނަޒީހެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޮސްއަމީގޯސް އަށް ދެ ގޯލް ޖަހައިދިން މުޙައްމަދު އަމީމެވެ.
ފައިނަލްގެ ދެވަނަ ޖާގަ ހޯދީ އެފްސީ ބަޑީޒް އެ ފުރުސަތު ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ފަސޭހަކަމާއެކު އެފްސީ ބުންބާ ބަލިކުރުމަށްފަހު އެވެ. މިމެޗު 7-0 ގެ ބޮޑު ތަފާތަކުން އެފްސީ ބަޑީޒް ކާމިޔާބުކުރިއިރު އެޓީމު ގެ ހުމައިދު ވަނީ ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން އެފްސީ ބަޑީޒް އަށް މެޗްގައި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ 2 ލަނޑުޖެހި ފާރޫޤް ގެ އިތުރުން ޙައްމާދު އާއި ރިޒްވީ އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އެފްސީ ބަޑީޒް ގެ 7 ނަމްބަރު ފާރޫޤެވެ.
މި މުބާރާތުގެ ފައިނަލް އޮންނާނީ މިއަދު ހަވީރު 4:30 ގައެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ދިހަހާސް ރުފިޔާ ކަނޑައެޅިފައިވާއިރު މުބާރާތުގެ މެއިން ސްޕޮންސަރަކީ ޖޭއެސްޒެޑް އިންވެސްޓްމެންޓް ލިމިޓެޑެވެ. ޖޭއެސް ޒެޑްގެ އިތުރުން ތުނޑި ވިލެޖް ގެސްޓް ހައުސްއިންނާއި އަދި ޢަބުދުއްރަޙީމް ފައުންޑޭޝަންގެ އެހީތެރިކަން މި މުބާރާތް ކުރިއަށް ގެންދިއުމުގައި ލިބިފައިވާކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ފާހަގަކުރެއެވެ.
މާޅޮހުގައި ހަރަކާތްތެރިވާ ބެސްޓް ބަޑީޒް ނަމަކަށް ކިޔާ ގްރޫޕަކުން އިންތިޒާމްކޮށްގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވާދަކޮށްފައިވެ އެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި މާޅޮހުގެ ކުޅުންތެރިންގެ އިތުރުން އެ އަތޮޅުގެ ދަރަވަންދޫ، އޭދަފުށި، ފެހެންދޫ އަދި ރ. އުނގޫފާރަށް ނިސްބަތްވާ ކުޅުންތެރިންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.