ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަންސް ލީގު: ގުރުން ނަސީބު ލައްވާލީ ޕީއެސްޖީ އަށް

ޗެމްޕިއަންސް ލީގު: ގުރުން ނަސީބު ލައްވާލީ ޕީއެސްޖީ އަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 ޖުލައި 2020

މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ މިނީ މުބާރާތުގެ ގުރުނެގުން މިއަދު ކުރިއަށް ގެންދިޔައިރު ކުއާޓާ ފައިނަލުގައި ޕީއެސްޖީ އިން އިޓަލީގެ އެޓަލާންޓާއާ ވާދަކުރަން ޖެހިއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މާޗް މަހު ޗެމްޕިއަންސް ލީގުގެ ކުޅުން މެދުކަނޑާލިއިރު ހަތަރު ޓީމަކުން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ބާކީ ހަތަރު ޓީމު ކަށަވަރު ވާނީ އެޓީމުތަކުން ކުޅޭ ދެ ވަނަ ލެގްގެ މެޗުތަކަށް ފަހު އެވެ. ޔޫއެފާއިން ޗެމްޕިއަންސް ލީގު މިނީ މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދަން ނިންމާފައިވަނީ އޮގަސްޓް 10 އިން 23 އަށެވެ. މި މުއްދަތުގައި މިނީ މުބާރާތެއް ގޮތަށް ކުއާޓާ ފައިނަލުން ފެށިގެން މެޗުތައް ކުޅޭނީ ޕޯޗުގަލްގެ ބެންފީކާގެ ސްޓޭޑިއަމްގަ އެވެ.

The UEFA Champions League draw is complete! ????

Who will lift the trophy next month? ????????#UCLdraw pic.twitter.com/h7hYwKWw2K

— UEFA Champions League (@ChampionsLeague) July 10, 2020

މިއަދު ކުރިއަށް ގެންދިޔަ ގުރުގައި ޕީއެސްޖީން އެޓަލާންޓާއާ ދެކޮޅަށް ނުކުންނައިރު އަނެއް މެޗުގައި ޖަރުމަނުގެ އާރުބީ ލައިޕްޒިގް ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެޓަލާންޓާ އަތުން މޮޅުވެއްޖެ ނަމަ ޕީއެސްޖީ ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ އެތުލެޓިކޯ ނޫނީ ލައިޕްޒިގާ އެވެ. މުބާރާތުގައި ބާކީ އޮތް ޓީމުތަކަށް ބަލާއިރު އެންމެ ނަސީބު ރަނގަޅުކޮށް ލައްވާލީ ޔޫރަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދުމަށް ބޮޑު ހަރަދެއް ކުރަމުން އަންނަ ޕީއެސްޖީ އަށެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅޭ ގަދަ 16 ގެ މެޗުން ކުރި ހޯދާ ޓީމަކާ ލިޔޯން އާއި ޔުވެންޓަސް ކުޅޭ މެޗުން ކުރި ހޯދާ ޓީމެވެ. ކުއާޓާގެ ދެ ވަނަ މެޗުގައި ބައްދަލުކުރަން ޖެހޭނީ ބާސެލޯނާ އާއި ނަޕޯލީ ކުޅޭ މެޗާއި ބަޔާން މިއުނިކާއި ޗެލްސީ ވާދަކުރާ މެޗުން މޮޅުވާ ޓީމެކެވެ. އެހެންވެ، ކުއާޓާ ފައިނަލުގެ ފުރަތަމަ ދެމެޗުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ އެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވެސް މި މެޗުތަކުން ކުރި ހޯދާ ޓީމުތަކެވެ. މުބާރާތުގެ ފައިނަލް މެޗު އޮގަސްޓް 23 ވަނަ ދުވަހު ކުޅޭއިރު ހޯމް ޓީމަކަށް ވަނީ ޕީއެސްޖީ ހިމެނޭ ފަޅިން ފައިނަލަށް ދަތުރުކުރާ ޓީމެކެވެ.

ޗެމްޕިއަންސް ލީގު މެދުކަނޑާލިއިރު ނުކުޅެވުނު ދެ ވަނަ ލެގްގެ މެޗުތައް ކުޅޭނީ އޮގަސްޓް 7-8 ވަނަ ދުވަހު އެވެ. ފުރަތަމަ ލެގްގައި ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީން ވަނީ ރެއާލް މެޑްރިޑް 2-1 އިން ބަލިކޮށްފަ އެވެ. ދެ ވަނަ ލެގް އަމިއްލަ ދަނޑުގައި ކުޅޭއިރު މެޗު އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ކުއާޓާ ފައިނަލަށް ދެވޭނެ އެވެ. ދެ ވަނަ ބުރުގައި ޗެލްސީން އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން 3-0 އިން ބަލިވެފައިވާއިރު ދެ ވަނަ ލެގް އޮންނާނީ ބަޔާންގެ ދަނޑުގަ އެވެ. ނަޕޯލީ އާއި ބާސެލޯނާ ވާދަކުރި ފުރަތަމަ މެޗު 1-1 އިން ވަނީ އެއްވަރުވެފަ އެވެ. ދެ ވަނަ ލެގް އޮންނާނީ ބާސެލޯނާގެ ދަނޑުގަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޔުވެންޓަސް ވަނީ ލިޔޯންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗުން 1-0 އިން ބަލިވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!