ފުރަތަމަ ސަފްޙާ / ޚަބަރު / މެޗު މުހިއްމީ ހަމައެކަނި އާސެނަލަކަށް ނޫން: ލަމްޕާޑް

މެޗު މުހިއްމީ ހަމައެކަނި އާސެނަލަކަށް ނޫން: ލަމްޕާޑް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 1 އޮގަސްޓް 2020

އިނގިރޭސި އެފްއޭ ކަޕް ފައިނަލް މުހިއްމުވަނީ އާސެނަލަށް ކަމަށް ދެކެވޭ ވާހަކަތައް ގަބޫލުނުކުރާ ކަމަށާއި، މިއީ ތަށި ކާމިޔާބުކޮށް އިތުބާރު ބޮޑުކުރަން ޗެލްސީ އަށް މުހިއްމު މެޗެއް ކަމަށް އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް އާސެނަލް މިރޭ ނުކުންނައިރު ދެޓީމު އޮތީ ދެ ހާލަތެއްގައެވެ. ޗެލްސީން އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމް ކަށަވަރުކޮށް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދާފައިވާއިރު އަންނަ ސީޒަނުގައި ޔޫއެފާ ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް މެޗުން މޮޅުވުން ނޫންގޮތެއް އާސެނަލަކަށް ނެތެވެ. އެހެންވެ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެފްއޭ ކަޕް ފައިނަލުގައި ޕްރެޝަރު އޮތީ އާސެނަލަށެވެ.

“އަހަރެން އަޑުއަހައިފިން މިއީ އާސެނަލަށް މާ ބޮޑަށް މުހިއްމު މެޗެއް ގޮތަށް. އެއީ އަހަރެން ކަންބޮޑުވާ ކަމެއް. އަހަރެމެން ވެސް ބޭނުންވަނީ ޕްރެޝަރުގައި ކުޅެން. އާސެނަލަށް މެޗު މުހިއްމުވާ ސަބަބާމެދު އަހަރެމެން ނުވިސްނަން. މިއީ ޗެލްސީ އަށް ބޮޑު މެޗެއް. އަހަރެމެން ބޭނުން މެޗުން މޮޅުވާން” 42 އަހަރުގެ ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ވަނީ ޗެލްސީގައި ހޭދަކުރި މުއްދަތުގައި އެ ކްލަބާއެކު ހަތަރު ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މިއީ ކޯޗެއްގެ ގޮތުގައި ޗެލްސީއާއެކު ލަމްޕާޑް އިނގިރޭސި ވިލާތުގައި ނުކުންނަ ފުރަތަމަ ފައިނަލެވެ. ލަމްޕާޑް ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ފައިނަލުގެ ގިނަ ތަޖުރިބާތަކެއް ކުރެވުނު ނަމަވެސް ކޯޗެއްގެ ގޮތުގައި ހުރެ ފައިނަލަކަށް ނުކުތުމަކީ މާބޮޑު ޕްރެޝަރެއް ކަމަށެވެ.

“ކުޅުންތެރިއެއްގެ ގޮތުގައި މެޗަކުން ބަލިވުމަށްވުރެ ކޯޗެއްގެ ގޮތުގައި މެޗަކުން ބަލިވުމުން ނަގަންޖެހޭ ޒިންމާ މާބޮޑު. އެކަމަކު މޮޅުވުން ލިބޭ ހިތްހަމަޖެހުން މާބޮޑު” އެއް ފެންވަރެއްގައި ކުޅެ ޗެލްސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލަމްޕާޑް ބުންޏެވެ.

ޗެލްސީ މިރޭގެ ފައިނަލަށް ނުކުންނައިރު ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އާއި ބްރެޒިލްގެ ވިލިއަން ވަނީ އަނިޔާއިން ރަނގަޅުވެފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީގެ ގޯލު ވިލީ ކަބަޔޭރޯ ބެލެހެއްޓި ނަމަވެސް މިރޭގެ މެޗުގައި ގޯލުގައި ހުންނާނެ ކީޕަރެއް އަދި ނުނިންމާކަމަށް ލަމްޕާޑް ބުންޏެވެ. މި ސީޒަނުގައި ލަމްޕާޑް އަންނަނީ އެޓީމުގެ އެއް ނަންބަރު ކީޕަރު ކެޕާ އަރިޒަބަލާގާގެ ބަދަލުގައި ކަބަޔޭރޯ އަށް ފުރުސަތު ދެމުންނެވެ.

އިނގިރޭސި އެފްއޭ ކަޕަކީ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ 139 ވަނަ ފައިނަލުގައި ވެމްބްލީ ސްޓޭޑިއަމްގައި ޗެލްސީ އިން އާސެނަލާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން މިރޭ 9:30 ގައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!