ކުރިއަށް އޮތް ދެ ސީޒަނުގައި ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކޮށްފައިވާ މެންޗެސްޓަރ ސިޓީގެ މައްސަލަ ބެލުމަށް ފަހު ކްލަބާމެދު ނިންމާ ގޮތެއް އަންނަ ހޯމަ ދުވަހު އިއުލާންކުރަން ތައްޔާރުވެއްޖެ އެވެ.
2012 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އާ ހިލާފުވުމުގެ ސަބަބުން ސިޓީ ޔޫރަޕްގެ މުބާރާތްތަކުން ދެ ސީޒަނަށް ސަސްޕެންޑް ކުރި މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ސަސްޕެންޑް ކުރުމުން ސިޓީން ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފް ކޮށްފަ އެވެ. ސިޓީން މައްސަލަ އިސްތިއުނާފް ކުރުމުން މިދިޔަ ދުވަސްތަކުގައި އޮންލައިންކޮށް އަޑުއެހުންތައް ބާއްވައި މިހާރު ވަނީ އެންމެ ފަހުގެ ނިންމުން އިއުލާން ކުރަން ތައްޔާރުވެފަ އެވެ. އަންނަ ހޯމަ ދުވަހު ސިޓީގެ ސަސްޕެންޝަނާ މެދު ނިންމާ ގޮތެއް އިއުލާން ކުރާއިރު ދާދިފަހުން އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސިޓީ އަދަބުން ސަލާމަތްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ބުނެފަ އެވެ. ސަސްޕެންޝަނުގެ އިތުރުން މައްސަލަ ތަހްގީގު ކުރުމަށް ފަހު ފެބްރުއަރީ މަހު އެޓީމު ވަނީ 30 މިލިއަން ޔޫރޯ އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ސިޓިގެ މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅު ޔޫއެފާއިން ތަހުގީގުކުރަން ފެށީ ޖަރުމަނުގެ ނޫހަކުން އާއްމުކުރި ރިޕޯޓުތަކަކާއި ގުޅިގެންނެވެ. އެ ރިޕޯޓުތަކުން އެނގޭ ގޮތުގައި ސިޓީން އައީ ގަވާއިދާ ހިލާފަށް ޔޫއެފާގެ ބައެއް އޮފިޝަލުންތަކަކަށް ރިޝްވަތުދެމުންނެވެ. އަދި، އުސޫލުން ބޭރުން ކްލަބަށް ފައިސާ ހޯދުމާއި، ދަރަނިތައް ފޮރުވައި މުއާމަލާތުތައް އޮޅުންއަރާ ގޮތަށް ކުޅުންތެރިން ގަތުން ވެސް ސިޓީގެ މައްޗަށް ތުހުމަތު ކުރެވުނެވެ.
މުސާރަ އާއި ކުޅުންތެރިން ގަންނަން ހަރަދުކުރުމުގައި މަކަރުހެދިކަން ސާބިތުވުމުން 2014 ވަނަ އަހަރު ވެސް ޔޫއެފާއިން ވަނީ ސިޓީ އަށް އަދަބުދީފަ އެވެ. އެފަހަރު އެޓީމަށް ދިން އަދަބަކީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއި ޗެމްޕިއަންސް ލީގުގައި ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އަދަދު މަދުކުރުމެވެ.
ސިޓިއާ ދެކޮޅަށް ނިންމުން އަތުވެއްޖެ ނަމަ އެޓީމުގެ ބަދަލުގައި އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ވަނަ ހޯދާ ޓީމަކަށެވެ. މިވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. އަނެއްކޮޅުން ސިޓީން މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިޔަސް ކްލަބުގެ ސަސްޕެންޝަން ދަމަހައްޓައިފި ނަމަ އަންނަ ސީޒަނުގެ ކުރީކޮޅު ކުޅޭ ޔޫއެފާ ސުޕަރ ކަޕް މެޗު ކުޅުމުގެ ފުރުސަތު އެޓީމަކަށް ނުލިބޭނެ އެވެ.
މި ސީޒަނުގައި ސިޓީގެ އެންމެ ބޮޑު އަމާޒަކީ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމެވެ. މުބާރާތުގެ ގަދަ 16 އަށް އެޓީމު ދަތުރުކޮށްފައިވާއިރު، އެ ބުރުގެ ފުރަތަމަ ލެގްގައި ރަށުން ބޭރުގައި ސިޓީން ވަނީ 2-1 އިން ގަދަފަދަ ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ. ދެ ލެގްގެ އެގްރިގޭޓުން ރެއާލް އަތުން މޮޅުވެއްޖެ ނަމަ ކުއާޓާ ފައިނަލުގައި ސިޓީ ނުކުންނާނީ ލިޔޯން އާއި ޔުވެންޓަސް ވާދަކޮށް ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ. ކުއާޓާ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފި ނަމަ ބަޔާން މިއުނިކް ބާސެލޯނާއާ ވާދަކުރަން ޖެހުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ.
ކޮވިޑް-19 ގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. ގަދަ އަށް ޓީމާއެކު އޮގަސްޓް 23އާ ހަމައަށް މިނީ މުބާރާތެއްގެ ގޮތުގައި މެޗުތައް ކުޅޭނީ ޕޯޗުގަލްގެ ބެންފީކާގެ ސްޓޭޑިއަމްގަ އެވެ. ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ކަށަވަރުކުރަން ކުޅޭ ދެ ވަނަ ލެގްގެ މެޗުތައް އޮންނާނީ އަންނަ މަހުގެ ހަތެއް އަދި އަށް ވަނަ ދުވަހު އެވެ.