މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުނު ފްރެންޗް ކަޕް ފައިނަލުގައި އަނިޔާވި ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ތިން ހަފްތާ އަށް ކުޅުމާ ދުރަށްދާން ޖެހި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.
21 އަހަރުގެ ފްރާންސް ފޯވާޑުގެ ކަކުލު ހުޅަށް އަނިޔާވީ ސެއިންޓް-އެޓިއެންއާ ދެކޮޅަށް ކުޅުނު ކަޕް ފައިނަލް މެޗުގެ ކުރީކޮޅު އެވެ. އެމްބާޕޭ އަށް އިދިކޮޅު ޓީމުގެ ޑިފެންޑަރު ލޮއިކް ޕެރިން ފައުލް ކުރުމުން އޭނާ ވަނީ ވަގުތުން ބަދަލުކޮށްފަ އެވެ. އެމްބާޕޭ އަށް ފައުލް ކުރުމުން ދެޓީމުގެ ކުޅުންތެރިން ދެމެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ. ގިނަ ދުވަސްތަކަކަށް ފަހު ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމުން އެމްބާޕޭ ދަނޑުން ފޭބީ ރޮމުންނެވެ. ހުނަރުވެރި ފޯވާޑް ނުލައި މެޗުގެ ބޮޑުބައެއްގައި ކުޅެ ޕީއެސްޖީން ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެމްބާޕޭ ވަނީ ހުރިހާ މުބާރާތެއްގައި މި ސީޒަނުގައި ޕީއެސްޖީ އަށް 30 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
އެމްބާޕާގޭ އަނިޔާ އިތުރަށް ބެލުމަށް ފަހު އިއްޔެ ޕީއެސްޖީ އިން ބުނީ ތިން ހަފްތާއަށް ކުޅުމާ ދުރަށްދާން ޖެހޭތީ އޮގަސްޓް 12 ވަނަ ދުވަހު ޕޯޗުގަލްގެ ލިޒްބަންގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުގައި އެމްބާޕޭ އަށް ނުކުޅެވޭނެ ކަމަށެވެ. އެ ކްލަބުން ބުނީ ކުއާޓާ ފައިނަލް މެޗު ކާމިޔާބުކޮށްފި ނަމަ އޮގަސްޓް 18 ވަނަ ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުން އެމްބާޕޭ ފެނިދާނެ ކަމަށެވެ. ކުއާޓާ ފައިނަލްގެ އިތުރުން އަންނަ ހުކުރު ދުވަހު ލިޔޯންއާ ދެކޮޅަށް ކުޅޭ ފްރެންޗް ލީގު ކަޕް ފައިނަލުގައި ވެސް އެމްބާޕޭ އަށް ނުކުޅެވޭނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޗެމްޕިއަންސް ލީގު ފަސްކުރުމަށް ފަހު މިހާރު ފޯމެޓް ރާވާލާފައިވަނީ ކުއާޓާ ފައިނަލުން ފެށިގެން މިނީ މުބާރާތެއް ގޮތަށް ކުޅޭށެވެ. ދެ ވަނަ ބުރުގައި ބޮރޫޝިއާ ޑޯޓްމަންޓް އެގްރިގޭޓް ނަތީޖާއިން ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު މިނީ މުބާރާތެއްގެ ގޮތުގައި ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ލިޒްބަންގައި އޮންނަ ބެންފީކާގެ ސްޓޭޑިއަމްގަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 23 ވަނަ ދުވަހު އެވެ.
ޗެމްޕިއަންސް ލީގު މިހާތަނަށް ކާމިޔާބުކުރެވިފައިނުވާ ޕީއެސްޖީގެ އެންމެ ބޮޑު އަމާޒަކީ މި ސީޒަނުގައި އެ މުބާރާތް ކާމިޔާބުކުރުމެވެ. މުހިއްމު ދަނޑިވަޅެއްގައި އަނިޔާވެ އިޓާލިއަން ލީގުގެ ތިން ވަނައިގައި އޮތް އެޓަލާންޓާއާ ދެކޮޅަށް އެމްބާޕޭ އަށް ނުކުޅެވުމަކީ ޕީއެސްޖީ އަށް ކުރިމަތިވާނެ މައްސަލައެކެވެ.