ފުރަތަމަ ސަފްޙާ / ޚަބަރު / ރެކޯޑަކާ އެކު ޔުނައިޓެޑުން އަމާޒު ޔަގީންކުރަނީ

ރެކޯޑަކާ އެކު ޔުނައިޓެޑުން އަމާޒު ޔަގީންކުރަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 ޖުލައި 2020

އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ޖެހިޖެހިގެން ހަތަރު މެޗުގައި ތިން ގޯލުގެ ތަފާތުން މޮޅުވި ފުރަތަމަ ޓީމްގެ ރެކޯޑާއެކު ރޭ ރަށުން ބޭރުގައި އެސްޓަން ވިލާ 3-0 އިން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ލީގު ތާވަލުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.

ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔުނައިޓެޑުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ތިން ގޯލުގެ ތަފާތަކުން މޮޅުވެފަ އެވެ. އިނގިރޭސި ފުޓްބޯޅައިގައި މީގެކުރިން ހަތަރު މެޗުގައި ތިން ގޯލުގެ ތަފާތުން މޮޅުވީ 1987 ވަނަ އަހަރު ލިވަޕޫލެވެ. އެކަމަކު 1992 ވަނަ ލީގު ރީބްރޭންޑްކޮށް ކުޅެން ފެށިފަހުން މި ރެކޯޑް ހެދުނު ހަމައެކަނި ޓީމަކީ ޔުނައިޓެޑެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު މެޗުގައި ބޯންމައުތު އަތުން 5-2 އިން ޔުނައިޓެޑް މޮޅުވިއިރު އެޓީމުން ވަނީ ޝެފީލްޑް ޔުނައިޓެޑާއި ބްރައިޓަން 3-0 އިން ބަލިކޮށްފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ޔުނައިޓެޑުން ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ލަނޑު ޖެހީ ސުވާލު އުފެދުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް އެވެ. ފެނާންޑޭސް އަށް އެސްޓަން ވިލާގެ ކުޅުންތެރިޔާ ފައުލްކުރިކަމަށް ރެފްރީ ނިންމި ނަމަވެސް ފުޓްބޯޅައިގެ ގިނަ ސަޕޯޓަރުން އެކަމަށް އެއްބަހެއް ނުވެ އެވެ. އެކަމަކު ލިބުނު ޕެނަލްޓީގެ ބޭނުންހިފައި ފެނާންޑޭސް ވަނީ ލީގުގައި ޔުނައިޓެޑަށް އޭނާގެ ހަތް ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ޔުނައިޓެޑްގެ ދެ ވަނަ ގޯލު ފުރަތަމަ ހާފުގެ ފަހުކޮޅު ޖެހީ 18 އަހަރުގެ ހުނަރުވެރި ފޯވާޑް މޭސަން ގްރީންވުޑެވެ. ރެއަކީ ލީގުގައި ޖެހިޖެހިގެން ގްރީންވުޑް ލަނޑުޖެހި ތިން ވަނަ މެޗެވެ. ޔުނައިޓެޑްގެ ތިން ވަނަ ގޯލު ދެ ވަނަ ހާފުގައި ފެނާންޑޭސްގެ އެހީގައި ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރެލިގޭޝަންގެ ބިރުއޮތް ބޯންމައުތުން ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފި އެވެ. 0-0 އިން ނިމުނު މި މެޗުގެ ފަހު މިނެޓުގައި ބޯންމައުތުގެ ކަލުމް ވިލްސަން ޖެހި ގޯލު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. އަނެއްކޮޅުން މެޗުގައި ޖޯޝުއާ ކިންގް ހެރީ ކޭން އަށް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީ ނުދިނުމުން ވެސް އިތުރު ބަހުސެއް ކުރެވުނެވެ. ރޭ އެވަޓަންގެ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ލީގުގެ ގަދަ ހަތަރެއްގެ ރޭހުގައި ޔުނައިޓެޑް އަދިވެސް އޮތީ ފަސް ވަނައިގަ އެވެ. އެޓީމަށް 34 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޗެލްސީން 60 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެ ވަނައިގައި އޮތް ސިޓީ ވަނި 69 ޕޮއިންޓް ހޯދައިފަ އެވެ. ޗެމްޕިއަން ލިވަޕޫލް އެއް ވަނައިގައި އޮތީ 92 ޕޮއިންޓާއެކު އެވެ.

ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު ޔުނައިޓެޑުން ދެމެހެއްޓިއިރު އެޓީމުން ސީޒަނުގައި ނިންމާ ހިސާބެއް އެނގިގެންދާނީ ލެސްޓާ އަށް ދެކޮޅަށް ލީގުގެ ފަހު މެޗުގައި ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!