ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ޓޭބަލްގެ ފުލުގައި އޮތް އެސްޕަނިޔޮލް އާ ވާދަކޮށް ކުޅުނު މެޗް ކާމިޔާބުކޮށް ޓޭބަލްގެ އެއް ވަނައިގައި އެ ޓީމުން ދެ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ. ރަށުން ބޭރުގައި އެސްޕަނިޔޮލް އާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ 0-1 އިންނެވެ.
ރޭގެ ނަތީޖާ އާ އެކު ރެއާލް މެޑްރިޑަށް 71 ޕޮއިންޓް ލިބިފައިވާ އިރު ދެވަނައިގައި ބާސެލޯނާ އޮތީ 69 ޕޮއިންޓާ އެކު އެވެ. މިއިން ކޮންމެ ޓީމަކަށްވެސް ލީގުގައި ބާކީ ދެން އޮތީ ހަ މެޗެވެ. ހުރިހާ މެޗެއް ނިމޭއިރު ދެ ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެ ނަމަ ދެން ބަލާނީ ހެޑް ޓު ހެޑް ރެކޯޑަށެވެ. އެގޮތަށް ބަލައިފި ނަމަ މިފަހަރު ކުރި ލިބެން އޮތީ ރެއާލް އަށެވެ.
ރޭގެ މެޗްގައި ރެއާލް މެޑްރިޑުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ކަރިމް ބެންޒެމާ ދިން ހިތްގައިމު ބޯޅަ އަކުން ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. މި ލަނޑު ޖެހުމުގެ ކުރިންވެސް 28 އަހަރުގެ ކަސެމީރޯ އެސްޕަނިޔޮލްގެ ގޯލް ހުޅުވާލުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު ރެއާލްގެ ހާފްގެ ތެރޭގައި ހުރެ ކަސެމީރޯ ފޮނުވާލި ބާރު ބޯޅަ އެސްޕަނިޔޮލްގެ ގޯލް ކީޕަރު ޑިއޭގޯ ލޯޕޭޒް ވަނީ މަތަކޮށްފަ އެވެ.
ރޭގެ މެޗްގައި ރެއާލްއިން ގިނަ ވަގުތު ބޯޅަ ގެންގުޅެގެން ކުޅުނު ނަމަވެސް ރެއާލްގެ ގޯލާ އަމާޒުކޮށް އެސްޕަނިޔޮލް އިން ގިނަ ހަމަލާތަކެއް ފޮނުވާލައިފައިވެ އެވެ. އޭގެ ތެރެއިން ފަސް ހަމަލާއެއް ރެއާލްގެ ގޯލްކީޕަރު ތިބާއު ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.
ލީގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އިން ދެން އެންމެ އަވަހަށް ކުޅެންޖެހޭ މެޗް ދެ ޓީމުންވެސް ކުޅޭނީ އަމިއްލަ ދަނޑުގަ އެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާއަށް ނުކުންނަން ޖެހިފައިވާ އިރު ބުރާސްފަތި ދުވަހުގެ ރޭ ރެއާލް މެޑްރިޑް ވާދަކުރަން ހަމަޖެހިފައި ވަނީ ހަ ވަނައިގައި އޮތް ގެޓާފޭ އާ އެވެ.