މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ކޯޗުކަމާ ހަވާލުވެ ރަނގަޅު ނަތީޖާތަކެއް ނެރުނު އިސްމާއީލް މަހުފޫޒް (އަންމަ) އަންނަ ސީޒަނުގައި ވެސް އެ ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން މިއަދު ވަނީ ކޯޗު އިންމަ ކުރިއަށް އޮތް ސީޒަނުގައި އެ ކްލަބުގައި މަޑުކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.
ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށީ މިދިޔަ ސީޒަނުގަ އެވެ. އިންމަގެ އިރުޝާދުގެ ދަށުން ރަނގަޅު ޓީމެއް އެކުލަވާލައި އެޓީމުން ވަނީ ލީގުގެ ފަސް ވަނަ މަގާމް ކަށަވަރުކޮށްފަ އެވެ. ސީޒަނުގެ ކުރީކޮޅު ނަތީޖާތައް ރަނގަޅުވި ނަމަވެސް އެޓީމު ފަސް ވަނަ އަށް ވެއްޓުނީ ފަހު ދެ ބުރުގައި ނަތީޖާތައް ގޯސްވުމުންނެވެ.
https://www.facebook.com/DAGANGSC/posts/3419090318102089?__cft__[0]=AZWXT3mHUlOk3H6Kjomx98jnQ1rJQD3acEAshEmlA2tDGXYIl251ClfRu2m4pQaJEiahziyum2zuVtAyZzFTfxaogEobDRyAnXQAoCxmdv2D0eoyYRQNWMJ-nq7DhT0X828b5RPPJVIAWhz0vN1GbVivFw6T-YtalADGbG8_vhPsyg&__tn__=%2CO%2CP-R
ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ދަ ގްރާންޑޭ ވަނީ ހަތް މެޗުން މޮޅުވެ ހަ މެޗު އެއްވަރުކޮށް އަށް މެޗުން ބަލިވެފަ އެވެ. ލީގުގައި ދަ ގްރާންޑޭ އިން 33 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 32 ގޯލެވެ. ލީގުގެ އިތުރުން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި އެޓީމުން ވަނީ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު އަތުން 3-0 އިން މޮޅުވެފަ އެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން އެފްއޭއެމުން ނިންމީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުރިއަށް ނުގެންގޮސް ސީޒަން ނިންމާލުމަށެވެ. އެހެންވެ އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗު އެޓީމަށް ކުޅެވޭ ގޮތެއްނުވި އެވެ. އެފްއޭ ކަޕުން ހޯދި މޮޅު ހިމަނައިގެން އިންމަ އަށް ވަނީ ގްރާންޑޭ ޓީމާއެކު އަށް މޮޅު ލިބިފަ އެވެ. އެޓީމުން ސީޒަނުގައި ޖެހި 36 ލަނޑުގެ ތެރެއިން އިރާގުގެ ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު ވަނީ 17 ލަނޑު ޖަހައިފަ އެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ކްލަބް ވެލެންސިއާ އިން މަޝްހޫރުކަން ހޯދި އިންމަ ކޯޗިންގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ 2006 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ މާޒިޔާ އިންނެވެ. ގިނަ އަހަރުތަކެއް ވަންދެން މާޒިޔާގެ ކޯޗުކަން ކުރުމަށް ފަހު އިންމަ އެޓީމު ދޫކޮށްލީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އިންމަ ވަނީ ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް ދެ މެޗެއްގައި ހެޑް ކޯޗުކަން ވެސް ކޮށްފަ އެވެ. ސީނިއާ ގައުމީ ޓީމަށް އިންމަ އިރުޝާދުދިނީ ވޯލްޑް ކަޕް ކޮލިފައިންގައި ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ނުކުތް މެޗުގަ އެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ދޫކޮށްލުމަށް ފަހު އިންމަ އަލުން މާޒިޔާގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މާޒިޔާއަށް ދެ ބުރެއްގެ މަތިން ކޯޗުކަން ކޮށްދީފައިވާއިރު އިންމަ ވަނީ އެ ކްލަބަށް 2014 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އާ ސީޒަން ޑިސެމްބަރު މަހު ފަށަން އެފްއޭއެމުން މަސައްކަތް ކުރާއިރު ކްލަބްތަކުން މިހާރު އަންނަނީ ކުޅުންތެރިން ހޯދައި ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.