ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ޗެލްސީ އިން އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ. މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ޔުނައިޓެޑްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 3-1 އިންނެވެ.
ފައިނަލުގައި ޗެލްސީ ނުކުންނާނީ ފުރަތަމަ ސެމީގައި މެންޗެސްޓަރ ސިޓީ 2-0 ބަލިކުރި އާސެނަލާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އޮގަސްޓް އެއް ވަނަ ދުވަހު އެވެ.
ގިނަ މެޗުތަކެއް ގާތްގާތުގައި ކުޅެން ޖެހުމުން މެޗަށް ނެރުނު ފުރަތަމަ އެގާރައަށް ދެޓީމުން ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ކުޅޭ ޕައުލް ޕޮގްބާ އާއި މޭސަން ގްރީންވުޑް އަދި އެންތަނީ މާޝިއާލް ބެންޗުގައި އިންއިރު ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްރިސްޓިއަން ޕުލިސިކަށް ވެސް ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބުނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޔުނައިޓެޑުން ވަނީ އެރިކް ބާއީގެ ބަދަލުގައި އެންތަނީ މާޝިއާލް ކުޅެން އަރުވައިފަ އެވެ. ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހަކުން ޗެލްސީން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގައި ދެއްކި އިތުރު ވަގުތުގެ 11 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑް ޖަހައިދިން ލަނޑުންނެވެ. އަރިމަތިން ސެޒާ އަޒްޕިލިކުއެޓާ ނަގައިދިން ހުރަސް ޖިރޫޑް ފޮނުވާލުމުން ގޯލަށް ވަނީ ޑެހެއާގެ ގައިގައި ޖެހިފަ އެވެ. ޖިރޫޑްގެ މި ގޯލަކީ 2013 ވަނަ އަހަރު އެފްއޭ ކަޕްގައި އޭނާ ކުޅެން ފެށިފަހުން ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. މި މުއްދަތުގައި ލިސްޓުގެ އެއް ވަނައިގައި އޮތީ 19 ލަނޑު ޖަހާފައިވާ މެންޗެސްޓަރ ސިޓީގެ ސާޖިއޯ އަގުއޭރޯ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި އުފެއްދި ފުރަތަމަ ހަމަލާގައި ޗެލްސީ ލީޑު ފުޅާކުރީ ވެސް ޑެހެއާ އަށް ހެދުނު ގޯހަކުންނެވެ. އޭރިޔާ ބޭރުން ޗެލްސީގެ މޭސަން މައުންޓް ތިރިތިރިން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ޑެހެއާގެ އަތުގައި ޖެހިފަ އެވެ. ދެ ލަނޑުގެ ލީޑަކަށް ފަހު ޗެލްސީން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. ޗެލްސީގެ ތިން ވަނަ ގޯލަކީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަރިމަތިން މާކަސް އަލޮންސޯ ނަގައިދިން ހުރަސް މެގުއާ ފައިގައި ޖެހިފައި ބައިކޮޅަށް ވަނީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް ހުރަސް އަޅަން އުޅުނު ވަގުތު އެވެ. މެޗުގެ ފަހުކޮޅު ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ފަރަގު ކުޑަކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ.
މިއީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އަމިއްލަ ދަނޑުގައި 2-0 އިން ބާންލީ އަތުން ލީގުގައި ޔުނައިޓެޑް ބަލިވިފަހުން އެޓީމުން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗާއި ހަމައަށް ހުރިހާ މުބާރާތެއްގައި ބަލިނުވެ ޔުނައިޓެޑުން ވަނީ 19 މެޗު ކުޅެފަ އެވެ. އަނެއްކޮޅުން މިއީ ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފެނާންޑޭސް އެޓީމުގެ ޖާޒީގައި މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މިހާތަނަށް ކުޅުނު 17 މެޗުގައި ފެނާންޑޭސް ވަނީ ނުވަ ގޯލު ޖަހައި އަށް ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ.
މިއީ އެފްއޭ ކަޕްގެ ފައިނަލުން ޗެލްސީ ފުރުސަތު ހޯދި 14 ވަނަ ފަހަރެވެ. ފައިނަލުގައި އާސެނަލާ ދެކޮޅަށް ނުކުންނައިރު ޗެލްސީން ވަނީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި އާސެނަލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.