ފުރަތަމަ ސަފްޙާ / ޚަބަރު / މެސީގެ އެވްރެޖް ސީޒަންގައި ވެސް ފެންނަން ހުރީ ހުސް ރެކޯޑް

މެސީގެ އެވްރެޖް ސީޒަންގައި ވެސް ފެންނަން ހުރީ ހުސް ރެކޯޑް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 އޮގަސްޓް 2020

ލިއޮނަލް މެސީ އަށް ނިމިގެން މިދަނީ ކާމިޔާބު ސީޒަނެކޭ ނުބުނެވޭނެ އެވެ. ލަލީގާ ރެއާލް މެޑްރިޑް ހޯދުމާއި އަދި ކޮޕަ ޑެލްރޭ ގެ ފައިނަލާއި ހަމައަށް ވެސް ނުދެވުމާއެކު މެސީގެ މިފަހަރުގެ ސީޒަނަކީ އެވްރެޖް ސީޒަނެއްކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު އަދި އޮތުމާއެކު އެވާހަކަ އެހަށް ބާއްވަމާ ހިނގާށެވެ. ފާހަގަކޮށްލަން މިއުޅެނީ މެސީގެ މި ‘އެވްރެޖް’ ސީޒަނުގައި ވެސް އޭނާ އެވަނީ ލަލީގާ ލަނޑު ލިސްޓްގައި މިފަހަރު ‘ސުޕަރ’ ސީޒަނެއް ނިންމާލި ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ ފަހަތަށް ޖައްސާލައި ލަލީގާގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ޕިޗީޗީ ޓްރޮފީ ހޯދިކަމެވެ.   މެސީގެ ފެންވަރަކީ ކޮބައިކަން މީގެންވެސް އެބަ އަންގައިދެ އެވެ. މިލިޔުމުގައި މި ބަލާލަނީ މެސީ ގެ މި އާދައިގެ ސީޒަނުގައި ވެސް އޭނާ މުގުރާލާފައިވާ 11 ރެކޯޑަކަށެވެ.

ލަނޑު ލިސްޓުގެ އެއް ވަނައިގެ ރެކޯޑް

މިފަހަރުގެ ލަނޑު ލިސްޓުގެ އެއް ވަނައާ އެކު ހޯދި މި ޓްރޮފީއަކީ މެސީ ގެ ހަތް ވަނަ ޕިޗީޗީ އެވެ. މިފަހަރުގެ މި ޓްރޮފީއަކީ މެސީ ވިދިވިދިގެން ހޯދި ހަތަރު ވަނަ ޓްރޮފީ އެވެ. މެސީގެ އެންމެ ބޮޑު ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރެއާލް މެޑްރިޑާ އެކު ޕިޗީޗީ ލިބިފައިވަނީ ތިން ފަހަރު އެވެ.

އެންމެ ގިނަ އެސިސްޓް

ލަނޑު ޖަހަން 21 ފަހަރު އެހީވެދީގެން މެސީ ވަނީ މީގެކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑް އޮތް ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒްގެ ރެކޯޑް މުގުރާލާފަ އެވެ. ޒަވީ 20 އެސިސްޓްގެ ރެކޯޑް ހެދީ 2008/2009ގެ ސީޒަނުގަ އެވެ.

ލަލީގާގައި ވިދިވިގެން އެންމެ ގިނަ ސީޒަންގައި 20 ގޯލް ހަމަކުރުން

މެސީ ވަނީ ފާއިތުގެ ދިޔަ 12 ސީޒަނުގައި ވެސް ލަލީގާގައި 20 ގޯލަށްވުރެ ގިނައިން ޖަހައިފަ އެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ޓީމުގެ ކޮޅަށް ގޯލު ޖެހުން

މެސީ ވަނީ މިހިނގާ 2019/2020 ގެ ޗެމްޕިއަންސް ލީގުގައި 34 ވަނަ ޓީމުގެ ކޮޅަށް ގޯލު ޖަހާ ރެކޯޑް ހަދާފަ އެވެ. މިއީ އެހެން އެއްވެސް ކުޅުންތެރިއަކަށް ހެދިފައިވާ ރެކޯޑެއް ނޫނެވެ. މެސީއާ އެންމެ ގާތުން އެ ރެކޯޑަށް ވާދަކުރަނީ ރޮނާލްޑޯ އެވެ.

ޗެމްޕިއަންސް ލީގުގައި ވިދިވިދިގެން އެންމެ ގިނަ ސީޒަނުގައި ލަނޑު ޖެހުން

މިހިނގާ 2019/2020 ގެ ޗެމްޕިއަންސް ލީގުގައި ގޯލް ޖެހުމާއެކު މެސީ ވަނީ ވިދިވިދިގެން 15 ސީޒަނުގައި ލަނޑު ޖަހާފަ އެވެ.

