އިޓާލިއަން ލީގާއި، ސްޕެނިޝް ލީގުގެ އިތުރުން އިންގްލިޝް ޕްރިމިއަރ ލީގުގައި 50 ގޯލް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ. މި ރެކޯޑް އުމުރުން 35 އަހަރުގެ ރޮނާލްޑޯ ހާސިލްކުރީ ރޭ އިޓާލިއަން ލީގުގައި ލާޒިއޯ އާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗްގައި އޭނާ ޖެހި ފުރަތަމަ ގޯލާ އެކު އެވެ.
2018 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑަށާއި، އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ރޮނާލްޑޯ ކުޅެފައިވާއިރު ސްޕެނިޝް ލީގުގައި ރޮނާލްޑޯ ކުޅުނު 292 މެޗްގައި ވަނީ 311 ގޯލް ޖަހައިފަ އެވެ. އޭގެ ކުރިން އިނގިރޭސި ޕްރިމިއަރ ލީގުގައި ރޮނާލްޑޯ ކުޅުނު 196 މެޗްގައި 84 ގޯލް ޖަހާފައިވާއިރު އިޓާލިއަން ލީގުގައި މިހާތަނަށް އޭނާ ކުޅުނު 61 މެޗްގައި ޖެހި ގޯލްގެ އަދަދު މިހާރު ވަނީ 51 އަށް އަރައިފަ އެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ޓޭބަލްގެ ދެވަނައިގައި އޮތް ލާޒިއޯ އާ ދެކޮޅަށް ކުޅުނު މެޗްގައި ޔުވެންޓަސް އިން ޖެހި ދެ ގޯލްވެސް ރޮނާލްޑޯ ކާމިޔާބުކޮށްފައިވާއިރު ރޭގެ މެޗް 1-2 އިން ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އެވެ. މި ނަތީޖާ އާ އެކު ޓޭބަލްގެ އެއް ވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ޔުވެންޓަސް އަށް ލިބިފައިވާ އިރު ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށްޓަކައި އެ ޓީމަށް ދެން ބޭނުންވަނީ އެންމެ ހަތަރު ޕޮއިންޓެވެ. ލީގުގައި ޔުވެންޓަސް އަށް ބާކީ އަދި ހަތަރު މެޗް އެބަ އޮތެވެ.
ރޭގެ މެޗްގައި ރޮނާލްޑޯ ޖެހި ދެ ގޯލްގެ ތެރެއިން ފުރަތަމަ ގޯލަކީ މެޗްގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ގޯލް އޭގެ ތިން މިނެޓް ފަހުން ރޮނާލްޑޯ ކާމިޔާބުކުރީ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ ދިން ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ރޭގެ މެޗްގައި ލާޒިއޯ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޓަލީގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ފޯވާޑް ޗީނޯ އިމޯބައިލް އެވެ.
ރޯނާލްޑޯ އާއި އިމޯބައިލް އަކީ މިވަގުތު އިޓާލިއަން ލީގުގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އުޅޭ ދެ ކުޅުންތެރިންނެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް މިފަހަރުގެ ލީގުގައި މިހާތަނަށް 30 ގޯލް ޖަހައިފައިވާއިރު ލީގުގެ ޓޮޕް ސްކޯރަރ ގެ މަގާމް ރޮނާލްޑޯ ހޯދައިފިނަމަ އޭނާ ވެގެމްދާނީ 2007 ވަނަ އަހަރުގެ ސީޒަންގައި ޔުވެންޓަސްގެ އަލްސަންދްރޯ ޑެލް ޕިއޭރޯ ޓޮޕް ސްކޯރާ ގެ މަގާމް ހޯދި ފަހުން އެ މަގާމް ހާސިލްކުރާ ޔުވެންޓަސްގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެ އިތުރުން މި ގަރުނުގައި އެންމެ އަވަހަށް އިޓާލިއަން ލީގުގައި 50 ގޯލް ހަމަކުރި ކުޅުންތެރިއަކީ ވެސް ރޮނާލްޑޯ އެވެ.