ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ހެދި މެޗުން މޮޅުވެ ޔުވެންޓަސް އިން ލީގުގެ އެއް ވަނައިގެ ލީޑު ފުޅާކޮށްފި އެވެ. ރޭ އަމިއްލަ ދަނޑުގައި ޓޮރީނޯއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 4-1 އިންނެވެ.
އުމުރުން 42 އަހަރުގެ ބުފޮން ވަނީ ރޭގެ މެޗާއެކު ލީގުގެ ތާރީހުގައި 648 މެޗު ކުޅެފަ އެވެ. އެއް މެޗު މަދުން ކުޅެ ލިސްޓުގެ ދެ ވަނައިގައި އުޅެނީ ކުރީގެ މަޝްހޫރު ޑިފެންޑަރު ޕައޮލޯ މަލްޑީނީ އެވެ. ތިން ވަނައިގައި 618 މެޗު ކުޅެފައިވާ ފްރަންސެސްކޯ ޓޮޓީ އޮތްއިރު ހަތަރު ވަނައިގައި އޮތީ 615 މެޗު ކުޅެފައިވާ އާޖެންޓީނާ އަދި އިންޓަ މިލާނަށް ކުރިން ކުޅުނު ޑިފެންޑަރު ހާވިއޭ ޒަނެޓީ އެވެ. އިޓާލިއަން ލީގުގައި ބުފޮން ރެކޯޑް ހެދި މެޗަށް ރޭ ޔުވެންޓަސްގެ ކުޅުންތެރިން ނުކުތީ ޖާޒީގެ އަތުގައި ބުފޮން ކުޅުނު މެޗުގެ އަދަދާއި އޭނާގެ ނަން ޖަހައިގެންނެވެ. 1995 ވަނަ އަހަރު ޕާމާ އިން ފުޓްބޯޅަ ކެރިއަރު ފެށުމަށް ފަހު ބުފޮން ޔުވެންޓަސްއާ ގުޅުނީ 2001 ވަނަ އަހަރު އެވެ. އޭގެފަހުން 2018 ވަނަ އަހަރު އެއް ސީޒަނަށް ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު ބުފޮން ވަނީ އެނބުރި ޔުވެންޓަސްއާ ގުޅިފަ އެވެ.
މޮޅާއެކު ޔުވެންޓަސް އަށް އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބުނީ ރޭ މެންދަމު ލާޒިއޯ އިން އަމިއްލަ ދަނޑުގައި 3-0 އިން އޭސީ މިލާން އަތުން ބަލިވުމުންނެވެ. ލީގުގެ އެއް ވަނައިގައި 75 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ދެ ވަނައިގައި އޮތް ލާޒިއޯ އަށް ހަމަކުރެވިފައިވަނީ 68 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެފައިވާ އިންޓަ މިލާން އޮތީ 64 ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. ލީގުގައި ޔުވެންޓަސް އާއި ލާޒިއޯ އަށް ބާކީ އޮތީ އަށް މެޗެވެ.
ޔުވެންޓަސްގެ ފުރަތަމަ ގޯލު މެޗު ފެށިގެން ތިން ވަނަ މިނެޓުގައި ޖެހީ ޕައޮލޯ ޑިބާލާ އެވެ. ދެ ވަނަ ގޯލު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއެކު ހުއާން ކުއަޑްރާޑޯ ޖެހިއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ޓޮރީނޯ އަންދްރޭ ބެލޮއްޓީ ވަނީ ފަރަގު ކުޑަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ޔުވެންޓަސް އަށް ލީޑު ފުޅާކޮށްދިން ތިން ވަނަ ގޯލު ރޮނާލްޑޯ ހިލޭ ޖެހުމަކުން ޖެހިއިރު ޔުވެންޓަސްގެ ހަތަރު ވަނަ ގޯލަކީ ޓޮރީނޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގައި ރޮނާލްޑޯގެ ގޯލަކީ ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. އެޓީމަށް ބަދަލުވުމަށް ފަހު ފުރަތަމަ ޖެހި 40 ހިލޭ ޖެހުމުން ރޮނާލްޑޯ އަށް ގޯލެއް ކާމިޔާބު ކުރެވިފައެއްނުވެ އެވެ. އެކަމަކު ރޭ ރޮނާލްޑޯ ވައްދާލި މޮޅު ޖެހުމާއެކު އޭނާ މިހާރު ވަނީ ފުޓްބޯޅަ ކެރިއަރުގައި ހިލޭ ޖެހުމުން 46 ގޯލު ޖަހައިފަ އެވެ. އޭގެތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގައި ހުރެ 13 ގޯލު ހިލޭ ޖެހުމުން ކާމިޔާބު ކުރިއިރު ރެއާލް މެޑްރިޑްގައި 32 ހިލޭ ޖެހުން ވަނީ ވައްދާލާފަ އެވެ.
ރޭގެ ގޯލާއެކު ލީގުގައި 25 ލަނޑު ހަމަކޮށް ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ 59 އަހަރުވީ ރެކޯޑެއް މުގުރާލާފަ އެވެ. މީގެ ކުރިން އެއް ސީޒަނެއްގައި ލީގުގައި ޔުވެންޓަސް އަށް 25 ގޯލު ކާމިޔާބުކުރެވުނީ 61-1960 ވަނަ ސީޒަނުގައި އޮމަރު ސިވޯރީ އެވެ. އެކަމަކު މި ސީޒަނުގައި 35 އަހަރުގެ ރޮނާލްޑީ އަންނަނީ ގިނަ ގޯލުތަކެއް ޖަހަމުންނެވެ. ޔުވެންޓަސްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ލީގުގައި ރޮނާލްޑޯ އަށް ޖެހުނީ 21 ގޯލެވެ.
މިލާނުން ލާޒިއޯ ބަލިކުރި މެޗުގެ ފުރަތަމަ ގޯލު ހަކާން ޗަންގްލޫ ޖެހިއިރު ދެ ވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޒަލަޓަން އިބްރަހިމޮވިޗް އެވެ. ތިން ވަނަ ގޯލު ދެ ވަނަ ހާފުގައި ޖެހީ އަންޓޭ ރެބިޗް އެވެ. މުހިއްމު މޮޅާއެކު މިލާން މިހާރު ވަނީ 46 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމުގެ ފަހަތުން ހަތް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ 45 ޕޮއިންޓް ލިބިފައިވާ ނަޕޯލީ އެވެ.