ފުރަތަމަ ސަފްޙާ / ޚަބަރު / ނިޒާމްބެ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ

ނިޒާމްބެ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 21 ޖުލައި 2020

ހުސްވެފައިވާ މާޒިޔާގެ ކޯޗުކަމާ މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވެއްޖެ އެވެ. ނިޒާމްބެ މާޒިޔާގެ ކޯޗުކަމާ ހަވާލުވިކަން މިއަދު އެ ކްލަބުން ހާމަކުރިއިރު، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ އިތުރުން އަންނަ އޮކްޓޫބަރު މަހު އަލުން ފަށާ އޭއެފްސީ ކަޕްގައި ވެސް މާޒިޔާ އަށް އިރުޝާދުދޭނީ ނިޒާމްބެ އެވެ.

މާޒިޔާގެ ކޯޗުގެ މަގާމް ހުއްސީ މެސެޑޯނިއާގެ މަރުޔާން ސެކުލޯސްކީއާ އެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން ހަމަވެ އިތުރަށް އާނުކުރަން ނިންމުމުންނެވެ. މިދިޔަ ސީޒަނުގައި މާޒިޔާއަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ސެކުލޯސްކީ ދިއުމުން މާޒިޔާއިން ބުނެފައިވަނީ އެ ކްލަބުން މަސައްކަތްކުރަނީ ދިވެހި ކޯޗެއް ހޯދަން ކަމަށެވެ.

ނިޒާމްގެ މާޒިޔާގެ ކޯޗުކަމާ ހަވާލުވިއިރު މިދިޔަ ސީޒަނުގައި ރާއްޖޭގެ ކްލަބަކަށް ނިޒާމްބެ އިރުޝާދުދީފައެއްނުވެ އެވެ. އެންމެ ފަހުން ނިޒާމްގެ އިރުޝާދުދިނީ މިދިޔަ އަހަރު ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ކުޅޭ ސައިފް ސްޕޯޓިން އަށެވެ. އެ ކްލަބުގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރުމަށް ފަހު މަގާމުން ވަކިވިފަހުން ނިޒާމްބެ އެހެން ޓީމަކާ ހަވާލުވެފައެއްނުވެ އެވެ. ސައިފްއާ ހަވާލުވުމުގެ ކުރިން ނިޒާމްބެ ވަނީ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ. 16 އަހަރުން ދަށުގެ ޓީމު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނިޒާމްބެއާ ހަވާލުކުރީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރަނގަޅު ޓީމެއް އެކުލަވާލުމުގެ ޕްލޭނަކާއެކު އެވެ.

https://www.facebook.com/maziyasports/posts/3592610437435416?__cft__[0]=AZV-IkuRoKlvsbX2lzTC1vNgptVcD36xC48N2H7gWe07bE8MF5SnEwuhe1PKgBLodmuvj03rVCjsOKQxjcvKBmmfbS3TyGJj_qp1dMblWh2ykGDORIN6LWL9On1fakhacxfzr6fD5Q2g5prRKf7Ct__r7b4CjXbNbwmjUcvfB1pxSQ&__tn__=%2CO%2CP-R

ނިޒާމްބެއަކީ މިދިޔަ ފަސް އަހަރު ރާއްޖޭގައި އެންމެ ވިދުންގަދަ އެއް ކޯޗެވެ. ކޯޗިން ކެރިއަރުގައި ވިޔަންސާ އާއި ލ. ކަލައިދޫ އަށް ވެސް މީގެ ކުރިން އިރުޝާދުދީފައިވާ ނިޒާމްބެ ކުޅަދާނަކަން އެންމެ ބޮޑަށް ފާހަގަކުރެވުނީ 2014 އިން 2018 އާއި ހަމައަށް ޓީސީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން ދުވަސްވަރު އެވެ. 2014 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމަށް ފަހު ޖެހިގެން އައި އަހަރު ދިވެހި ލީގުގެ ދެ ވަނަ ނިޒާމްބެ ވަނީ ޓީސީ އަށް ހޯދައިދީފަ އެވެ. ޓީސީ ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ވެސް ނިޒާމްބެ އެވެ. ނިޒާމްބެ ވިސްނުމާއި އެއްގޮތަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީގެން ޓީސީ ޓީމު ބައްޓަންކުރިއިރު އެޓީމު މިހާރު ހިމެނެނީ ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބްތަކުގެ ތެރޭގައެވެ. ޓީސީ އަށް ނިޒާމްބެ ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ކާމިޔާބުކޮށްދިނުމުގެ އިތުރުން 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގު ފުރަތަމަ ފަހަރަށް ޓީސީ އަށް ކާމިޔާބުކޮށްދިނުމަށް ފަހު ނިޒާމްބެ ވަނީ އެ ކްލަބުގެ ކޯޗުކަން ދޫކޮށްލާފަ އެވެ.

ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ވެލެންސިއާ އާއި އައިއެފްސީން ފެނުނު ނިޒާމްބެ މާޒިޔާއާ ހަވާލުވިއިރު އެޓީމުގައި މިހާރު ތިބި މަޝްހޫރު ބައެއް ކުޅުންތެރިންނަކީ ނިޒާމްބެގެ ކޯޗުކަމުގައި ވިދާލި ކުޅުންތެރިންނެވެ. މި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ނިޒާމްބެގެ ކޯޗުކަމުގައި ޓީސީގައި ހުރެ ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2015 ވަނަ އަހަރު ހޯދި ނާއިޒް ހަސަން (ދާދު) އާއި މިހާރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އެވެ. ކުރިން ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު ބްރޭކެއް ނަގައި އަލުން ކުޅުމުގެ ތެރެއަށް ނުކުމެ އިއްބެ ވަހީދު ވިދާލީ ނިޒާމްބެގެ ކޯޗުކަމުގައި ޓީސީންނެވެ. މި ދެކުޅުންތެރިންގެ އިތުރުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) މިނިވަން ޗެމްޕިއަންޝިޕްގައި ސ. ފޭދޫ ޓީމުން ވިދާލުމުން ޓީސީ ޓީމުން ފުރުސަތު ދިނީ ވެސް ނިޒާމްބެ އެވެ.

މާޒިޔާއާ ހަވާލުވުމަށް ފަހު ނިޒާމްބެގެ ފުރަތަމަ ތަޖުރިބާއަކަށް ވާނީ އަންނަ އޮކްޓޫބަރު މަހުގެ 23 އިން ނޮވެމްބަރު މަހުގެ 04 ވަނަ ދުވަހަށް ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ މެޗުތައް ހުއްޓާލިއިރު ދެކުނު އޭޝިއާއަށް ނިސްބަތްވާ ގްރޫޕް އީގައި މާޒިޔާގެ އިތުރުން ހިމެނެނީ ރާއްޖޭގެ ޓީސީ އާއި އިންޑިއާގެ ޗެންނާއީ ސިޓީ އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި މާޒިޔާ އާއި ޗެންނާއި ސިޓީ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިހާރު ނެރެފައިވާ ޝެޑިއުލްގައި ވާގޮތުން ނިޒާމްބެގެ ކޯޗުކަމުގެ ދަށުން ކުޅޭ ވާދަވެރި ފުރަތަމަ މެޗުގައި އޮކްޓޫބަރު 23 ވަނަ ދުވަހު ގަލޮޅު ދަނޑުގައި މާޒިޔާ ނުކުންނާނީ ބަޝުންދުރާއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!