ފުރަތަމަ ސަފްޙާ / ޚަބަރު / ރޭގެ މެޗުތަކުގައި ވީއޭއާރު ގޯސްކަމަށް ޕްރިމިއާ ލީގުން އެއްބަސްވެއްޖެ

ރޭގެ މެޗުތަކުގައި ވީއޭއާރު ގޯސްކަމަށް ޕްރިމިއާ ލީގުން އެއްބަސްވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 ޖުލައި 2020

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުގައި ވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ކަނޑައެޅި ނިންމުންތައް ގޯސްކަމަށް ޕްރިމިއާ ލީގުން ބުނެފި އެވެ.

ލީގުގައި ރޭ ކުޅުނީ ބޯންމައުތާއި ޓޮޓެންހަމް ހޮޓްސްޕާސް 0-0 އިން އެއްވަރުވި މެޗާއި އެވަޓަން އާއި ސައުތެމްޓަން 1-1 އިން އެއްވަރުވި މެޗުގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުން 3-0 އިން އެސްޓަން ވިލާ ބަލިކުރި މެޗެވެ.

ތިން މެޗުގެ ތެރެއިން ވީއޭއާރުގެ ނިންމުންތައް ގޯސްކަމަށް ޕްރިމިއާ ލީގުން އެއްބަސްވީ ސައުތެމްޓަނާއި ޔުނައިޓެޑަށް ދިން ޕެނަލްޓީ އާއި ބޯންމައުތުގެ ޖޯޝުއާ ކިންގް ޓޮޓެންހަމްގެ ހެރީ ކޭން އަށް ކުރި ފައުލަށް ޕެނަލްޓީ ނުދޭން ނިންމުމެވެ.

ޓޮޓެންހަމް މެޗުގައި ކިންގް، ކޭން ކޮށްޕާލި ނަމަވެސް މެޗުގެ ރެފްރީ މައިކެލް އޮލިވާ ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމައިފަ އެވެ. ރެފްރީގެ ނިންމުން ދެމެހެއްޓީ ވީއޭއާރު ބެލުމަށް ފަހު އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމުމުންނެވެ. އެހެންނަމަވެސް ރެފްރީ ޓޮޓެންހަމަށް ޕެނަލްޓީ ނުދޭން ނިންމުމުން މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ފާޑުކިޔައިފަ އެވެ.

“ނުފޫޒު ގަދަ މީހުންނަށް ފާޑުކިޔާކަށް އެމީހުން ބޭނުމެއް ނުވާނެ. ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހުރީ މި ރެފްރީ. މުޅި ދުނިޔެއަށް އެނގޭނެ ކޭން އަށް ކުރީ ފައުލެއްކަމާ އެއީ ޕެނަލްޓީއެއްކަން” މޮޅެއް ނުލިބުމުން ހިތްހަމަ ނުޖެހިފައިހުރި މޮރީނިއޯ ބުންޏެވެ.

ވީއޭއާރާ ދެކޮޅަށް ޕްރިމިއާ ލީގުން ދެން އެއްބަސްވީ ސައުތެމްޓަނަށް ދިން ޕެނަލްޓީ އެވެ. އެ މެޗުގައި އެޓީމަށް ޕެނަލްޓީ ލިބުނީ އެވަޓަންގެ އަންދްރޭ ގޯމޭސް ސައުތެމްޓަންގެ ޖޭމްސް ވާޑް-ޕްރައުސް އޭރިޔާތެރެއިން ވައްޓާލިކަމަށް ބަލާފަ އެވެ. އެކަމަކު އެއީ ޕެނަލްޓީއެއް ދޭންޖެހޭ ހާލަތެއް ނޫންކަމަށް ޕްރިމިއާ ލީގުން ވަނީ އެއްބަސްވެފަ އެވެ. ސައުތެމްޓަނަށް ޕެނަލްޓީ ލިބުނު ނަމަވެސް ވާޑް-ޕްރައުސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އެންމެ ހޫނުވި ބަހުސަކަށްވީ އެސްޓަން ވިލާގެ އެޒްރީ ކޮންސާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އަށް ފައުލް ކުރިކަމަށް ބަލައި ވީއޭއާރުގެ އެހީގައި ރެފްރީ ޖޯން މޮސް ދިން ޕެނަލްޓީ އެވެ. މި ނިންމުމާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަދައްކަމުން އަންނައިރު ޕްރިމިއާ ލީގުން ވެސް ވަނީ އެއީ ޕެނަލްޓީ ދޭންޖެހޭ ހާލަތެއް ނޫންކަމަށް އެއްބަސްވެފަ އެވެ.

“އެއީ ރަނގަޅު ނިންމުމެއް ނޫން. ވީއޭއާރުން އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމައި ކޮންސާ (އެސްޓަން ވިލާގެ ޑިފެންޑަރު) އަށް ކުރި ފައުލެއް ގޮތުގައި އެޓީމަށް ޖެހުމެއް ލިބެންޖެހޭ” ޕްރިމިއާ ލީގުގެ މެޗު ސެންޓަރުން ބުނެފައިވެ އެވެ.

އެސްޓަން ވިލާގެ ކޯޗު ޑީން ސްމިތު މެޗަށް ފަހު ވަނީ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސްމިތު ބުނީ ރެފްރީ އަށް އެއީ ޕެނަލްޓީއެއް ގޮތަށް އެވަގުތު ގަބޫލުކުރެވުނަސް އެ މަންޒަރު އަލުން ބެލޭ ގޮތަށް ސްރީން ވެސް ހުންނައިރު އެކަން ނުކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެކަމަކު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފައިވަނީ އެއީ ރަނގަޅު ނިންމުމެއް ކަމަށާއި، އެސްޓަން ވިލާގެ ކުޅުންތެރިޔާ ފެނާންޑޭސަށް ފައުލް ކުރި ކަމަށެވެ.

ރޭގެ ނިންމުންތަކާއެކު ގިނަ ބަހުސްތަކެއް ކުރެވެމުންދާއިރު ވީއޭއާރުގެ ސަބަބުން މީގެ ކުރިން ވެސް ބައެއް މެޗުތަކުގައި ވަނީ ގޯސްތަކެއް ހެދިފަ އެވެ.

ރޭގެ މެޗުތަކުގެ ނިންމުންތަކާއި ގުޅިގެން އެވަޓަންގެ ކުރީގެ މިޑްފީލްޑަރު ޓިމް ކޭހިލް ބުނެފައިވަނީ ވީއޭއާރުން ގޮތް ނިންމާ ޓީމުގައި ކުރީގެ ކުޅުންތެރިއަކު އިންނަން ޖެހޭނެ ކަމަށެވެ.

“އަހަރެންނަށް ވިސްނޭ ގޮތުގަ އޭރުން ވަރަށް ބޮޑު އެހީތެރިކަމެއް ވީއޭއާރުގެ ޓީމަށް ލިބޭނެ. ޕެނަލްޓީއެއް ހޯދަން ކުޅުންތެރިއަކު ވެއްޓޭއިރު އެކަން އެނގެން ޖެހޭނެ. ކުރީގެ ކުޅުންތެރިއަކު ވީއޭއާރު ސިސްޓަމް ކައިރީ އިންނަނަމަ އެކަމެއް ބުނެދޭން ފަސޭހަވާނެ” ޔުނައިޓެޑް މެޗަށް ފަހު ކޭހިލް ބުނެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!