ފުރަތަމަ ސަފްޙާ / ޚަބަރު / ފަސްބެލުމެއް ނެތި ރެއާލް މެޑްރިޑް ތަށްޓާ ގާތަށް

ފަސްބެލުމެއް ނެތި ރެއާލް މެޑްރިޑް ތަށްޓާ ގާތަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 11 ޖުލައި 2020

  • ސްޕެނިޝް ލީގުގައި ރޭ އަލަވެސް އާ ވާދަކޮށް ކުޅުނު މެޗް ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގް ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ. ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން އަލަވެސް ގެ މައްޗަށް ކުރި ހޯދީ 0-2 އިންނެވެ.

ރޭގެ ނަތީޖާ އާއެކު ރެއާލް މެޑްރިޑަށް ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ.  ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ލީގުގައި ބާކީ ތިން މެޗް އޮތް އިރު އޭގެ ތެރެއިން ދެ މެޗް ރެއާލުން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ލީގު ކަށަވަރު ވާނެ އެވެ. ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މިރޭ ރެއާލް ވަލޮޑޮލިޑާ ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ ބަލިވެއްޖެ ނަމަ ހޯމަ ދުވަހުގެ ރޭ ގްރަނާޑާ އާ ވާދަކޮށް ކުޅޭ މެޗް ކާމިޔާބުކޮށްގެން ރެއާލަށް ލީގު ކަށަވަރުކުރެވޭނެ އެވެ. އެކަމަކު އެހެން ނުވިޔަސް ރެއާލުން ކުރިއަށް އޮތް ތިން މެޗްގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗް އެއްވަރުކޮށްލިޔަސް އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.

އާ ކޯޗެއްގެ އިރުޝާދުގެ ދަށުން ރޭ ނުކުތް އަލަވެސް އިން ވަނީ މެޗްގައި ރެއާލް އިން ލީޑް ނެގުމުގެ ކުރިން އެ ޓީމްގެ ގޯލަށް ބޯޅައެއް ވައްދާލުމާ ވަރަށް ގާތަށް ގޮސްފަ އެވެ. އަލަވެސް އަށް ކުޅެމުން އަންނަ ހޮސޭލޫ މެޗްގެ ވަރަށް ކުރީކޮޅު ރެއާލްގެ ގޯލާ އަމާޒުކޮށް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެ ޓީމުގެ ލޫކަސް ޕެރޭޒް އަލުން ގޯލަށް ފޮނުވާލުމުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވެރޭން ވަނީ ގޯލް ރޮނގުމަތިން ދިފާއުކޮށްފަ އެވެ.

ރެއާލް މެޑްރިޑުން ރޭގެ މެޗްގައި ލީޑް ނަގައިފައިވަނީ މެޗްގެ 11 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ރެއާލްގެ ފާލަން މެންޑީ އަށް އަލަވެސް ގެ ޑިފެންޑަރު ޒީމޯ ނަވާރޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ގޯލަކަށް ބަދަލުކޮށްލީ މި ސީޒަންގައި ރެއާލް އަށް ގިނަ ގޯލްތަކެއް ޖަހައިދެމުން އަންނަ ފްރާންސްގެ ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އެވެ. މިއީ ބެންޒެމާ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި 18 ވަނަ ގޯލެވެ. ރެއާލް އިން މެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗްގެ 50 ވަނަ މިނެޓްގައި ބެންޒެމާ ދިން ބޯޅައަކުން ސްޕެއިންގެ މިޑްފީލްޑަރު މާކޯ އަސެންސިއޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު އޮފްސައިޑް ކަމަށް ރެފްރީ ފުރަތަމަ ނިންމި ނަމަވެސް ވީއޭއާރު ބެލުމަށްފަހު އެ ނިންމުން ވަނީ ފަހުން ބަދަލުކޮށްފަ އެވެ.

ރެއާލް މެޑްރިޑަށް ލީގު ޗެމްޕިއަންކަން އެންމެ ފަހުން ލިބިފައި ވަނީ 2017 ވަނަ އަހަރު އެވެ. އޭރުވެސް ރެއާލް އަށް އިރުޝާދު ދޭން ހުރީ މިދިޔަ އަހަރު ދެވަނަ ފަހަރަށް ޓީމާ ހަވާލުވި ފްރާންސްގެ ލެޖެންޑް ޒިނެޑިން ޒިދާން އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!