ފުރަތަމަ ސަފްޙާ / ޚަބަރު / އޮބާމިޔަން ކްލަބްގައި މަޑުކުރުވަން އާޓެޓާގެ އަމާޒު މިރޭގެ ފައިނަލަށް

އޮބާމިޔަން ކްލަބްގައި މަޑުކުރުވަން އާޓެޓާގެ އަމާޒު މިރޭގެ ފައިނަލަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 1 އޮގަސްޓް 2020

އެޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމިޔަން ކްލަބުގައި ބަހައްޓަން މިރޭ ކުޅޭ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލް ކާމިޔާބުކުރުން މުހިއްމު ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ. އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅޭ ފައިނަލުގައި އާސެނަލް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އާސެނަލަށް ބަދަލުވި ގޭބޮންގެ ފޯވާޑް، އޮބާމިޔަންގެ އެއްބަސްވުމުގައި ބާކީ އޮތީ އެއް އަހަރެވެ. އާސެނަލުން މިހާރު އަންނަނީ 31 އަހަރުގެ ފޯވާޑްގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. އޮބާމިޔަން އާސެނަލްގައި ބެހެއްޓުމަށް އެޓީމަށް ލިބިފައިވާ އެންމެ ރަނގަޅު ފުރުސަތަކީ މިރޭ ކުޅޭ އެފްއޭ ކަޕް ފައިނަލް ކާމިޔާބުކޮށް އަންނަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރުމެވެ. އަންނަ ސީޒަނުގައި ޔޫރަޕްގެ ޖާގައެއް ނުލިބިއްޖެ ނަމަ އޮބާމިޔަން އާސެނަލް ދޫކޮށްލުމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި 38 އަހަރުގެ އާޓެޓާ ބުނީ މިރޭގެ މެޗަކީ އޮބާމިޔަން އާސެނަލަށް ކުޅޭ ފަހުމެޗަށް ވާނެކަމަށް ގަބޫލުނުކުރާ ކަމަށާއި، ޗެމްޕިއަންކަން ހޯދިއްޖެ ނަމަ އޮބާމިޔަން ކްލަބާމެދު ދެކޭގޮތް ބަދަލުކުރެވޭނެ ކަމަށެވެ.

“އަހަރެންނަށް ގަބޫލެއް ނުކުރެވޭ މިއީ އޮބާމިޔަންގެ ފަހުމެޗަށް ވާނެކަމަށް. ތަށި ކާމިޔާބުކުރެވިއްޖެ ނަމަ ކްލަބާ މެދު އޮންނަ އިތުބާރު ބޮޑުވާނެ. އަދި ކެޕްޓަނެއްގެ ހައިސިއްޔަތުން ތަށި އުފުލާލެވުމުން އިތުރު ހިތްވަރެއް ލިބޭނެ” އެފްއޭ ކަޕް ކާމިޔާބުކޮށް އަންނަ ސީޒަނުގެ ޔޫރަޕްގެ ޖާގައެއް ކަށަވަރުކުރުމަށް އަމާޒުހިފާފައިވާ އާޓެޓާ ބުންޏެވެ.

އޮބާމިޔަން ވަނީ މި ސީޒަނުގައި އާސެނަލަށް 27 ލަނޑު ކާމިޔާބުކޮށްދީފައެވެ. ލީގުގައި ކުޅުނު 35 މެޗުން 22 ލަނޑު ޖެހިއިރު ޔޫއެފާ ޔޫރޮޕާ ލީގުގައި ތިން ލަނޑު އަދި އެފްއޭ ކަޕްގައި ދެ ލަނޑު އޮބާމިޔަން ވަނީ ޖަހައިފައެވެ.

މިދިޔަ މަހު ނިމުނު އިނގިރޭސި ޕްރިމިއާ ލީގުން އާސެނަލަށް ލިބުނީ އަށް ވަނަ އެވެ. އެހެންވެ ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުކުރަން އާސެނަލަށް ލިބޭ ފަހު ފުރުސަތަކީ މިރޭގެ ފައިނަލެވެ. ފައިނަލުން ބަލިވެއްޖެ ނަމަ 25 އަހަރުތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތްތަކުން އާސެނަލް ބޭރުވާނެއެވެ. އާޓެޓާ ބުނީ ތަށި ކާމިޔާބުކުރެވިއްޖެ ނަމަ، ކްލަބް ދަނީ ރަނގަޅު މިސްރާބަށްކަން އޮބާމިޔަން އަށް ގަބޫލުކުރެވޭނެ ކަމަށެވެ.

“އޮބާމިޔަން ކްލަބުގައި ބެހެއްޓުމާއި ޔޫރަޕިއަން ފުޓްބޯޅައާ އެކަންޏެއް ނޫން މުހިއްމީ. މިއީ މާލީ ގޮތުން ވެސް ކްލަބަށް ލިބޭނެ ކުރިއެރުމެއް. އެހެންވީމަ އެ ހުރިހާ ގޮތަކަށް ވިސްނައި މި ތަށި ކާމިޔާބުކުރުން މުހިއްމު” ކުޅުންތެރިއެއްގެ ގޮތުގައި ކެޕްޓަން ބޭންޑް އަޅައިގެން އާސެނަލާއެކު 2014 އަދި 2015 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރި އާޓެޓާ ބުންޏެވެ.

އުނާއި އެމެރީ އާސެނަލްގެ ކޯޗުކަމުން ވަކިކޮށް އާޓެޓާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އާސެނަލްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އާޓެޓާ ހުރީ މެންޗެސްޓަރ ސިޓީގައި ޕެޕް ގާޑިއޯލާގެ އެސިސްޓެންޓަކަށެވެ.

އެފްއޭ ކަޕްގެ ފައިނަލަށް ނުކުންނައިރު 13 ތައްޓާއެކު އާސެނަލަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ކްލަބެވެ. މިއީ އެފްއޭ ކަޕްގެ ފައިނަލުގައި އާސެނަލް ކުޅޭ 21 ވަނަ ސީޒަނެވެ. އާސެނަލާ ޗެލްސީ ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!