އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން އަމިއްލަ ދަނޑުގައި ވެޓްފޯޑް 3-0 އިން ބަލިކުރިއިރު އާސެނަލުން ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެއްޖެ އެވެ.
ޗެލްސީއާ އާސެނަލުން މޮޅެއް ހޯދުމުގެ ކުރިން ރޭ އެންމެ ފުރަތަމަ ކުޅުނު މެޗުތަކުން މެންޗެސްޓަރ ޔުނައިޓެޑާއި ލެސްޓާ ސިޓީ ވެސް ވަނީ މޮޅުވެފަ އެވެ. ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 5-2 އިން ބޯންމައުތު ބަލިކުރިއިރު ލެސްޓާ އިން ވަނީ 3-0 އިން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސް ބަލިކޮށްފަ އެވެ.
ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވި މެޗަށް ފަހު ރޭ ޗެލްސީން ހޯދި މޮޅާއެކު އެޓީމު ވަނީ ލީގުގެ ހަތަރު ވަނަ މަގާމް ދަމަހައްޓައިފަ އެވެ. ޗެލްސީން މަގާމު ދެމެހެއްޓި ނަމަވެސް ގަދަ ހަތަރަކަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ ވުލްވްސް އަށް ވަނީ އާސެނަލް އަތުން އެ ފުރުސަތު ހަނިވެފަ އެވެ. އެކަމަކު އާސެނަލުން ހޯދި މުހިއްމު މޮޅާއެކު އެޓީމުން ވަނީ އަންނަ ސީޒަނުގައި ޔޫރަޕްގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ. ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޓީމުތަކުގެ ތެރެއިން ލެސްޓާ ތިން ވަނައިގައި އޮތީ 58 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 56 ޕޮއިންޓް ލިބިފައިވާއިރު ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. ހަ ވަނައިގައި އޮތީ 52 ޕޮއިންޓް ލިބިފައިވާ ވުލްވްސް އެވެ. ގާތްގާތުގައި ހޯދި މޮޅުތަކާއެކު އާސެނަލް ވަނީ 49 ޕޮއިންޓް ހޯދައި ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ލީގުގައި އިއްޔެ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ބޯންމައުތުން ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރައި ޖެހި ލަނޑުތަކުންނެވެ. ބޯންމައުތުން ފުރަތަމަ ހާފުގައި ލީޑު ނެގިނަމަވެސް ހާފު ނިންމާލިއިރު ޔުނައިޓެޑުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު 18 އަހަރުގެ އިނގިރޭސި ފޯވާޑް މޭސަން ގްރީންވުޑް ޖެހިއިރު ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މާކަސް ރަޝްފާޑް އެވެ. ޔުނައިޓެޑްގެ ތިން ވަނަ ގޯލު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއާލް އެވެ. ދެ ވަނަ ހާފު ފެށިގެން ކުރީކޮޅު ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން ބޯންމައުތުން ފަރަގު ކުޑަކުރި ނަމަވެސް މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން އައި ޔުނައިޓެޑުން ވަނީ ފަހުން އިތުރު ދެ ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑްގެ ހަތަރު ވަނަ ގޯލު ގްރީންވުޑް ޖެހިއިރު ފަހު ގޯލު ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް އެވެ.
ޔުނައިޓެޑް މެޗު ކުޅުނު ވަގުތު ލެސްޓާ އިން ޕެލޭސްގެ މައްޗަށް ކުރި ހޯދި މެޗުގައި ވާޑީ ޖެމީ ވާޑީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް ކެލެޗީ އީނާޗޯ އެވެ. އާސެނަލުން ރޭ ވުލްވްސްގެ މައްޗަށް ކުރި ހޯދި މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ 18 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ ބުކާޔޯ ސަކާ އެވެ. އާސެނަލްގެ ދެ ވަނަ ގޯލު ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އަލްޒެންޑަ ލަކަޒެޓް އެވެ. ވުލްވްސް އިން ގޯލެއް ޖަހަން މަސައްކަތް ކުރިނަމަވެސް އާސެނަލުން ވަނީ އެޓީމުގެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރޭ ދަންވަރު ވެޓްފޯޑް އަތުން ޗެލްސީ މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ދެ ގޯލު ޖަހައިފަ އެވެ. ރޮސް ބާކްލީ ދިން ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން ޗެލްސީ އަށް މެޗުގައި ލީޑު ނަގައިދިނީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ކްރިސްޓިއަން ޕުލިސިކަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޗެލްސީގެ ލީޑު ފުޅާކޮށްދިނީ ވިލިއަން އެވެ. ޗެލްސީގެ ތިން ވަނަ ގޯލު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ މޮޅު ކުޅުމެއް ދެއްކި ބާކްލީ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން ޗެމްޕިއަން ލިވަޕޫލުން އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނާނީ ރޭގަނޑު 8:30 ގަ އެވެ. ސައުތެމްޓަނުން އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނާނީ ރޭގަނޑު 11 ޖަހާއިރު އެވެ.