ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެން ވެސް ހީކޮށްގެން ތިބީ އަހަރެމެން ދާނީ ފަނުފުލުން ކަމަށް: ސޯލްޝެއާ

އެންމެން ވެސް ހީކޮށްގެން ތިބީ އަހަރެމެން ދާނީ ފަނުފުލުން ކަމަށް: ސޯލްޝެއާ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 ޖުލައި 2020

އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި ނިންމާލާނެ ކަމަށް އެކަކުވެސް ހީނުކުރާ ކަމަށާއި، އެންމެންވެސް އުއްމީދު ކޮށްގެން ތިބީ ހައެއް ނޫނީ ހަތް ވަނަ އަށް ކަމަށް ބުނެ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ފާޑުކިއުންތަކަށް ރައްދުދީފި އެވެ.

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ނިމުނުއިރު ޔުނައިޓެޑް ތިން ވަނަ ކަށަވަރުކުރީ 66 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނަ އަށް ދިޔަ ޗެލްސީ އަށް ވެސް 66 ޕޮއިންޓް ލިބުނުއިރު ޔުނައިޓެޑަށް ކުރި ލިބުނީ ފައިދާ ގޯލުންނެވެ. ސީޒަނުގެ ބޮޑު ބައެއްގައި އެޓީމު ގަދަ ހަތަރަކުން ބޭރުގައި އޮތްއިރު ޖެނުއަރީ މަސް ފެށުނުއިރު އެޓީމާ ލެސްޓާ ސިޓީއާ ދެމެދު 14 ޕޮއިންޓާއި 20 ލަނޑުގެ ފަރަގެއް އޮތެވެ. އެކަމަކު ރޭ 2-0 އިން ޔުނައިޓެޑް އަތުން ބަލިވެ ލެސްޓާ ނިންމާލަން ޖެހުނީ 62 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

“އެއްވެސް މީހަކު މި ނަތީޖާ އަށް އުއްމީދެއް ނުކުރޭ. ހުރިހާ ޕްރެޑިކްޝަނެއް ހުރީ އަހަރެން ނިންމާނީ ހައެއް ނޫނީ ހަތެއްގައި ކަމަށް. އެންމެ ރަނގަޅު އެގޮތަށް ވިސްނިޔަސް” ރޭގެ މެޗަށް ފަހު ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑުން ސީޒަން އަނބުރާލީ ޖެނުއަރީ މަހު އެޓީމާ ގުޅުނު ޕޯޗުގަލްގެ ތަރި ބްރޫނާ ފެނާންޑޭސްގެ މޮޅު ކުޅުމާއެކު އެވެ. ފެބްރުއަރީ މަހުގެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން ނުވަ މެޗުން އެޓީމު މޮޅުވިއިރު ފަސް މެޗުން އެއްވަރުވެ އެއްވެސް މެޗަކުން ބަލިވެފައެއްނުވެ އެވެ. އެ މެޗުތަކުގައި ޔުނައިޓެޑުން ގިނަ ގޯލުތަކެއް ޖެހިއިރު އެންމެ ބޮޑު ތަފާތެއް ދެއްކީ ފެނާންޑޭސް އެވެ. އަނެއްކޮޅުން ލީގުގައި މިފަހަރު ޔުނައިޓެޑަށް 14 ޕެނަލްޓީ ލިބުނުއިރު ފެނާންޑޭސް ވަނީ އޭނާ ޖެހި ހުރިހާ ޕެނަލްޓީއެއް ވައްދާލައިފަ އެވެ. ޔުނައިޓެޑަށް ލީގުގައި ލިބުނު 14 ޕެނަލްޓީއަކީ އިނގިރޭސި ލީގުގެ ރެކޯޑެވެ.

ސޯލްޝެއާ ބުނީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުންނަން ޖެހޭއިރު އަންނަ ސީޒަން ވަރަށް އުނދަގޫ ވާނެކަމަށެވެ.

“ޔޫރޮޕާ ލީގުގެ ބަދަލުގައި އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭއިރު އަހަރެމެން ބޭނުން ލީގު ތާވަލުގައި ވެސް މައްޗަށް އަރަން. އަނެއްކާ ކުޅުންތެރިންނަށް ވެސް ވާނީ ޗެލެންޖަކަށް. ކާމިޔާބު ސީޒަނަކަށް ހެދުމަށް އެ ކުޅުންތެރިންނާއެކު 45 ނޫނީ 50 މެޗު ސީޒަނެއްގައި ކުޅެންޖެހޭނެ” ޔުނައިޓެޑާ އެކު ހޭދަކުރި ފުރަތަމަ ފުލް ސީޒަނަށް ފަހު ދިން އިންޓަވިއުގައި ސޯލްޝެއާ ބުންޏެވެ.

މެޗަށް ފަހު ސޯލްޝެއާ ބުނީ ހިތްވަރުކުރީ ކުޅުންތެރިން ކަމަށާއި، ކުޅުންތެރިން ދެއްކީ ޔުނައިޓެޑްގެ ޖާޒީގައި ދައްކާނެ ކުޅުން ކަމަށެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ވަނީ އިނގިރޭސި ލީގު ކަޕާއި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ލީގު ކަޕްގެ ސެމީގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވިއިރު އެފްއޭ ކަޕްގެ ސެމީގައި ބަލިވީ ޗެލްސީ އަތުންނެވެ. ސީޒަނުގައި ޔުނައިޓެޑަށް ބާކީ އޮތީ ޔޫއެފާ ޔޫރޮޕާ ލީގެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 99 ޕޮއިންޓާއެކު ހޯދީ ލިވަޕޫލެވެ. 30 އަހަރު ފަހުން ފުރަތަމަ ފަހަރަށް އެޓީމުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު 32 މެޗުން ވަނީ މޮޅުވެފަ އެވެ. ލީގުގެ ދެ ވަނަ ލިބުނީ ލިވަޕޫލާ ވާދަވެރި ސިޓީ އަށެވެ. ރެލިގޭޓްވީ ނޯވިޗާއި ބޯންމައުތު އަދި ވެޓްފޯޑެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!