އެއް ސީޒަނެއްގައި ވިއްސަށްވުރެ ގިނަ ގޯލާއި އެސިސްޓް ހެދި ހަމައެކަނި ކުޅުންތެރިޔާ

މެސީ މިސީޒަނުގައި ޖެހި 25 ލަނޑާއި ހެދި 21 އެސިސްޓްއަކީ ލަލީގާގެ ރެކޯޑެކެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގައި މިފަދަ ރެކޯޑެއް ހަމައެކަނި ދެން އޮންނަނީ ފްރާންސް އަދި އާސެނަލްގެ ތިއެރީ އޮންރީ އަތުގަ އެވެ. އެއީ 2002/2003 ގެ ޕްރިމިއަރ ލީގުގަ އެވެ.

އެންމެ ގިނަ ޕްލޭޔަރ އޮފް ދަ މަންތު އެވޯޑް (7 ފަހަރު)

މިސީޒަނުގައި މެސީ ވަނީ 2 ފަހަރު (ނޮވެމްބަރު، ފެބްރުއަރީ) މި އެވޯޑް ހޯދާފަ އެވެ. މިއާ އެކު މެސީ ވަނީ އެންމެ ގިނައިން މިއެވޯޑް އުފުލާލި ކުޅުންތެރިޔާއަށެވެ. މިސީޒަނުގެ ކުރިން މިރެކޯޑް އޮތީ 6 ޓްރޮފީއާއެކު މިހާރު މެސީގެ ޓީމް މޭޓް އޮންޓުއަން ގްރީޒްމަން އަތުގައެވެ.

އެންމެ ގިނަ ގޯލުގައި ހިއްސާވުން

މެސީ ވަނީ މިސީޒަނުގައި 700 ލަނޑު ހަމަކޮށްފަ އެވެ. އޭނާގެ އެސިސްޓުތަކާއެކު މެސީ ހިއްސާވި ލަނޑުގެ އަދަދު ވަނީ 1000 އަށް އަރައިފަ އެވެ. ރަސްމީ ރެކޯޑްތަކަށް ބަލާނަމަ މިއީ އެހެން އެއްވެސް ކުޅުންތެރިއަކަށް ހެދިފައިވާ ރެކޯޑެއް ނޫނެވެ.

ލަލީގާގައި އެންމެ ގިނަ މޮޅު

މިސީޒަނުގައި މެސީ ވަނީ ލަލީގާގައި 500 ވަނަ މޮޅު ހަމަކޮށްފަ އެވެ.

ލަލީގާގެ އެންމެ ގިނަ ހެޓްރިކް

ރޮނާލްޑޯ އިޓަލީގެ ޓިއުރިން އަށް ބަދަލުވީ 34 ހެޓްރިކާއެކު ލަލީގާގެ އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެހެންނަމަވެސް އޭރުވެސް މެސީ ހުރީ ފަހަތުގައި ވިއްދާފަ އެވެ. އެހެންކަމުން މިރެކޯޑް މެސީ މުގުރާލުމަކީ ހައިރަންވާންޖެހޭ ވަރުގެ ކަމަކަށް ނުވި އެވެ. މިސީޒަނުގައި މެސީ މިވަނީ 36 ހެޓްރިކް ހަމަކޮށްފަ އެވެ. ބާސެލޯނާގައި މެސީ މަޑުކޮށްފި ނަމަ މި ރެކޯޑް އިތުރަށް ފުރިހަމަކުރާނެ ކަމާމެދު ޝައްކެއްނެތެވެ.

ބާސެލޯނާ އިން އެންމެ ގިނަ އެލް ކްލެސިކޯ ކުޅުނު ކުޅުންތެރިޔާ

ސްޕެއިންގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށް ވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުންތަކަކީ މުޅިދުނިޔެ ވެސް އެއަށް ސަމާލުކަން ދޭ ކުރިމަތިލުން ތަކެކެވެ. އެލް ކްލެސިކޯގެ ނަމުން ނަން ދެވިފައިވާ މި ކުރިމަތިލުމުގެ ރެކޯޑް ތަކެއްވެސް މެސީ އަތުގައި ވެއެވެ. އެހެންނަމަވެސް މިސީޒަނުގައި މެސީ ގާއިމްކުރި ރެކޯޑަކީ އެލް ކްލެސިކޯ ގައި ބާސެލޯނާ އެންމެ ގިނައިން ތަމްސީލުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑެވެ. މެސީ ވަނީ 43 ފަހަރު އެލް ކްލެސިކޯ ގައި ހިއްސާ ވެފައެވެ. މެސީ އަށްވުރެ ގިނައިން މިކުރިމަތިލުމުގައި ހިއްސާވެފައިވަނީ ރެއާލް މެޑްރިޑް ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!