އިނގިރޭސި ގަދަބާރެއްގެ ގޮތުގައި މީގެ ކުރިން ކާމިޔާބީތައް ހޯދާފައިވާ މަޝްހޫރު ލީޑްސް ޔުނައިޓެޑް 16 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފި އެވެ. އިނގިރޭސި ދެ ވަނަ ޑިވިޝަން ނުވަތަ ޗެމްޕިއަންޝިޕްގައި ރޭ ހަޑަސްފިލްޑް ޓައުން އިން 2-1 އިން ވެސްޓް ބްރޮމް ބަލިކުރުމުން ލީޑްސް އަށް މިހާރު ވަނީ އެ ލީގުގެ އެއް ވަނަ މަގާމް ކަށަވަރުވެފަ އެވެ.
ޗެމްޕިއަންޝިޕްގެ އެއް ވަނައިގައި ލީޑްސް އޮތީ 44 މެޗުން 87 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމުގެ ފަހަތުން ދެ ވަނައިގައި އޮތް ވެސްޓް ބްރޮމް އަށް 45 މެޗުން ލިބިފައިވަނީ 82 ޕޮއިންޓެވެ. ޗެމްޕިއަންޝިޕްގެ ގަވާއިދު ބުނާގޮތުން އެންމެ ކުރި ހޯދާ ދެ ޓީމަށް ޕްރިމިއާ ލީގުގެ ސީދާ ޖާގަތައް ލިބޭނެ އެވެ. ބާކީ ޖާގަ ކަށަވަރުވާނީ އޭގެ ފަހަތުން ލީގުގައި ނިންމާލާ ހަތަރު ޓީމުގެ މެދުގައި ކުޅެވޭ ޕްލޭ އޮފުން ޗެމްޕިއަންކަން ހޯދާ ޓީމަކަށެވެ. ލީގުގެ ތިން ވަނައިގައި އޮތީ 81 ޕޮއިންޓް ހޯދާފައިވާ ބްރެންޓްފޯޑް އެވެ.
ދިވެހިންގެ މެދުގައި ވެސް މަގްބޫލު ލީޑްސް އިން ވަނީ އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައި އިނގިރޭސި އެފްއޭ ކަޕާއި ލީގު ކަޕްގެ އިތުރުން ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. ކުރިން ޔޫރަޕްގައި ވެސް އިނގިރޭސި ވިލާތް ތަމްސީލުކޮށް ލީޑްސް އިން ވަނީ 1975 ވަނަ އަހަރު ޔޫރަޕިއަން ކަޕްގެ ފައިނަލުގައި ކުޅެ ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ. އަދި، 1973 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ވިނާސް ކަޕްގެ ރަނަރަޕްކަން ލީޑްސް އިން ވަނީ ހޯދައިފަ އެވެ. ޔޫރަޕްގައި ލީޑްސް އަށް އެންމެ ފަހުން ލިބުނު ކުރިއެރުމަކީ 2001 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުމެވެ. އެކަމަކު އޭގެ ދެ އަހަރެއްހާ ފަހުން މާލީ މައްސަލަތައް ކުރިމަތިވެ 2004 ވަނަ އަހަރު އެޓީމު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.
މާލީ މައްސަލަތަކާއި ގުޅިގެން ލީޑްސް ޔުނައިޓެޑުން ކުރިއަށް އަރަން މިދިޔަ 16 އަހަރު ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. ވޭތުވެދިޔަ މުއްދަތުގައި އިނގިރޭސި ތިން ވަނަ ޑިވިޝަނަށް ވެއްޓި އަލުން ދެ ވަނަ ޑިވިޝަނަށް އެރުމަށް ތިން އަހަރު އެޓީމުން ހޭދަކުރި އެވެ. އަދި، ޕްރިމިއާ ލީގަށް އައުމަށް ކުޅެންޖެހޭ ޕްލޭ އޮފް ބުރުގައި ވާދަކޮށްގެން އެޓީމަށް މީގެ ކުރިން ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ.
ލީޑްސް އަލުން ޕްރިމިއާ ލީގަށް ކޮލިފައިވިއިރު އެޓީމުގެ ކޯޗަކީ އާޖެންޓީނާ އަށް އުފަން މާސެލޯ ބިއެލްސާ އެވެ. އޭނާގެ ކޯޗުކަމުގެ ފުރަތަމަ ސީޒަނުގައި މިދިޔަ އަހަރު އެޓީމު ވަނީ ތިން ވަނަ ހޯދައިފަ އެވެ. އެކަމަކު ޕްރިމިއާ ލީގުން ފުރުސަތު ނުލިބުނީ ޕްލޭ އޮފްގައި ބަލިވުމުންނެވެ.
އެޓީމަށް ކުޅުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ރިއޯ ފާޑިނެންޑް އާއި އެލަން ސްމިތު އަދި މާކް ވިޑޫކާ ފާހަގަކޮށްލެވެ އެވެ.