ފުރަތަމަ ސަފްޙާ / ޚަބަރު / ފްރާންސްގެ ތިން ތަށި ވެސް ޕީއެސްޖީން ކާމިޔާބުކޮށްފި

ފްރާންސްގެ ތިން ތަށި ވެސް ޕީއެސްޖީން ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 1 އޮގަސްޓް 2020

ފްރެންޗް ލީގު ކަޕްގެ ފައިނަލްގައި ރޭ ލިއޯންގެ މައްޗަށް ކުރި ހޯދައި ޕީއެސްޖީން މި ސީޒަންގެ ތިންވަނަ ތަށި ކާމިޔާބުކޮށްފި އެވެ. މިއީ އެ ޓީމުން ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި އެއް ސީޒަނެއްގައި ޑޮމެސްޓިކް ތިން ތަށި ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.

ރޭ ކުޅުނު ފްރެންޗް ކަޕް ފައިނަލްގައި ޕީއެސްޖީން ލިޔޯން ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު 0-0 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކޮންމެ ޓީމަކުންވެސް ޖެހި ފުރަތަމަ ފަސް ޕެނަލްޓީ އާއެކުވެސް ޗެމްޕިއަން ޓީމް ކަށަވަރު ކުރެވޭ ގޮތެއް ނުވި އެވެ. އެކަމަކު ލިޔޯން އިން ފޮނުވާލި ހަވަނަ ޕެނަލްޓީ ޕީއެސްޖީގެ ގޯލްކީޕަރު ކޮސްޓަރިކާގެ ކޭލާ ނަވާސް މަތަކުރުމާއެކު ޕީއެސްޖީ އަށް މޮޅުވާން ލިބުނު ރަނުގެ ފުރުސަތުގައި އެ ޓީމްގެ އެޓޭކިންގ މިޑްފީލްޑަރު ސްޕެއިންގެ ޕަބްލޯ ސަރާބިއާ ޖެހި ޕެނަލްޓީ ވައްދާލައި ޕީއެސްޖީން ތަށި ކަށަވަރު ކުރި އެވެ.

ސްޓޭޓް ޑި ފްރާންސްގައި 5،000 ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު ފްރެންޗް ލީގު ކަޕް ފައިނަލަކީ ފްރެންޗް ލީގު ކަޕްގެ ތާރީހުގައި ވެސް ކުޅުނު އެންމެ ފަހު މެޗެވެ. މި ސީޒަނަށް ފަހު އެ މުބާރާތް ދެން އަލުން ނުބާއްވާ ގޮތަށް ފްރާންސްގެ ފުޓްބޯޅަ ފެޑޭރޭޝަނުން ނިންމައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ރޭގެ މެޗަކީ ކޮރޯނާ ވައިރަސް އާ ގުޅިގެން މިދިޔަ އޭޕްރީލް މަހު ފްރެންޗް ލީގު ކެންސަލްކޮށް ޕީއެސްޖީ އަށް ތަށި ދިން ފަހުން ފްރާންސްގައި ކުޅުނު ދެވަނަ މެޗެވެ. މި މެޗްގެ ކުރިން މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ކުޅުނު ފްރެންޗް ކަޕްގެ ފައިނަލް ޕީއެސްޖީން ކާމިޔާބުކުރީ 0-1 އިން ސެއިންޓް އެޓިއެންސް ބަލިކުރުމަށްފަހު އެވެ. ‘

ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ފްރާންސްގައި ބޭއްވި 25 މުބާރާތެއްގެ ތަށި ހޯދައިފައިވާ ޕީއެސްޖީން ދެން އެންމެ އަވަހަށް ވާދަކުރާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް ގައެވެ. މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުޅޭ މި މެޗްގައި އެ ޓީމުން ނުކުންނާނީ އިޓަލީގެ އެޓަލާންޓާ އާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!