އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-0 އިން ބަލިވެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ލެސްޓާ ސިޓީން ކުރަމުން އަންނަ އުއްމީދު ފަނޑުވެއްޖެ އެވެ. މުހިއްމު މެޗަކުން ބަލިވުމާއެކު ލެސްޓާ އަށް މިހާރު ވަނީ އަމިއްލަ ބާރުގައި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ ފުރުސަތު ގެއްލިފަ އެވެ.
37 މެޗުން ހޯދި 62 ޕޮއިންޓާއެކު ލެސްޓާ މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. ލެސްޓާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތިން ވަނައިގައި ޗެލްސީ އޮތްއިރު ފަސް ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. ޗެލްސީ އާއި ޔުނައިޓެޑަށް ލީގުގައި ބާކީ ދެ މެޗު އޮތުމުން ލެސްޓާ އިން ދެން ޖެހޭނީ އެޓީމުތަކުން ނެރޭ ނަތީޖާއަށް އިންތިޒާރުކުރާށެވެ. ޗެލްސީ 63 ޕޮއިންޓާއެކު ތިން ވަނައިގައި އޮތްއިރު ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ ލެސްޓާއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ.
ލެސްޓާ އަށް ލީގުގައި ބާކީ އޮތީ އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ މެޗެވެ. ލެސްޓާ މެޗުގެ އިތުރުން ޔުނައިޓެޑަށް އޮތީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. ޗެލްސީ އަށް ބާކީ އޮތީ ލިވަޕޫލްގެ އިތުރުން ވުލްވްސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. ގަދަ ހަތަރަށް އެރުމަށް ޔުނައިޓެޑަށް ހަތަރު ޕޮއިންޓް ބޭނުންވާއިރު މޮޅެއް ހޯދައިގެން ޗެލްސީ އަށް ވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.
އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ލެސްޓާ ބަލިކުރީ ފުރަތަމަ ހާފުގައި ޖެހި ތިން ގޯލުންނެވެ. މެޗުގެ ފުރަތަމަ ގޯލަކީ ލެސްޓާގެ ޖޭމްސް ޖަސްޓިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަރިމަތިން ސޮން ހެއުން މިން ނަގައިދިން ހުރަސް ގޯލަށް ވަނީ ޖަސްޓިންގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިން ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މެޗުގައި ލެސްޓާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު އެޓީމުން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ޓޮޓެންހަމްގެ ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް އެވެ.
މުހިއްމު މޮޅާއެކު ޓޮޓެންހަމް ވަނީ އަންނަ ސީޒަނުގެ ޔޫރަޕްގެ ޖާގައެއް ހޯދުމަށް ކުރާ އުއްމީދު ދަމަހައްޓައިފަ އެވެ. ލީގުގައި ބާކީ އެއް މެޗު އެޓީމަށް އޮތްއިރު މިވަގުތު އޮތީ 58 ޕޮއިންޓާއެކު ހަ ވަނައިގަ އެވެ. އެޓީމުގެ ފަހަތުން 56 ޕޮއިންޓާއެކު ހަތް ވަނައިގައި އޮތް ވުލްވްސް އަށް ލީގުގައި ބާކީ ދެ މެޗު އެބައޮތެވެ.