ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ނަގާފައިވާ ފޯވާޑް އާދަމް ނިޒާމް (ކިތުނާ) އަށް އޭނާ ވަޒީފާއަދާކުރާ ސޮނޭވާފުށި ރިޒޯޓުން ރިލީޒް ނުލިބި ގައުމީ ޓީމާ ގުޅުމުގެ އުއްމީދު ފަނޑުވެއްޖެ އެވެ.
މިދިޔަ ފެބްރުއަރީ މަހު ނިމުނު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ޓީމުގައި މޮޅު ކުޅުމެއް ދައްކައި 32 އަހަރުގެ ކިތުނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑުޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ސުޕަރ ޔުނައިޓެޑުން މުބާރާތުގެ ދެ ވަނަ ހޯދިއިރު ކިތުނާ ލަނޑު ލިސްޓުގެ އެއް ވަނައިގައި ހިމެނުނީ ހަތް ގޯލު ޖަހައިގެންނެވެ. ކިތުނާގެ ކުޅުން ފާހަގަކުރެވުމުން ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް އެކުލަވާލި ގައުމީ ސްކޮޑުން އޭނާ އަށް ފުރުސަތު ލިބުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. އެކަމަކު ކޮވިޑް-19 އާއި ގުޅިގެން މެޗުތައް ފަސްކުރުމުން ގައުމީ ޓީމުގެ ޕްރެކްޓިސްތައް އޭރު ވަނީ މެދުކަނޑާލައިފަ އެވެ.
ފަސްކުރި މެޗުތައް އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހަށް ރީޝެޑިއުލް ކުރުމުން ގައުމީ ޓީމުގެ ޕްރެކްޓިސް އަލުން ފެށީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން ޕްރެކްޓިސްތައް ގަވާއިދުން ކުރިއަށްގެންދާއިރު ރަށްރަށުގައި ތާށިވެފައިތިބި ބައެއް ކުޅުންތެރިންނަށް އަދި ބައިވެރިވެވޭ ގޮތެއްނުވެ އެވެ. އެކަމަކު، އޮފީސްތަކާއި ކުންފުނިތައް އަދި އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ ކުޅުންތެރިންގެ ރިލީޒް ހޯދުމުގެ މަސައްކަތް އެފްއޭއެމުން ވަނީ ކޮށްފަ އެވެ. ރިލީޒް ހޯދަން މަސައްކަތް ކުރިނަމަވެސް ކިތުނާ ވަޒީފާ އަދާކުރާ ސޮނޭވާފުށި ރިސޯޓުން އަދި ރިލީޒް ދީފައެއްނުވެ އެވެ. ގިނަ ހުނަރުތަކެއް ލިބިފައިވާ ކިތުނާ އަކީ އެ ރިސޯޓުގެ ވޯޓަރ ސްޕޯޓްސް ގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އެ ރިސޯޓަށް ވެސް ފަތުރުވެރިން ޒިޔާރަތްކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެނގިފައިވާ ގޮތުގައި ކިތުނާ އަށް ރިލީޒް ދިނުމަށް ރިސޯޓުން ދެކޮޅު ހަދާފައިވަނީ މުވައްޒަފުންގެ ދަތިކަމާއި ހެދި އެވެ.
“ފަހުމިނެޓް” އާ ވާހަކަދައްކަމުން ބ. ގޮއިދޫ އަށް އުފަން ކިތުނާ ބުނީ ރިސޯޓުން ވީއްލަދިންހާ އަވަހަކަށް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ތައްޔާރަށް ހުރިކަމަށެވެ.
“ރިސޯޓުން ރިލީޒް ދިންހާ އަވަހަކަށް އިރާދަކުރެއްވިއްޔާ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށާނަން. ގައުމީ ޓީމުން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ބޭނުން. ފިޓްނެސް އަށް މަސައްކަތްކުރަން ރިސޯޓުގަ އުޅޭއިރު ވެސް” ގައުމީ ވޮލީބޯޅަ ޓީމުގެ ސްކޮޑުގައި ވެސް މީގެ ކުރިން ހިމެނުނު ކިތުނާ ބުންޏެވެ.

ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމާ ކިތުނާ ހަވާލުވަނީ. ރިސޯޓުން ރިލީޒް ނުލިބޭތީ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭގޮތެއް އަދި ނުވޭ
ކިތުނާ އަށް ރިލީޒް ނުލިބޭ މައްސަލައިގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) “ފަހުމިނެޓް” އަށް ވިދާޅުވީ، އެކަމުގައި އެ އިދާރާއިން މަސައްކަތްކުރަމުން އަންނަކަމަށާއި ކުޅުންތެރިޔާގެ ރިލީޒް ހޯދަން ދެ ވަނަ ފަހަރު ރިސޯޓުގައި އެދިފައިވާނެކަމަށެވެ. ޖަވާ ވިދާޅުވީ ރިލީޒް ނުލިބޭ މައްސަލަ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ސަމާލުކަމަށް ވެސް ގެންނަވާފައިވާނެކަމަށެވެ.
“ސްޕޯޓްސް ކޮމިޝަނުން އަދި މިނިސްޓަރު ވެސް މަސައްކަތް އެބަކުރައްވާ. އަޅުގަނޑުމެން ވާނީ ރިސޯޓުގައި ދެފަހަރު އެދިފަ ރިލީޒް ހޯދަން” ޖަވާ ވިދާޅުވި އެވެ.
ދެ ވަނަ ޑިވިޝަނުގައި ގިނަ ގޯލުތަކެއް ޖަހައި ގިނަ ބައެއްގެ ސަމާލުކޮށް ހޯދި ކިތުނާ އަށް މާޒިޔާ އިން ވެސް ވަނީ ފުރުސަތުދީފަ އެވެ. ކުރު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުން ކިތުނާ މާޒިޔާއާ ގުޅުނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށެވެ.
ސުޕަރ ޔުނައިޓެޑަށް ކިތުނާ ކުޅުނީ ސޮނޭވާގައި ވަޒީފާ އަދާކުރަމުން މެޗުތައް އޮތް ދުވަސްތަކުގައި މާލެ އައިސްގެންނެވެ. މީގެ ކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބުގައި ވެސް ކުޑަ ދުވަސްކޮޅެއް ހޭދަކުރި ކިތުނާ އަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން މީގެ ކުރިން ލިބުނު ހުށަހެޅުން ދޫކޮށްލި ކުޅުންތެރިއެކެވެ. ބަދަލުގައި އޭނާ ފެންނަނީ އަތޮޅު ފުޓްބޯޅަ އަށް އަމާޒުކޮށްގެން ބާއްވާ ގައުމީ މުބާރާތްތަކާއި ފުޓްސަލް މުބާރާތްތަކުންނެވެ. ކިތުނާ ވަނީ 2016 ވަނަ އަހަރު އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގިނަ ގޯލުތަކެއް އެޓީމަށް ޖަހައިދީފަ އެވެ. އަދި، 2018 ވަނަ އަހަރު ބ. ފެހެންދޫ ފުޓްބޯޅަ ޓީމް ދިރާގު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގައި ވެސް ކިތުނާގެ ދައުރު ބޮޑެވެ. އެ އަހަރު ކިތުނާ ވަނީ ފެހެންދޫ ޓީމާ އެކު ދިވެހި ލީގުގެ ބައެއް މެޗުތަކުގައި ވެސް ކުޅެފަ އެވެ. 2005 ވަނަ އަހަރު މާލޭގައި އޮތް ޒޯން ޗެމްޕިއަންސް ލީގުގައި އއ. ތޮއްޑޫ ސޯސަން ކްލަބުން ފެނުނު ކިތުނާ އަށް ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވެސް މީގެ ކުރިން ފުރުސަތުލިބިފަ އެވެ. އެކަމަކު ކެރިއަރެއްގެ ގޮތުގައި ފުޓްބޯޅަ ނުނަގައި ކިތުނާ ފެންނަނީ ރިސޯޓުގައި ވަޒީފާ އަދާކުރަމުން އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބީ ހޯދާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ފަހުން އާއްމުކުރި ޝެޑިއުލްގައިވާ ގޮތުން ކޮލިފައިންގައި ގައުމީ ޓީމު ދެން މެޗެއް ކުޅޭނީ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށެވެ. އޭގެފަހުން އޮކްޓޫބަރު 13 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ސީރިއާއާ ދެކޮޅަށް ކުޅޭއިރު ކޮލިފައިންގެ ފަހު މެޗުގައި ނޮވެމްބަރު 17 ވަނަ ދުވަހު ރަށުން ބޭރުގައި ގައުމީ ޓީމު ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.